ދުނިޔެ

ޔުނެސްކޯއިން ރަޝިއާ ބޭރެއް ނުކުރެވޭނެ

ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް، ސައެންޓިފިކް އެންޑް ކަލްޗްރަލް އޮގަނައިޒޭޝަން (ޔުނެސްކޯ) އިން ރަޝިއާ ބޭރު ނުކުރެވޭނެ ކަމަށް އެ އޮގަނައިޒޭޝަނުން ބުނެފި އެވެ.

ޔުނެސްކޯ އިން ބުނީ އދ. ގެ މެމްބަރެއް ގޮތުގައި ރަޝިއާ އޮތްހާ ހިނދަކު، ޔުނެސްކޯ ކަހަލަ އދ.ގެ ގުނަވަނަކުން ރަޝިއާ ވަކިކޮށް ބޭރުކޮށް ނުލެވޭނެ ކަމަށެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް މުޅި ދުނިޔެއިން ރަޝިއާއަށް އަދަބު ދެމުން ގެންދާއިރު، އެއީ އަދި ކުޑަވަރެއް ކަމަށް ޔުކްރޭނުން ވަނީ ބުނެފަ އެވެ.

ޔުކްރޭނުން އެދޭ ގޮތަކީ ރަޝިއާ އދ. އިން ވެސް ވަކިކުރުމެވެ. އަދި ރަޝިއާއަށް ނިސްބަތް ކުރެވޭ އެކައްޗެއް ވެސް ދުނިޔޭގެ އެއްވެސް ގައުމަކުން ބޭނުން ނުކުރުމެވެ.

އދ. ގައި ރަޝިއާއާ ދެކޮޅަށް މިހާރު ފާސްކުރަން އުޅޭ ގަރާރުތަކަށް ވަރަށް ގިނަ ގައުމުތަކުން ތާއީދު ކުރާނެ އެވެ. އެހެން ނަމަވެސް ރަޝިއާއާ ދެކޮޅަށް އދ. މެދުވެރިވެގެން ހަރުކަށި ފިޔަަވަޅެއް އަޅާނެ ކަމަކަށް ނުބެލެވެ އެވެ.

ރަޝިއާ އަކީ އދ. ގައި ވީޓޯކުރުމުގެ ބާރު އޮންނަ ގައުމެކެވެ. އަނެއްކޮޅުން ޗައިނާ އަކީ ވޯޓޯކުރުމުގެ ބާރު އޮންނަ ގައުމެކެވެ. އެހެންކަމުން ރަޝިއާގެ ބާރުކަނޑުވާލަން އދ. ގައި ކުރާ ކޮންމެ ކަމަކަށް ޗައިނާ ވެސް ހުރަސް އަޅާނެ އެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭނަށް ހަމަލާދޭން ފެށީ މިއަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭންގެ ބޮޑު ބައެއް ވަނީ ސުންނާފަތި ވެފަ އެވެ. އެވަރުން ވެސް ހަނގުރާމަ ހުއްޓުވާލުމުގެ ވިސްނުން ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ނުގެންގުޅެ އެވެ.