ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހަވީރު އެވެ.

އެ ކުއްޖާ ހައްޔަރުކޮށްފައިވަނީ އޭނާ އުޅޭ ގެއިންނެވެ. އެ ގެ ބަލައިފާސްކުރިއިރު އެގޭތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 18 ރަބަރު ޕެކެޓް ފެނިފައިވުމުން ކަމަށް ފުލުހުން ބުނެއެވެ. މި ކުއްޖާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ކުއްޖެކެވެ.