ލައިފްސްޓައިލް

އަސްލު މަންމަ ވީ އެއްތަނެއްގައި މަސައްކަތްކުރާ މީހަކަށް

ވަރަށް ތުއްތުއިރު ދެމަފިރިއަކު އެޑޮޕްޓްކުރި ކުއްޖެއް ބޮޑު ވެގެން އޭނާގެ މަންމަ ހޯދިއިރު އެ މަންމަވީ އޭނާއާއެކު އެއް ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ މީހަކަށެވެ.

ބެންޖަމިން ހުލެބާގް އާއި ހޯލީ ޝިއަރާގެ ފުރަތަމަ ބައްދަލުވުމުން އެމީހުންނަށް އެނގުނު ގޮތުގައި ދެމީހުންނަކީ ވެސް ސޯލްޓް ލޭކް ސިޓީ ހޮސްޕިޓަލުގައި މަސައްކަތްކުރާ ދެ މީހުންނެވެ.

"އަހަރެންގެ ދަރިފުޅާއި އަހަރެން މަސައްކަތް ކުރަމުން ދިޔައީ އެއް ތަނެއްގައި ކަމާއި ވަރަށް ގިނަ ފަހަރަށް ވަރަށް ކައިރިން ދިމާވެ ފެނިފައި ހުންނާނެކަން އެނގުމުން އަހަރެންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެއް،" ހޯލީ ބުންޏެވެ.

ނަމަވެސް ދެމައިންގެ ފުރަތަމަ ބައްދަލުވުން ދިޔައީ ވަރަށް އަމާން އޮމާންކޮށެވެ. އެއްވެސް ކަހަލަ ޝަކުވާއެއް އެ ދެމައިންގެ މެދުގައި ނެތެވެ. އޭގެ ބަދަލުގައި އެތައް އަހަރަކަށް ފަހު ނަމަވެސް ދެމައިންނަށް ބަދަލު ވެވުނީތީ އެމީހުން ތިބީ އިންތިހާއަށް އުފަލުންނެވެ.

ހޯލީ އަކީ މެޑިކަލް އެސިސްޓެންޓެއްގެ ގޮތުގައި ހޮސްޕިޓަލުގައި މަސައްކަތްކުރަމުންދާ މީހެކެވެ. ބެންޖަމިން މަސައްކަތްކުރީ އެ ހޮސްޕިޓަލުގެ ތުއްތު ކުދިން ތިބޭ ޔުނިޓުގައި ވޮލަންޓިއަރެއްގެ ގޮތުގަ އެވެ.

"ކޮންމެ ދުވަހަކު އަހަރެން ހޮސްޕިޓަލަށް ވަދެގެން ދާއިރު އާއި މަސައްކަތުގައި އުޅޭއިރު އެކި ތަންތަނުން ދަރިފުޅާ އެކި ފަހަރު މަތިން ބައްދަލުވެފައި ހުންނާނެކަން ޔަގީން،" ހޯލީ ބުންޏެވެ.

ބެންޖަމީން އަކީ ހޯލީ އަށް އެންމެ 15 އަހަރުގައި ލިބުނު ދަރިއެކެވެ. އެހެންވެ ބަލިވެ އިނދެ ހަ މަސް ވުމުން ދަރިފުޅު އެޑޮޕްޝަނަށް ލާން ހޯލީ ހުރީ ނިންމައިގެންނެވެ. އެހާ ޅަ އުމުރުގައި ދަރިއަކު ރަނގަޅަށް ނުބެލޭނެތީ ބިރުންނެވެ.

ބެންޖަމިން އުފަންވީ ދުވަހު އޭނާގެ އެޑޮޕްޝަންގެ ހުރިހާ ކަމެއް ފުރިހަމަކޮށް އޭނާއާ ހަވާލުވީ އެންޖެލާ އާއި ބްރައަން ހުލެބާގް އެވެ. އެއީ 2001 ވަނަ އަހަރެވެ. އޭގެ ފަހުން ބެންޖަމީން ގެންގުޅެ ބޮޑުކުރީ އެ ދެމަފިރިންނެވެ. ނަމަވެސް އެންމެ ކުޑައިރުއްސުރެ ވެސް ބެންޖަމީން އަށް އޭނާއަކީ އެޑޮޕްޓް ކޮށްފައިވާ ކުއްޖެއްކަން އެ ދެމަފިރިން ކިޔައިދެމުން ދިޔަ އެވެ. އަދި އޭނާގެ މަންމަގެ ނަމަކީ ހޯލީ ކަން ވެސް ބުނެދިނެވެ.

"އަހަރެމެންނާ ބެންޖަމިން ހަވާލު ކުރި ދުވަހު ވެސް އަހަރެމެންނަށް އެނގުނު ހޯލީ ހިތާއި ފުރާނައިން ބެންޖަމިން ދެކެ ލޯބިވާކަން. އެހާ ޅަ ކުއްޖެއް ވީމަ ތުއްތު ކުއްޖެއް ބެލޭނެ ގޮތެއް ވިސްނުމަށް ނައިގެން އެޑޮޕްޓް ކުރަން އެހެން ބަޔަކާ ހަވާލު ކުރީކަން،" އެންޖެލާ ބުންޏެވެ.

ބެންޖަމިން އަށް ވުރެ ކުރިން ހޯލީ ވަނީ އޭނާގެ ދަރިފުޅު ހޯދާފަ އެވެ. ފޭސްބުކް މެދުވެރިކޮށް ދަރިފުޅު ހޯދުނު ނަމަވެސް އޭނާ އާ ކުރިމަތިލާކަށް ބައްދަލު ކުރާކަށް ހޯލީ އަކަށް ނުކެރުނެވެ. އެހެންވެ ދުރު ދުރުން ދަރިފުޅު އުޅޭ ނޫޅޭގޮތް ބަލަބަލާ ހުރީ އެވެ.

"މީގެ 20 އަހަރު ކުރިން އަހަރެން ނިންމީ އަހަރެންގެ ހަޔާތުގެ އެންމެ އުނދަގޫ ނިންމުން. އެއީ އަހަރެންގެ ދަރިފުޅު އެހެން ބަޔަކާ ހަވާލު ކުރުން. ނަމަވެސް ދަރިފުޅުގެ ހަނދާންތައް އަބަދުވެސް އަހަންނަށް އުނދަގޫ ކުރޭ. އެހެންވެ އެންމެ ފަހުން ކެތް ނުވެގެން މީގެ ދެ އަހަރު ކުރިން އަހަރެން ދަރިފުޅު ހޯދިން. ނަމަވެސް ބައްދަލުކުރާކަށް ނުކެރުނު،" ހޯލީ ބުންޏެވެ.

އެހެން ހުއްޓާ ބެންޖަމިން ފޭސްބުކްގައި އޭނާގެ މަންމަ ހޯދަން ބޭނުންވާކަމަށް ބުނެ ޕޯސްޓެއް ޖެހި އެވެ. ބެންޖަމީން އާ ގުޅަން ހޯލީ އަށް ހިތްވަރު ލިބުނީ އެ ޕޯސްޓް ފެނިގެންނެވެ.

ބެންޖަމީންގެ 20 ވަނަ އުފަންދުވަހު ކުއްލިއަކަށް އޭނާގެ ފޯނަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައިވާ މެސެޖެއް ލިބުނެވެ. އެ މެސެޖު ފެނުމާއެކު އެއީ އޭނާގެ އަސްލު މަންމަ ފޮނުވި މެސެޖެއްކަން ބެންޖަމިން އަށް އެނގުނެވެ. އަދި ވަގުތުން މަންމަ އާ ބައްދަލުކުރުމުގެ ޝައުގުވެރިކަން ފާޅުކުރި އެވެ.

މަންމަ އާ ބައްދަލުވުމުން އޭނާއާ އެއްބަނޑު އިތުރު ދެ ކޮއްކޮ ވެސް ތިބިކަން ބެންޖަމިން އަށް އެނގުނެވެ. އަދި މަންމަ އާއި އޭނާ މަސައްކަތް ކުރަމުން ދިޔައީ އެއް ހޮސްޕިޓަލެއްގައި ކަން ވެސް އެނގުނެވެ.