ދުނިޔެ

ގޮވާން އުފުލާ ބޯޓުތަކަށް ހަމަލާ ނުދޭނެ: ރަޝިއާ

ޔުކްރޭންގެ ބަނދަރުތަކުން ގޮވާން ބަރާ ކޮށްގެން ކަޅުކަނޑު ހުރަސްކޮށް ދަތުރުކުރާ އެއްވެސް އުޅަނދަކަށް ހަމަލާ ނުދޭނެ ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ގޮވާން އުފުލާ ބޯޓުތަކުގެ ހިމާޔަތުގައި ރަޝިއާގެ އަސްކަރިއްޔާ އޮންނާނެ ކަމަށާއި އެފަދަ އެއްވެސް އުޅަނދަކަށް ރަޝިއާގެ ހަމަލާއެއް ނާރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ރަޝިއާއިން ބުނީ ޔުކްރޭންގައި ހިންގާ އަސްކަރީ އޮޕަރޭޝަނަކީ އިންސާނީ ހައްގުތަކަށް ހުރަސްއަޅަން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ބުނީ ރަޝިއާއިން އެފަދަ އެއްވެސް އަމަލެއް ނުކުރާނެ ކަމަށާއި ރަޝިއާގެ ނަމުގައި އެހެން ބަޔަކު އެފަދަ ކަމެއް ކޮށްފި ނަމަ ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

ރަޝިއާއިން މި ގޮތަށް ވާހަކަ ދައްކާފައި މިވަނީ ރަޝިއާ - ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔެ ގޮވާމަށް ދަތިވެ ގައުމުތައް ބަނޑަށް ޖެހިދާނެ ކަމަށް އދ. ގެ ގުނަވަންތަކުން ގޮވާލާފައި ވަނިކޮށެވެ.

އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ބުނި ގޮތުގައި މުޅި ދުނިޔެ ބަނޑަށް ނުޖެހުނު ނަމަވެސް ކާބޯ ތަކެތީގެ ދަތިކަން މެދުފަންތީގެ ގައުމުތަކަށް ވެސް ކުރާނެ ކަމަށެވެ.

ދުނިޔެއަށް ކޮވިޑްގެ ބަލިމަޑުކަމުން އަވަދި ނުވެވި އުޅެނިކޮށް ރަޝިއާއިން ޔުކްރޭނަށް ހަމަލާދޭން ފެށުން އެފްއޭއޯ އިން ބަލަނީ މުސީބާތެއް ގޮތުގަ އެވެ.

ރަޝިއާ އާއި ޔުކްރޭނަކީ ގޮވާމުގެ ގިނަ ވައްތަރުތައް ދުނިޔެއަށް ސަޕްލައިކުރާ ދެ ގައުމުވެ. ގޮދަނަކީ އެ ސަރަހައްދަށް ޚާއްސަ ގޮވާމެއް ނަމަވެސް، ހަނގުރާމައިގެ ސަބަބުން ޔުކްރޭންގެ ބަދަރުތައް ބަންދުވުމުގެ ސަބަބުން ދުނިޔޭގެ މާކެޓަށް ޔުކްރޭނުން ސަޕްލައިކުރާ ގޮވާމަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ.

މިސްރުގައި އޮތް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގުރޫޕްގެ އަހަރީ ބައްދަލުވުމުގައި އޮފިޝަލުން ވިދާޅުވި ގޮތުގައި، ކާބޯތަކެތި ހޯދާނެ ގޮތް ކަށަވަރު ނުވާ 8000 މިލިއަން މީހުން ދުނިޔޭގައި އެބަ ތިއްބެވެ.

މިއީ މާދާމާ ކާނެ އެތިކޮޅު ހޯދާނެ ގޮތް އެނގެން ނެތް މީހުންގެ އަދަދު ރަސްމީ ހިސާބުތަކުން ދައްކާ ވަރު ނަމަވެސް، އޮފިޝަލުން ވިދާޅު ވަނީ މި އަދަދު މިއަށް އިތުރު ވާނެ ކަމަށެވެ.

ދުނިޔެއަށް ކާބޯތަކެތި ސަޕްލައި ކުރަން ރަޝިއާ އެހީތެރި ވާނެ ކަމަށް ބުނި ނަމަވެސް، ޔުކްރޭން ބުނާ ގޮތުން އެ ގައުމުގައި ގުދަން ކޮށްފައި ހުރި އެތައް މިލިއަން ޓަނުގެ ގޮވާން ބޭރު ނުކުރެވިގެން އުޅެނީ ޔުކްރޭންގެ ބަނދަރުތައް ރަޝިއާ ސިފައިން ބަންދުކޮށްފައި އޮތުމުންނެވެ.