ދުނިޔެއިން ކާބޯތަކެތި މަދުވެ ބަނޑަށް ޖެހިދާނެ ކަމަށް ހީވާން ފެށުން އެއީ މިއަދަކު ނުވަތަ އިއްޔެއަކު ވެގެން އުޅޭ ކަމެއް ނޫން ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި މިފަހަކުން ދުނިޔެއިން ކާބޯތަކެތި މަދުވާން ފެށީ ކޮވިޑާ ގުޅިގެނެވެ. އެއީ ރަޝިއާ ސިފައިން ޔުކްރޭންގައި ހިންގާ ހާއްސަ އޮޕަރޭޝަނާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ ދުނިޔެ ކާބޯތަކެއްޗަށް ޖެހުމުގައި އެންމެ ބޮޑު ހޯގެއް ހަދާފައި އޮތީ އެމެރިކާ ކަމަށެވެ. އެއީ މުޅި ދުނިޔެ އެމެރިކާ ޑޮލަރަށް ބަރޯސާ ކުރާއިރު ކޮވިޑާ ގުޅިގެން އެމެރިކާއަށް ދިމާވި ހާލަތު ތައްކަތު ކުރަން މާ ގިނައިން ޑޮލަރު ޗާޕު ކުރުމުން ކަމަށެވެ.
ރަޝިއާއާ ހެދި ޔުކްރޭނުން ގޮވާން ބޭރު ނުކުރެވޭ ކަމަށް ބުނެ ދައްކަނީ ވެސް ތާކުން ތާކު ޖެހޭ ވާހަކައެއް ނޫން ކަމަށް ޕޫޓިން ވިދާޅުވި އެވެ. ޔުކްރޭނުން ގޮވާން ބޭރު ނުކުރެވޭ ސަބަބަކަށް ދައްކަނީ ރަޝިއާއިން ޔުކްރޭންގެ ބަނދަރުތަކަށް ހަމަލާ ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވި ގޮވާން ބޯޓުފަހަރަށް ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ދީފައި ވާނެ ކަމަށާއި ޔުކްރޭންގެ ބަނދަރުތަކަށް ރަޝިއާ ހަމަލާދޭނެ ކަމަށް ގަބޫލުކުރާ ބަޔަކަށް ގޮވާން ބޭރުކުރެވޭނެ އެހެން ގޮތްތަކެއް ވެސް ހުރި ކަމަށެވެ.
ޔުކްރޭނުން ގޮވާން ބޭރު ކުރެވޭނެ އެންމެ ފަސޭހަ، ރައްކާތެރި އަދި ހަރަދުކުޑަ ގޮތަކީ ބެލަރޫސްގެ ތެރެއިން ދުނިޔެއަށް ސަޕްލައި ކުރުން ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. އެނޫން ގޮތެއްގައި ރޮމޭނިއާ އާއި ޕޮލޭންޑްގެ ތެރެއިން ވެސް ގޮވާން ބޭރު ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި ދުނިޔެ ކާބޯތަކެއްޗަށް ޖެހުމުގެ ޒިންމާ ރަޝިއާ އުފުލާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި ހުޅަނގުން ބެލަރޫސްއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތައް ކުޑަ ލުޔެއް ދިނުމުން ދުނިޔެއަށް ކާން ދެވޭ ވަރުވާނެ އެވެ.
އެމެރިކާ އާއި ޔޫރަޕުން އެއްވެސް ކަމެއް ނުކޮށް ދެއަތް އުރާލައިގެން ތިބެ އެހެން ބަޔަކަށް ހަޅޭއްލަވައި އަޑުގަދަ ކުރުމަކުން ވާނެ ކަމެއް ނޯންނާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.