ދުނިޔެ

އެމެރިކާގެ ހަތިޔާރު އެޅި ޑްރޯން ޔުކްރޭނަށް ވިއްކަނީ

އެމެރިކާއިން ޔުކްރޭނަށް ދުރު ރާސްތާގެ ހަތިޔާރައި ބަރުހަތިޔާރު ނުދޭނެ ކަމަށް ކުރިން އޮތީ ބުނެފަ އެވެ. އެހެން ނަމަވެސް، އޮފިޝަލުން ވިދާޅުވާ ގޮތުން ބައިޑަން ސަރުކާރުން ޔުކްރޭނަށް ހަތިޔާރު އެޅި ޑްރޯން ވިއްކާ ގޮތަށް މާކުރިން ވެސް އޮތީ ހަމަޖައްސާފަ އެވެ.

ޔުކްރޭނަށް ސަޕްލައި ކޮށްދޭ "ގްރޭ އީގަލް" މަރުކާގެ ޑްރޯންތަކަކީ މަޝްހޫރު "ހެލްފަޔާ" މިސައިލްތައް އުފުލޭ ވަރުގެ ޑްރޯންތަކެކެވެ. މިއީ ހަނގުރާމައި މައިދާނަށް ބާރުގަދަ ހަމަލާތައް ދިނުމަށް ފަހު ސަލާމަތް ވެގަތުމަށް ކުޅަދާނަ ޑްރޯންތަކެކެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުން ޑްރޯންތައް ވިއްކަން ބައިޑަން ސަރުކާރުން އެދުނު ނަމަވެސް، ކޮންގްރެސް އިން ނިންމާ ގޮތަކުން މުޅި ވިޔަފާރި ބޮއްސުން ލުމަކީ ވެސް އޮތް ފުރުސަތެކެވެ. އަނެއްކޮޅުން ކޮންގްރެސްގެ ރުހުން ހޯދަން ޕެންޓަގަނުން އަދި އެދިފައި ނުވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ރަޝިއާގެ އަސްކަރީ ގާފިލާތަކަށް ހަމަލާ ދޭން ޔުކްރޭނުން މިހާރު ވެސް ޑްރޯން ބޭނުންކުރެ އެވެ. ރާޑަރަށް ނަރާ އަދި ވަރަށް ތިރިން ދަތުރުކޮށް ގޮސް ފައުޖުތަކަށް ހަމަލާ ދިނުމަށް ފަހު އެނބުރި އަމިއްލަ މަރުކަޒަށް ދަތުރުކުރާ ޑްރޯންތައް އޭގެ ތެރޭގައި ހިމެނެ އެވެ.

އެހެން ނަމަވެސް، ގްރޭ އީގަލް ޑްރޯންތަކަކީ އަސްކަރީ ޑްރޯން އާއިލާގައި ދެވަނައެއް ނެތް މޮޅު ޓެކްނޮލޮޖީތަކުން މުއްސަނދި ކޮށްފައިވާ ޑްރޯންތަކެއް ކަމަށް ބުނެވެ އެވެ.

ގްރޭ އީގަލް ޑްރޯންތަކުން މިސައިލުން ހަމަލާ ދިނުމުގެ އިތުރުން ޖާސޫސްކޮށް ވަގުތުން ވަގުތަށް ދުޝްމަނުންގެ ޗާޓުތައް ފެންވަރުމަތިކޮށް މަރުކަޒުތަކަށް ފޮނުވައިދެ އެވެ.

ރަޝިއާއިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތަކުގައި މުޅި ޔުކްރޭންގެ އުމްރާނީ ތަރައްގީ ނޮޅާލާފައި އޮތް ނަމަވެސް، ޔުކްރޭނުން އަދިވެސް ބަލަނީ ހަތިޔާރު ހޯދައިގެން ރަޝިއާ ބަލި ކުރެވޭތޯ އެވެ.

އެމެރިކާ އާއި މުޅި ޔޫރަޕުން ޔުކްރޭން ބޮލަށް އެރިގަނެ ރަޝިއާއަށް ދެމުން ގެންދާ ރައްދު ހަމަލާތަކުގައި ދެ ގައުމަށް ބޮޑެތި ގެއްލުން ލިބުނު ނަމަވެސް، ހަނގުރާމަ ހުއްޓާލުމަކީ ޔުކްރޭން ބޭނުންވާ ގޮތްަ ކަމަށް އަދި އެނގޭކަށް ނެތެވެ.