ފިނޭންސް މިނިސްޓްރީ

އިއާދަކުރަނިވި ހަކަތައިން ދުއްވާ ފެރީއެއް ބަންނަން ބަޔަކު ހޯދަނީ

Jun 3, 2022

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދުއްވާ ޕެސެންޖާ ފެރީއެއް ބަންނާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

މި މަސައްކަތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީތެރިކަމާ އެކު އަދި އެފަރާތުގެ ފައިސާގެ އެހީގައި ކުރަން ނިންމާފައިވާ މަސައްކަތެކެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވެސް އޭޑީބީގެ މެންބަރު ގައުމުތަކުގެ ފަރާތްތަކަށެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ސޯލާ ހަކަތައާއި ބެޓެރީ ބޭނުންކޮށްގެން ދުއްވާ ކަޓަމަރާން ޕެސެންޖާ ފެރީއެއް ޑިޒައިނާއި ބަނުން އަދި މެއިންޓެނަންސާއި ޓްރެއިނިން ވެސް ހިމެނޭ ގޮތަށް ކޮށްދޭނެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.

ބީލަމުގައި ބައިވެރިވެވޭނީ މިދިޔަ ތިން އަހަރު އެ ކުންފުންޏަކަށް އެވްރެޖުކޮށް އަހަރެއްގެ އާމްދަނީގެ ގޮތުގައި ހަތަރު ލައްކަ އެމެރިކާ ޑޮލަރު ލިބިފައިވާ އަދި މިދިޔަ ފަސް އަހަރުގެ ތެރޭގައި މިބާވަތުގެ ދެ މަސައްކަތްކޮށްފައިވާ ކުންފުނިތަކަށެވެ. އަދި ކޮށްފައިވާ އެއިން ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 2.5 ލައްކަ އެމެރިކާ ޑޮލަރަށް ވުރެ ބޮޑުވާން ޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި 7،500 ޑޮލަރު ވެސް ދައްކަން ޖެހެ އެެވެ.

މިމަސައްކަތަށް ބީލަން ހުށަހެޅުމާއި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގަ އެވެ.