ހިންދީ ފިލްމީ ފޭނުން އެންމެ ލޯބިވާ އެއް އެކްޓަރަކީ ރަންބީރު ކަޕޫރެވެ. އޭނާގެ ފިލްމީ ހުނަރާއި އާދައިގެ ދިރިއުޅުމުގައި ވެސް އުޅޭ ސީދާ ސާދާ މަޑުމައިތިރި ގޮތުންނެވެ. ރަންބީރުގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒް ކޮށްފައި ވަނީ 2018 ގައި ކުޅުނު "ސަންޖޫ" އެވެ. އަދި ކުރިޔަށް ވަރަށް މޮޅު ފިލްމުތަކެއް ރިލީޒްވާން އެބަހުއްޓެވެ. އޭގެ ތެރޭގައި "ބްރަހްމަޝްތުރާ" އާއި "އެނިމަލް" އަދި "ޝަމްޝީރާ" ހިމެނެ އެވެ. އަދި ޝްރައްދާ ކަޕޫރާއެކު ކުޅޭ ވަކި ނަމެއް އިއުލާން ނުކުރާ ފިލްމެއް ވެސް އަންނަ އަހަރު ރިލީޒް ވާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.
ދާދިފަހުން ރަންބީރު އެއާޕޯޓަކަށަ ފުރަން ގޮސް ހުއްޓާ ޕަޕަރާޒީން ނަގާފައިވާ ވީޑިއޯ އާއި ފޮޓޯތައް އިންޓަނެޓުގައި ވައިރަލް ވެފައި ވެއެވެ. ބެލެވޭ ގޮތުގައި އޭނާ ފުރީ ސްޕޭނަށެވެ. އެއީ ޝްރައްދާ އާއެކު ކުޅޭ ފިލްމުގެ ޝޫޓިންގަކަށެވެ.
ރަންބީރު ހުރީ ކަޅު ޖީންސާއި ކަޅު ޓީޝާޓް އަދި ކަޅު ޖެކެޓް ލައިގެން ވަރަށް ސްޓައިލްކޮށެވެ. ނަމަވެސް އޭނާގެ ވީޑީއޯތައް ބަލާފައި ފޭނުން ވަރަށް ތަފާތު ކަމެއް ފާހަގަކުރި އެވެ. އޭނާގެ އިސްތަށިގަނޑު ހުރި ފާޑެވެ. އަދި އިސްތަށިކޮޅު މާ ތުނި ތަލަވާތީ ރަންބީރު ހުރީ ވިގެއް ޖަހައިގެން ކަމަށް ވެސް ބައެއް މީހުންނަށް ގަބޫލު ކުރެވުނެވެ.
ހުކުރު ދުވަހުގެރޭ ރަންބިރު އެއާޕޯޓަށް ފުރަން ގޮސް ހުރިއިރު ނަގާފައިވާ ފޮޓޯތަކުން ހަގީގަތުގައި ވެސް އިސްތަށިގަނޑު ވަރަށް ތަފާތުކަން ފާހަގަ ކުރެވުނެވެ. އެހެންވެ އޭނާ ހުރީ ވިގެއް ޖަހައިގެން ކަމަށް ގިނަ ބަޔަކަށް ޝައްކު އުފެދުނީ އެވެ.
"ރަންބީރުގެ ތަންކޮޅެއް ޒުވާން އިރުގެ ފޮޓޯތައް ބަލާބަލަ. އޭގައި އޭނާގެ އިސްތަށިގަނޑު ހުންނަ ގޮތަކަށް ނޫން މިހާރު އެހެރީ،" ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.
ރަންބީރު ހުރީ ވިގެއް ޖަހައިގެން ކަމަށް ގިނަ ބަޔަކު ކޮމެންޓް ކުރަމުންދިޔައިރު އެކަކު ބުނީ ރަންބީރު ތަލަވެފައިވާ ކަމަށާއި އެހެންވެ ވިގު ޖަހައިގެން އުޅެނީކަމަށެވެ. އަދި 20 ވަރަކަށް އަހަރު ފުރުނީއްސުރެ ރަންބީރުގެ އިސްތަށިކޮޅު ތުނިވެ ތަލަވާން ފަށައިފިކަމަށާއި އޭރުއްސުރެ އޭނާ އުޅެނީ ވިގު ޖަހައިގެން ކަމަށް ވެސް ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.
އަނެއް ބަޔަކު ބުނަނީ އެއީ ވިގެއް ނޫން ކަމަށާއި ހެއާ ސްޓައިލަށް ގެނެސްފައިވާ ބަދަލަކުން ހީވާ ގޮތެއް ކަމަށެވެ. އަދި މިހާރު ރަންބީރުގެ އިސްތަށިގަނޑު ހީވަނީ ކުޑަ ކުއްޖެއްގެ ބޮލުގެ އިސްތަށިގަނޑު ހެން ކަމަށް ބުނެ ކޮމެންޓުކުރި މީހުން ވެސް ތިއްބެވެ.