ބޮލީވުޑް

ވިކީގެ ފިލްމުން ފާހަގަކުރެވުނީ ރަންބީރުގެ މެހެމާން ރޯލު

މި އަހަރަކީ މެހެމާން ރޯލުގެ އަހަރު ކަމުގައި ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ސަބަބަކީ މިއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ގިނަ ފިލްމުގައި އެކްޓަރުން ކޮށްފައިވާ މަސައްކަތަށް ވުރެ މެހެމާން ރޯލު ކުޅެފައިވާ އެކްޓަރުންގެ މަސައްކަތް ފާހަގަ ކުރެވިފައިވާތީ އެވެ. އެގޮތުން "ބްރަމަސްތުރަ"ގައި ދީޕިކާ ޕަދުކޯން އާއި ޝާހް ރުކް ޚާން ކުޅެފައިވާ މެހެމާން ރޯލަށް ލިބުނު ބޮޑު ތަރުހީބު ފާހަގަކޮށްލެވެ އެވެ. ފިލްމުގައި ދީޕިކާ ފެންނަނީ މަދު ސިކުންތުކޮޅަކަށް ނަމަވެސް ގިނަ ބަޔަކަށް އެންމެ ބޮޑަށް މި ފިލްމުން ފާހަގަ ކުރެވުނީ އެ މަންޒަރެވެ.

"ގަލާ"ގައި އަނުޝްކާ ޝަރުމާ ކުޅެފައިވާ މެހެމާން ރޯލު ވެސް ހަމަ އެފަދަ އެވެ. ފިލްމަށް ވުރެ ބޮޑަށް ގިނަ ބަޔަކު ތަރުހީބުދިނީ އަނުޝްކާ އަށެވެ.

އިއްޔެ ޑިޒްނީ+ހޮޓްސްޓާ އިން ރިލީޒްކުރި ވިކީ ކޯޝަލް އާއި ކިއާރާ އަދުވާނީ އަދި ބޫމީ ޕެޑްނޭކަރްގެ "ގޯވިންދާ ނާމް މެރާ" ބެލި މީހުންނަށް ވެސް މި ތިން ތަރިންނަށް ވުރެ ބޮޑަށް ފާހަގަ ކުރެވުނީ އެ ފިލްމުގައި މެހެމާނު ރޯލެއް ކުޅުނު ރަންބީރު ކަޕޫރެވެ.

ޓުވިޓާގައި މި ފިލްމާ ބެހޭ ގޮތުން ހިޔާލުފާޅުކުރި ގިނަ ބަޔަކު ބުނެފައިވަނީ ރަންބީރު ވަނީ އެ ފިލްމު އެއްކޮށް "ކާލާފައި" ކަމަށެވެ.

"ރަންބީރު ވަނީ ލިބުނު ކުޑަ ވަގުތުކޮޅުގައި ހީނުކުރާވަރުގެ މޮޅު ޕާފޯމަންސެއް ދައްކާފައި،" މީހަކު ކުރި ޓުވީޓެއްގައި ވެއެވެ.

"މުޅި ފިލްމުގައި ކެޓުރީނާގެ ފިރިމީހާ އަދި ރަންބީރު ދެއްކީ އެންމެ 20 ސިކުންތަށް. އެކަމަކުވެސް ކާމިޔާބު ހޯދީ ރަންބީރު،" އިތުރު މީހެއްގެ ކޮމެންޓުގައި ވެއެވެ.

ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާ ޝަޝަންކް ޚައިތާން ޑައިރެކްޓްކޮށްފައިވާ "ގޯވިންދާ ނާމް މެރާ" އަކީ ވަރަށް މަޖާ އަދި ބަލާހިތްވާ ޒާތުގެ ފިލްމެއް ކަމަށް ފިލްމު ބެލި މީހުން ބުނެފައި ވެއެވެ.

ފިލްމުތަކަށް ފާޑުކިޔާ ނޫސްވެރިން މި ފިލްމުގެ ރިވިއުތައް ލިޔެފައިވާއިރު ވަރަށް މަސްހުނި ހިޔާލުތަކެއް ފާޅުކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ. އެއްބަޔަކު ބުނަނީ ފިލްމު ވަރަށް މޮޅުކަމަށެވެ. އަދި ވިކީގެ ޕާފޯމަންސް އަށް ވެސް ތައުރީފުކޮށްފައި ވެއެވެ. މިފަދަ މީހުން ފަސް ތަރިން ހަތަރު ތަރި އަދި 3.5 ތަރި މި ފިލްމަށް ދީފައި ވެއެވެ. އަނެއްކޮޅުން ފިލްމު އެއްގޮތަކަށް ވެސް ކަމުނުދާކަމަށް ބުނެ ދެ ތަރި ނުވަތަ އެއް ތަރި ވެސް ބައެއް ރިވިއުތަކުގައި ދީފައި ވެއެވެ.

ފިލްމުގައި ބޫމީ ކުޅެނީ ވިކީގެ އަނބިމީހާގެ ރޯލެވެ.