ބޮލީވުޑް

ދަތުރުކުރަން ރަންބީރު ބިރުގަންނަ ސަބަބު ކިޔައިދިނީ އާލިއާ

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަށް ދަރިއަކު ލިބުނުފަހުން އެމީހުންގެ ވާހަކަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިންޑިޔާގެ ނޫސްތަކުން ފެނެ އެވެ.

އެގޮތުން އާލިއާ ދާދިފަހުން ވަނީ ރަންބީރަކީ ކޮން ކަހަލަ ބައްޕައެއްކަން ކިޔައިދީފަ އެވެ. އަދި ފިލްމު ޝޫޓިންގް ތަކާއި އެނޫންވެސް ޕްރޮފެޝަނަލް ބޭނުންތަކަށް އެކި ރަށް ރަށަށާއި ގައުމުތަކަށް ދަތުރުފަތުރުކޮށް އުޅެން ރަންބީރު މިހާރު ހިތްހަމަނުޖެހޭ ސަބަބު ވެސް އާލިއާ ކިޔައިދިނެވެ.

"ރާހާ އުރާލައިގެން ރަންބީރު ހުންނައިރު ހީވަނީ ކުޑަކުޑަ ޕަޕީއެއް އުރައިގެން ހުރި ޖަޔަންޓެއް ހެންނެވެ. އެއީ އޭނާ މިހާރު ކުޅެމުންދާ "އެނިމަލް"ގެ ކެރެކްޓާއަށް ފިޓްވާން ވަރަށް ބޮޑަށް ހަށިގަނޑު ވަރުގަދަ ކޮށްފައި ހުރީމަ،" ޖޯކަކަށް ހަދާފައި އާލިއާ ބުންޏެވެ.

އާލިއާ ބުނި ގޮތުގައި ދަރިފުޅާއެކު ވަގުތު ހޭދަކުރަން ރަންބީރު ބޭނުންވާ ވަރުން ބައެއް ފަހަރަށް އޭނާއަށް އުނދަގޫ ވެސް ވެއެވެ. އަދި ދަރިފުޅާއެކު ވަގުތު ހޭދަކުރާނެ ވަރަށް ޚާއްސަ ގޮތްގޮތް ރަންބީރު ހޯދާފައިވާ ކަމަށް ވެސް އާލިއާ ބުންޏެވެ.

"ވަރަށް ގިނައިން އިންނާނެ ކުޑަ ދޮރު ކައިރީގައި ދަރިފުޅު ގޮވައިގެން ގަސްތައް ދައްކަން. ސާފު ވައި ދަރިފުޅު މޫނަށް އެޅެން ވަރަށް ބޭނުންވާނެ. އަދި ފެހިކުލަ ގަދަ ގަސްތައް ދައްކަން ވަރަށް ޝައުގުވެރިވާނެ. އޭރުން ދަރިފުޅު ވެސް ތިމާވެއްޓަށް ލޯބިކުރާ ކުއްޖަކަށް ވާނެކަމަށް ރަންބީރު ގަބޫލުކުރަނީ،" އާލިއާ ބުންޏެވެ.

އާލިއާ އިތުރަށް ބުނި ގޮތުގައި ރަންބީރު މި ދުވަސްކޮޅު ވެސް އުޅެނީ ޝޫޓިންގް އަށް އެހެން ރަށަކަށް ގޮހެވެ. އެގޮތަށް ދާއިރު ރަންބީރު އެންމެ ކަންބޮޑުވަނީ އެނބުރި އަންނައިރު ދަރިފުޅު އޭނާ މަތިން ހަނދާން ނެތިދާނެތީ ކަމަށް އާލިއާ ބުންޏެވެ. އެހެންވެ ރަންބީރު ގޭގައި އުޅޭއިރު އޭނާ ރާހާ ގޮވައިގެން ކުރާ ކަންތައްތައް އެ ގަވާއިދުން އޭނާ ނެތަސް ކުރަމުންދާ ކަމަށް އާލިއާ ބުންޏެވެ. އެއީ ރާހާ އޭނާގެ ބައްޕަ މަތިން ހަނދާން ނެތުނަ ނުދިނުމަށް ކަމަށް ވެސް އާލިއާ ބުންޏެވެ.