ބޮލީވުޑް

ރާޖާމޯލީ ދިން ނަސޭހަތް އާލިއާ އަދިވެސް ހަނދާން އެބަހުރި

ސައުތު އިންޑިއާގެ ފިލްމު ޑައިރެކްޓަރު އެސްއެސް ރާޖާމޯލީ އަކީ މިހާރު އިންޑިޔާގައި ހުރި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ.

އޭނާގެ ފަހުގެ ފިލްމު "އާރްއާރްއާރް" މުޅި ދުނިޔޭގެ ގިނަ ބަޔަކަށް ވެސް ވަރަށް ކަމުދާ ފިލްމަކަށް ވަނީ ވެފަ އެވެ. އަދި ޓައިމް މަޖައްލާއިން ހޮވާ 2023 ވަނަ އަހަރުގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ވެސް ރާޖާމޯލީ ހިމެނިފައި ވެއެވެ.

ރާޖާމޯލީ އަށް ޚާއްސަކޮށް އޭނާގެ "އާރްއާރްއާރް"ގެ ބަތަލާ އާލިއާ ބަޓް ދާދިފަހުން ސޯޝަލް މީޑިއާގައި މެސެޖެއް ޝެއާ ކޮށްފައި ވެއެވެ. އެ މެސެޖުގައި ރާޖާމޯލީ ކުރިން އުފެއްދި ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ބަހޫބަލީ 2" ލޯންޗުކުރުމުގެ ގޮތުން ބޭއްވި އިވެންޓަކުން ފުރަތަމަ ފަހަރަށް ރާޖާމޯލީއާ ބައްދަލުވި ދުވަހުގެ ވާހަކަތައް ލިޔެފައި ވެއެވެ. އަދި އެ ދުވަހު އާލިއާއަށް ރާޖާމޯލީ ވަރަށް ރަނގަޅު ނަސޭހަތެއް ދިން ކަމަށްވެސް އާލިއާ ބުނެފައި ވެއެވެ.

"ރާޖާމޯލީ އާ ފުރަތަމަ ބައްދަލުވީ ދުވަހު އެހެން މީހުން ފަދައިން އަހަރެންނަށް ވެސް އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުރެވުނީ. އަދި އެ ފިލްމު ބެލިއިރު އަހަރެން ހިތަށް އެރި މިފަދަ ޑައިރެކްޓަރަކާ އެކު މަސައްކަތް ކޮށްލަން ލިބުމަކީ އަހަރެންގެ ވެސް ހުވަފެނެކޭ. ނަސީބަކުން އެ ހުވަފެން ހަގީގަތަކަށްވެ "އާރްއާރްއާރް"ގައި ރާޖާމޯލީ އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ،" އާލިއާ ލިޔެފައި ވެއެވެ.

އާލިއާ އިތުރަށް ބުނެފައިވާ ގޮތުގައި އިންޑިޔާ މީހުން ހިތްހަމަޖެހޭ ގޮތަށް ފިލްމު އުފައްދަން ރާޖާމޯލީ އަށް ވަރަށް މޮޅަށް އެނގެ އެވެ. އޭނާގެ ފިލްމުތަކަށް އެހާ ބޮޑު ކާމިޔާބީ ލިބެނީ އެހެންވެ އެވެ.

"އަހަރެން އެއްފަހަރަކު އޭނާ (ރާޖާމޯލީ) ކައިރީ އެދުނިން އެކްޓިންއާ ގުޅޭގޮތުން މަޝްވަރާއެއް ދިނުމަށް. އޭނާ އެ ދުވަހު ވަރަށް ރަނގަޅު ނަސޭހަތެއް ދިން. ރާޖާމޯލީ ބުނީ ފިލްމެއް ކުޅެން ސޮއިކޮށްފިނަމަ އެ ފިލްމެއް ވީހާވެސް ލޯބިން ފުރިހަމަ ކުރާށޭ. އެ ފިލްމަކަށް ކާމިޔާބު ނުލިބުނަސް ބެލުންތެރިންނަށް ތިބާގެ ލޮލުގައިވާ ލޯބި ފެނި ތިބާގެ ކުށެއް ނެތްކަން އެނގޭނޭ،" އާލިއާގެ މެސެޖުގައި ވެއެވެ.