ބޮލީވުޑް

އާލިއާގެ "ގަންގޫބާއީ" ތީމް ފެޝަން ޝޯއެއް މެލޭޝިޔާގައި ބާއްވައިފި

އާލިއާ ބަޓްގެ "ގަންގޫބާއީ ކަތިއާވަޅީ"ގެ ތީމަށް މެލޭޝިޔާގެ ބުޓީކަކުން އިންތިޒާމް ކޮށްގެން ފެޝަން ޝޯއެއް ބާއްވައިފި އެވެ. ނިކް އަސްވަތުގެ ނަން ދީފައިވާ މި ފެޝަން ޝޯ ބިނާކޮށްފައިވަނީ ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރި "ގަންގޫބާއީ"ގައި އާލިއާ ހެދުން އަޅާފައި ހުރި ސްޓައިލް ތަކަށެވެ.

މި ފެޝަން ޝޯގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު ވީޑިއޯގައި ފެންނަނީ ހުދުކުލައިގެ ގައުން އާއި ސާޅި އަޅައިގެން ތިބި މޮޑެލުން ރޭމްޕްގައި ހިނގާ ތަނެވެ. މި މޮޑެލުންގެ ބޮލުގެ އިސްތަށިގަނޑުގައި ހުޅިޖަހާފައިވާއިރު ރަތްކުލައިގެ ފިނިފެންމަލެއް ހުޅީގައި ހަރުކޮށްފައި ހުއްޓެވެ. އަދި އާލިއާ އެ ފިލްމުގައި އަޅައިގެން އުޅޭ ކަހަލަ އައިނެއް ކޮންމެ މޮޑެލް އަކު ވެސް އަޅާފައި ހުރެ އެވެ. އަދި ކަޅުކުލަޔަކަށްދާ ލިޕްސްޓިކެއް ޖައްސައި ބޮޑު ރަތް ތިއްކެއް މި އެންމެންގެ ނިތްކުރީގައި ޖަހާފައި ވެއެވެ.

"ގަންގޫބާއީ"ގައި އާލިއާ ވެސް ގިނައިން ހެދުން އަޅާފައި ހުންނަނީ ހުދު ކުލައިންނެވެ. އަދި ކަޅު އައިނެއް އަޅައި ނިތްކުރީގައި ބޮޑު ރަތް ތިއްކެއް ޖަހާފައި ހުރެ އެވެ.

މި ވީޑިއޯ ބަލާފައި ގިނަ ބަޔަކު ވަނީ މި ފެޝަން ޝޯ އަށް ތައުރީފުކޮށްފަ އެވެ. އަދި މިއީ އެހެން ޝޯތަކާ ތަފާތު ގޮތަކަށް ގެނެސްދިން ޝޯއަކަށް ވާތީ ވަރަށް ޝައުގުވެރި ޝޯއަކަށް މި ޝޯ ވީކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

އާލިއާ ވިހައިގެން ޗުއްޓީގައި ހުރި ނަމަވެސް އޭނާ އެކި ފިލްމުތަކުގައި ކުޅެފައިވާ ކެރެކްޓާތައް މީހުންގެ ހަނދާނުން އެހާ ފަސޭހައިން ފޮހެ ނުލެވޭހާ ހާއްސަވެފައި މޮޅުކަން މި ފެޝަން ޝޯ އިން ވެސް ވަނީ ހާމަވެފަ އެވެ.