ބޮލީވުޑް

އާލިއާގެ ދެ ފިލްމެއް ކުރިމަތިލުމަކަށް!

"ބަހޫބަލީ" އާއި "ބަހޫބަލީ 2" ފަދަ ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ސައުތު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމު "އާރްއާރްއާރް" ރިލީޒްކުރާ ތާރީހު އިއުލާން ކޮށްފި އެވެ. ސައުތު އިންޑިއާގެ ވަރަށް މަޝްހޫރު ބަތަލުން ކަމަށްވާ ރާމް ޗަރަން އާއި ޖޫނިއާ އެންޓީއާރް އަދި ހިންދީ ފިލްމީ ބަތަލާ އާލިއާ ބަޓް އާއި އެކްޓަރު އަޖޭ ދޭވްގަން ބައިވެރިވާ މި ފިލްމު ސިނަމާތަކުގައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ 2022 ޖެނުއަރީ 7 ވަނަ ދުވަހު އެވެ.

އިންޑިޔާގައި އާއްމުކޮށް މީހުން ވާހަކަ ދައްކާ 10 ބަހުން އުފައްދާ މި ފިލްމު އިނގިރޭސި، ތަމަޅަ، ތެލުގޫ، ހިންދީ، މެލަޔާލަމް އަދި ކަންނާޑާ ބަހުންނާއި އަދިވެސް އިތުރު ބަސް ތަކުން އުފައްދާކަން މާ ކުރިއްސުރެ އޮތީ އިއުލާން ކޮށްފަ އެވެ.

ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ރިލީޒް ކޮށްފައިވާއިރު ފިލްމުގެ ބަޖެޓަކީ 450 ކްރޯޑު ރުޕީސް ކަމަށް ވެއެވެ. އެހެން ކަމުން މިއީ އިންޑިޔާގައި މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު އެއް ފިލްމަށް ވާނެ އެވެ.

މި ފިލްމާ ބޮކްސް އޮފީހުގައި މުޑި އަރާނީ ހަމަ އާލިއާ ބަޓް އާއި އަޖޭ ދޭވްގަން ހަރަކާތްތެރިވާ ފިލްމެކެވެ. ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރާ "ގަންގުބާއީ ކަތިއާވަޅީ" އެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ "އާރްއާރްއާރް" އަށްވުރެ އެއް ދުވަސް ކުރިން 2022 ޖެނުއަރީ ހަވަނަ ދުވަހު އެވެ.

އާލިއާގެ ވަރުގަދަ ދެ ފިލްމަކަށް ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާން ޖެހުމަކީ އާލިއާގެ ކެރިއަރަށް ފަހަރުގައި އޭގެ ބޮޑު ގެއްލުމެއް ވެސް ކުރިމަތިވެދާނެ ކަމެކެވެ. ނަމަވެސް އަނެއްކޮޅުން ބަލާއިރު ދެ ފިލްމަށް ވެސް ބޮޑު ކާމިޔާބެއް ލިބިއްޖެނަމަ އާލިއާއަށް ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބަކަށް ވާނެ އެވެ.