މިއަހަރުގެ ފިލްމުފެއާ އެވޯޑްސްގައި އެންމެ ގަދަރުވެރި އެންމެ ގިނަ އެވޯޑުތައް ގެންގޮސްފައިވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ގަންގޫބާއީ ކަޓީއާވަޅީ" އެވެ. އެ ފިލްމް 16 އެވޯޑަކަށް ނޮމިނޭޓްވެފައިވާއިރު އޭގެ ތެރެއިން 10 އެވޯޑު ލިބިފައި ވެއެވެ. އޭގެ ތެރޭގައި އެންމެ މޮޅު ފިލްމުގެ އެވޯޑާއި، އާލިއާ ބަޓް އަށް ލިބުނު އެންމެ މޮޅު ބަތަލާގެ އެވޯޑާއި ބާންސާލީ އަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު، އެންމެ މޮޅު ޑައިލޯގް އެވޯޑު، ބެސްޓް ކޯރިއޯގްރަފީ، ބެސްޓް ސިނެމެޓޯގްރަފީ އެވޯޑު ހިމެނެ އެވެ.
މިހާ ގިނަ އެވޯޑު ލިބުމުން އުފަލުން ފޮޅީފައި ހުރި ބާންސާލީ ބުނީ މިއީ އޭނާއަށާއި މުޅި ޓީމަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި އެމީހުން ކުރި ބުރަ މަސައްކަތުގެ އަގު ލިބިއްޖެކަމަށް ގަބޫލުކުރާ ކަމަށެވެ.
އެ ފިލްމުގައި އާލިއާ އާއި އަޖޭ ދޭވްގަން ފަދަ ކުޅަދާނަ އެކްޓަރުން ބައިވެރިވީ ކަމީ ފިލްމު ކާމިޔާބުވުމުގައި މުހިއްމު ދައުރެއް އަދާކުރި ކަމެއް ކަމަށް ބާންސާލީ ބުންޏެވެ.
"ގަންގޫބާއީ" އަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބްލޮކްބަސްޓާއެއްގެ ދަރަޖަ ލިބުނު މަދު ފިލްމުތަކުގެ ތެރޭގައި ހިމެނުނު ފިލްމެކެވެ.
އެ ފިލްމަށް އިންޑިޔާއިން އެކަނި 153.69 ކްރޯޑު ލިބުނުއިރު ދުނިޔޭގެ ހުރިހާ ގައުމަކުން 209.77 ކްރޯޑު ރުޕީސްގެ ވިޔަފާރި ވެފައި ވެއެވެ.
ޚާއްސަކޮށް މި ފިލްމު ރިލީޒްކޮށްފައިވަނީ ކޮވިޑް-19 ޕެންޑެމިކް ނިމުނުތަނާ ކަމަށް ވެފައި މީހުން ސިނަމާއަށް ފިލްމު ބަލަން ދާން އިންތިހާއަށް ބިރުން ތިބި ދުވަސްވަރެއްގައި ކަމަށް ވެފައި ފިލްމަށް މިހާ ރަނގަޅު ކާމިޔާބެއް ލިބި މީހުންގެ ހިތުގައި ސިނަމާއަށް ދާން އޮތް ބިރު ފިލައި ދިއުމަކީ ވެސް ފިލްމަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
ފިލްމްފެއާ އެވޯޑު 2023ގައި "ގަންގޫބާއީ ކަޓިއާވަޅީ"ގެ އިތުރުން ދެން އެންމެ ބޮޑު ކާމިޔާބެއް ހޯދާފައިވަނީ ރާޖްކުމާރު ރާއޯ އާއި ބޫމީ ޕެޑްނޭކަރްގެ "ބަދާއީ ދޯ" އެވެ.
"ބަދާއީ ދޯ" އަށް ލިބުނު އެވޯޑޫތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމުގެ ކްރިޓިކްސް އެވޯޑާއި ރާޖްކުމާރު ރާއޯ އަށް ލިބުނު އެންމެ މޮޅޫ އެކްޓަރުގެ އެވޯޑު ހިމެނެ އެވެ. އަދި އެންމެ މޮޅު ބަތަލާގެ ކްރިޓިކްސް އެވޯޑު ބޫމީ އަށް ލިބިފައި ވެއެވެ. ބޫމީ އާއެކު މި އެވޯޑޫ ލިބުނު އަނެއް ބަތަލާއަކީ "ބޫލް ބުލައްޔާ 2"އިން ތައްބޫ އެވެ.
ބެސްޓް ސަޕޯޓިން އެކްޓަރު (ފިރިހެން) ގެ އެވޯޑު އަނިލް ކަޕޫރަށް "ޖުގް ޖުގް ޖިޔޯ"އިން ލިބުނުއިރު ބެސްޓް ސަޕޯޓިން އެކްޓަރު (އަންހެން) އެވޯޑު ވެސް ލިބުނީ "ބަދާއީ ދޯ"ގައި މުހިއްމު ރޯލެއް ކުޅުނު ޝީބާ ޗައްދާ އަށެވެ.