ބޮލީވުޑް

އަލުން ފިލްމީ މަސައްކަތް ފަށަން އާލިއާ ތައްޔާރުވާން ފަށައިފި

ވިހެއުމާ ގުޅިގެން މިވަގުތު ޗުއްޓީގައި ހުރި ކުޅަދާނަ ބަތަލާ އާލިއާ ބަޓް ވަރަށް އަވަހަށް ފިލްމުތަކުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ. އެގޮތުން ފެބްރުއަރީގައި ފިލްމީ މަސައްކަތް ފެށުމުގެ ގޮތުން އާލިއާ ފުރަތަމަ ދާން ހަމަޖެހިފައިވަނީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ލަވައެއް ޝޫޓް ކުރުމަށެވެ. އަދި އެއަށްފަހު ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ މިއުޒިކަލް ފިލްމު "ބައިޖޫ ބަވްރާ"ގެ ޝޫޓީން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ "ގަންގޫބާއީ ކަޓިއާވާޅީ" އަށް ލިބުނު ބޮޑު ކާމިޔާބަށްފަހު ބާންސާލީ އާއި އާލިއާ ބައިވެރިވެގެން އުފައްދާ ދެ ވަނަ ފިލްމެވެ. "ގަންގޫބާއީ" އާ ތަފާތުކޮށް މިފަހަރުގެ ފިލްމަށް އާލިއާ އަށް ވަރަށް ތަފާތު ތައްޔާރީތަކެއް ވާން ޖެހެ އެވެ. ސަބަބަކީ މިއީ ނެށުމާއި ލަވަތަކުން ފުރިފައިވާ ފިލްމަކަށް ވާތީ އެވެ.

މި ފިލްމުގައި ބޭނުންކުރަން ބާންސާލީ މިހާތަނަށް 12-15 ވަރަކަށް ލަވަ ތައްޔާރުކޮށްފައިވެ އެވެ. ފިލްމުގައި ލީޑް ރޯލު އަދާކުރާ ބަތަލު ކުޅޭނީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ރޯލެވެ. އަދި އާލިއާގެ ކެރެކްޓާއަށް ވެސް ވަރަށް ގިނަ ލަވަތަކާއި ނެށުންތައް މި ފިލްމުގައި ކުޅެން ޖެހޭ ގޮތަށް ސްކްރިޕްޓްގައި ވެއެވެ. އެހެންވެ ފިލްމަށް ތައްޔާރުވުމުގެ ގޮތުން މިހާރުއްސުރެ އާލިއާ ވަނީ ކަސްރަތާއި ޔޯގާ އަދި އޭރިއަލް އެކްސަސައިޒްތައް ވެސް ކުރަން ފަށާފަ އެވެ.

ބާންސާލީގެ އެސޯސިއޭޓް ޑައިރެކްޓަރެއްގެ ގޮތުގައި ގިނަ ފިލްމުތަކެއްގައި ބައިވެރިވެފައިވާ ޑައިރެކްޓަރު މީތަކްޝާރާ ކުމާރު ބުނި ގޮތުގައި މިހާރު އެމީހުން މަސައްކަތް ކުރަމުންދަނީ "ހީރާމަންޑީ" ކިޔާ ފިލްމެއްގަ އެވެ. "ބައިޖޫ ބަވްރާ" ފަށާނީ މި ފިލްމު ނިމުމުންނެވެ.

"ބައިޖޫ ބަވްރާ"ގައި ލީޑް ރޯލު ކުޅެނީ ރަންވީރު ސިންގް ކަމަށާއި އާލިއާ ވެސް ބައިވެރިވާކަމަށް ކުމާރު ބުންޏެވެ.