ބޮލީވުޑް

މާބޮޑަށް ވަރުދެރަވެގެން އާލިއާ ބަޓް ހޮސްޕިޓަލަށް

ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ގަންގޫބާއީ ކަތިއާވަޅީ"ގެ ޝޫޓިންގައި އުޅެނިކޮށް އާލިއާ ބަޓް އަށް ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށްގެން ފަރުވާ ދީފި އެވެ. އިންޑިޔާގެ އޮންލައިން ނޫހަކުން ބުނެފައިވާ ގޮތުގައި އާލިއާ ހޮސްޕިޓަލަށް ގެންދިޔައީ މޭ ނުބައިކޮށް ގޭހުގެ ކަންތައް ބޮޑުވެ، ވަރުދެރަ ވެގެނެވެ. ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ހައެއްކަ ގަޑިއިރު ފަހުން ދޫކޮށްލުމުން ޖެހިގެން އައި ދުވަހު އަނެއްކާ ވެސް ފިލްމު ޝޫޓިންގަށް އާލިއާ ހާޒިރުވި ކަމަށް ވެއެވެ.

މި ފިލްމުގެ ޝޫޓިންގްގައި އުޅެމުން ޖެނުއަރީ 24 ވަނަ ދުވަހު އިންޑިޔާގެ އަލީބާގްގައި އޮންނަ ވަރުން ދަވަން އާއި ނަތާޝާ ދަލާލްގެ ކައިވެނީގެ ރަސްމިއްޔާތުތަކުގައި ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު އާލިއާ ބައިވެރިވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ވަރުން އަކީ އާލިއާގެ ފުރަތަމަ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" ގެ ބަތަލެވެ. އަދި މި ފިލްމު ނޫނަސް ގިނަ ފިލްމުތަކެއް މި ދެ ތަރިން އެކުގައި ކުޅެފައި ވެއެވެ. އަދި އާލިއާ އާއި ވަރުން އަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ.

ވަރުންގެ ކައިވެންޏަށް ދައުވަތު ދޭ 200 ވަރަކަށް މެހެމާނުންގެ ތެރޭގައި ހިމެނޭ މަދު ބޮލީވުޑް ތަރިންގެ ތެރޭގައި އާލިއާ ހިމެނިފައި ވަނީ އެހެންވެ އެވެ.

"ގަންގޫބާއީ" ގެ އިތުރުން އާލިއާ މިއަހަރު ޝޫޓް ކުރާނެ އަނެއް ފިލްމަކީ "ބްރަހްމަޝްތުރާ" އެވެ. މި ފިލްމުގައި ރަންބީރާއި އަމީތާބު ބައްޗަން ބައިވެރިވެ އެވެ. އަދި އެސްއެސް ރާޖާމޯލީ ޑައިރެކްޓްކުރާ "އާރްއާރްއާރް" ގެ މަސައްކަތް ވެސް މިއަހަރު ތެރޭ އާލިއާ ކުރަން ވަނީ ހަމަޖެހިފަ އެވެ.

އާލިއާ އާއި ރަންބީރުގެ ކައިވެނި ވެސް މިއަހަރު ތެރޭގައި ކުރެވިދާނެ ކަމުގެ އިޝާރާތެއް ވަރަށް ފަހުން ރަންބީރު ދީފައިވާ އިންޓަވިއު އެއްގައި ދީފައި ވެއެވެ. އޭނާ ބުނީ އެމީހުން އަސްލު ކައިވެނިކުރަން ރޭވީ މިދިޔަ އަހަރު ކަމަށާއި ނަމަވެސް ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި ކައިވެނި ފަސް ކުރަން ޖެހުނި ކަމަށެވެ. އަދި 2021 ގައި ކައިވެނި ކުރެވިދާނެކަމަށް އުންމީދުކުރާ ކަމަށް ރަންބީރު ބުނެފައި ވެއެވެ.

ވަރުން އާއި ނަތާޝާގެ ކައިވެންޏަށް ފަހު ދެން އެންމެ އަވަހަށް އިވޭނީ އާލިއާ އާއި ރަންބީރުގެ ކައިވެނީގެ ޚަބަރަށް ވުމީ ވަރަށް ގާތް ކަމެކެވެ.