ބޮލީވުޑް

އައިފާ އެވޯޑު: އެންމެ މޮޅު ބަތަލާގެ އެވޯޑު ބަލާ އާލިއާ އަކަށް ނުދެވުނު

އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކަޑަމީ އެވޯޑްސް (އައިފާ އެވޯޑްސް) 2023 ހަފުލާ ރޭ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫ ދަބީގައި ވަނީ ބާއްވާފަ އެވެ. ބޮލީވުޑް ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑުގެ ގޮތުގައި ބެލެވިފައިވާ މި އެވޯޑު ހަފުލާގައި އެންމެ ގިނަ ނޮމިނޭޝަންސްތަކާއި އެވޯޑުތައް ލިބިފައިވަނީ އާލިއާ ބަޓްގެ ދެ ފިލްމު ކަމަށްވާ "ބްރަމަސްތުރަ" އާއި "ގަންގޫބާއީ ކަތިއަވަޅީ" އަށެވެ.

އެންމެ މޮޅު ބަތަލާގެ އެވޯޑު "ގަންގޫބާއީ" ކުޅެން އާލިއާ އަށް ލިބިފައި ވިޔަސް އޭނާއަށް އެވޯޑު ބަލާ އަބޫ ދަބީއަށް ދެވޭ ގޮތެއް ނުވި އެވެ. އާލިއާ މި އެވޯޑު ހަފުލާއަށް ދިއުމަށް ކުރިން ހަމަޖެހިފައި އޮތަސް އޭނާގެ މަންމަ ފަރާތު ކާފަ ކުއްލިއަކަށް ވަރަށް ހާލު ސީރިއަސްވުމުން އާލިއާ ވަނީ ދަތުރު ކެންސަލް ކޮށްފަ އެވެ.

އެންމެ މޮޅު ބަތަލުގެ އައިފާ އެވޯޑު ލިބުނީ "ވިކްރަމް ވެދާ"އިން ރިތިކް ރޯޝަން އަށެވެ.

ކާރްތިކް އާރްޔަން އާއި ތައްބޫގެ ބިރުވެރި ފިލްމު ބޫލް ބުލައްޔާ 2" އަށް ދެ އެވޯޑު ލިބިފައި ވެއެވެ. އެއީ ފިލްމުގެ ޓައިޓްލް ޓްރެކް އަށް ލިބުނު އެންމެ މޮޅު ކޯރިއޮގްރަފީ އެވޯޑާއި ބެސްޓް ސައުންޑް ޑިޒައިން އެވޯޑެވެ.

"ބްރަމަސްތުރަ: ޕާޓް ވަން – ޝިވާ" އަށް ވެސް ގިނަ އެވޯޑުތަކެއް ލިބިފައި ވެއެވެ. މި ފިލްމަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި ޝްރެޔާ ގޯޝަލް އާއި އަރިޖީތު ސިންގް އަށް ލިބުނު އެންމެ މޮޅު އަންހެން އަދި ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން) ކެޓަގަރީން މޯނީ ރޯއީ އަށް ލިބުނު އެވޯޑު ހިމެނެ އެވެ.

މި ކެޓަގަރީން އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން) ލިބުނީ "ޖުގް ޖުގް ޖިޔޯ" ކުޅެގެން އަނިލް ކަޕޫރަށެވެ.

ސަލްމާން ޚާނާއި، ޖެކްލީން ފެނާންޑިސް ފަދަ ގިނަ ތަރިން ޕާފޯމްކުރި މި ހަފުލާ ހޯސްޓްކޮށްފައިވަނީ އަބީޝެކް ބައްޗަން އާއި ވިކީ ކޯޝަލް އެވެ.