ބޮލީވުޑް

ފޭނެއްގެ ކައިވެނީގެ ޕްރޮޕޯޒަލްއަށް ސަލްމާން ދިނީ މަޖާ ޖަވާބެއް

ޔުނައިޓެޑް އަރަބް އެމިރޭޓްސް އަބޫ ދާބީގައި މިދިޔަ ހޮނިހިރު ދުވަހު އޮތް އައިފާ އެވޯޑްސް 2023ގެ އިވެންޓުގައި ބައިވެރިވާން ގޮސް ހުރި ބޮލީވުޑް އެކްޓަރު ސަލްމާން ޚާން ވަނީ އެ ގައުމުގެ މީޑިއާއާ ބައްދަލުކޮށް ނޫސްވެރިން ކުރި ގިނަ ސުވާލުތަކަކަށް ވެސް ޖަވާބު ދީފަ އެވެ.

މިތަނުގައި ނޫސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ ފޭނުން ވެސް ތިއްބެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް ސަލްމާން ޖަވާބު ދެނިކޮށް ކުއްލިއަކަށް ފޭނަކު ތެދުވެ ސަލްމާނަށް ޕްރޮޕޯސް ކުރި އެވެ.

ފޭން ބުނި ގޮތުގައި އޭނާއަކީ ސަލްމާން ކައިރީ ކައިވެންޏަށް އަހާހިތުން ހޮލީވުޑުން އައި މީހެކެވެ.

ސަލްމާނަކީ ހާޒިރު ޖަވާބުދޭން މޮޅު މީހަކަށް ވާތީ މި މީހާއަށް ވަރަށް މަޖާ ޖަވާބެއްދީ އެތަނުގައި ތިބި އެންމެން ހެއްވާލި އެވެ.

ޖޯކު ޖަހަމުން ސަލްމާން ބުނީ އެ ފޭން ސަލްމާނަށް ޕްރޮޕޯސްކުރީ ޝާހް ރުކް ޚާން ކަމަށް ހިތާ ކަމަށް ހީވާ ކަމަށެވެ. ނަމަވެސް ފޭން ބުނީ އޭނާ ލޯބިވަނީ ހަމަ ސަލްމާން ދެކެ ކަމަށެވެ. އަދި އޭނާއާ ކައިވެނިކޮށްފާނެތޯ ސުވާލު ކުރި އެވެ.

"އަހަރެން ކައިވެނި ކުރާ ދުވަސް މާޒީވެ ހިނގައްޖެ. މީގެ ވިއްސަކަށް އަހަރު ކުރިން ބައްދަލުވީނަމަ ރަނގަޅުވީސް،" ފޭންގެ ޕްރޮޕޯސަލްއަށް ޖަވާބު ދެމުން ސަލްމާން ބުންޏެވެ.

މި ވީޑީއޯ ސޯޝަލް މީޑީއާގައި ވައިރަލް ވުމުން މިއަށް ސަލްމާންގެ ފޭނުން ކޮށްފައިވާ ކޮމެންޓުތަކުން ސަލްމާނަށް ޕްރޮޕޯސްކުރަން ބޭނުންވެފައި ތިބި ފޭނުން ގިނަ ކަން ހާމަވި އެވެ. އެތަނުން އެކަކު ބުނީ ސަލްމާނަށް ޕްރޮޕޯސް ކުރަން ދިގު ކިއުއެއް އެބައޮތް ކަމަށެވެ. އެހެން ފޭނަކު ކުރި ކޮމެންޓުގައި ސަލްމާން ޖަވާބުދިން އިރު އޭނާއަށް ޕްރޮޕޯސްކުރި އަންހެން މީހާއާ މެދު އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ހާމަވާ ކަމަށެވެ. ސަލްމާން އަދިވެސް ވަރަށް ރީތި ކަމަށް ވެސް ކޮމެންޓުކުރި ވަރަށް ގިނަ ފޭނުން އެއްބަސްވެފައި ވެއެވެ.

ސަލްމާންގެ ކައިވެނީގެ ވާހަކައަކީ ބޮލީވުޑްގައި އަބަދުވެސް ވަރަށް ދެކެވޭ ވާހަކަ އެކެވެ. ނަމަވެސް ކައިވެނިކުރާނެތޯ ކުރާ ސުވާލުގެ ޖަވާބުގައި ސަލްމާން މިހާރު އަބަދުވެސް ބުނަނީ ދަރިން ބޭނުން ކަމަށާއި ނަމަވެސް ކައިވެނިކުރަން ބޭނުން ނޫން ކަމަށެވެ.