ބޮލީވުޑް

ސަލްމާންގެ އެކަނިވެރިކަން އިހްސާސްވޭ: ޑައިރެކްޓަރު މަހޭޝް

ސަލްމާން ހާންގެ ހަޔާތަށް ވަރަށް ގިނަ އަންހެނުން އައިސް ގޮސްފައި ވެއެވެ. ނަމަވެސް އެއްވެސް މީހަކާއެކު ކައިވެންޏަކާ ހަމައަށް އޭނާއަކަށް ނުދެވެ އެވެ. ސަލްމާންގެ ގިނަ އަދަދެއްގެ ފޭނުންގެ ވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާ ކައިވެނި ނުކުރުމެވެ. އަދި ގިނަ ބަޔަކު މި ސުވާލު ތަކުރާރުކޮށް ސަލްމާނާ ކުރަމުން ދެއެވެ. ނަމަވެސް ކައިވެންޏެއް ނުކޮށް ހަޔާތުގެ ދުވަސްތައް ވޭތުކުރަން ސަލްމާން ނިންމާފައިވާ ކަމަށް ބެލެވެ އެވެ. މިފަދަ ކޮންމެ ސުވާލެއްގެ ޖަވާބު އޭނާ ދެނީ ހެއްވާ ޖޯކެއް ގޮތަށެވެ.

ސަލްމާން މިހާރު ކުޅެމުންދާ އަދި ރިލީޒް ކުރަން ތައްޔާރުވެފައިވާ "އަންތިމް: ދަ ފައިނަލް ޓްރުތު" ގެ ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރް ދާދިފަހުން ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި ސަލްމާން ވަރަށް "އެކަނިވެރި" އެވެ.

މަހޭޝް ބުނި ގޮތުގައި ސަލްމާން ކައިވެނި ނުކުރާތީ އޭނާ ވަރަށް ދެރަވެ ކަންބޮޑުވެ އެވެ. ސަބަބަކީ ސަލްމާންގެ ފިރިހެން ދަރިއަކު ދެކެން އޭނާ ބޭނުން ވާތީ އެވެ.

"އަހަރެން ހިތަށް އަރާ އޭނާ ކައިރީ ބުނެފާނަމޭ ކަލޭ ކައިވެނި ނުކުރުމަކީ އަހަންނަށް މިހާރު ވަރަށް ބޮޑު މައްސަލައަކަށް ވެއްޖޭ. އެއީ މުސްތަގްބަލުގައި އޭނާގެ ފިރިހެން ދަރިއަކު ހުންނަތަން ދެކެން އަހަރެން ބޭނުންވާތީ. އަހަރެން މިހާރު ވަރަށް ގިނަ ފަހަރު އޭނާއާ މި ވާހަކަ ދައްކައިވެސްފިން. ކޮންމެ ފަހަރަކު އޭނާ އަހަރެން ފޮޅާލަނީ. ހަމަ ހަގީގަތުގައި ވެސް އަހަންނަށް ހީވަނީ ސަލްމާން ބުރަކޮށް ޝޫޓިންގްގައި އުޅެފައި ގެޔަށްދާ ވަގުތު އޭނާއަށް މަރުހަބާ ކިޔާނެ އަންބަކު ހުންނަން ޖެހޭނޭ،" މަހޭޝް ބުންޏެވެ.

މަހޭޝް އިތުރަށް ބުނި ގޮތުގައި ބޭރު ފުށުން ސަލްމާން ވަރަށް އުފާވެރިކަމަށް ދެއްކި ނަމަވެސް އެތެރެފުށުން އޭނާ ވަރަށް އެކަނިވެރި ކަމަށެވެ.

"ބައެއް ފަހަރު އަހަންނަށް ހީވޭ އޭނާ ބޭރު ފުށުން މާ އުފާވެރިގޮތް ދައްކަނީ އެތެރޭގައިވާ އެކަނިވެރިކަން ހާމަވިޔަ ނުދޭށޭ. ވަރަށް ގިނަ މީހުންނަށް އެނގިފައި އޮންނާތީ ސަލްމާން ދިރި އުޅެނީ އެއް ކޮޓަރީގެ ފްލެޓެއްގައި ކަން. އަހަރެން ބައެއް ފަހަރު އޭނާގެ ގެޔަށް ދާއިރު އޮންނާނީ ޑްރޯއިން ރޫމުގައި ހުންނަ ސޯފާއެއްގައި އޮށޯވެލައިގެން އެކަނި،" ޑައިރެކްޓަރު ބުންޏެވެ.

މަހޭޝް ގަބޫލުކުރާ ގޮތުގައި ސަލްމާން އާ އެންމެން ގާތް މީހުންނާއި އޭނާ ދެކެ ލޯބިވާ އެކުވެރިންނަށް އަބަދަކު ސަލްމާނާއެކު ނޫޅެވޭނެ އެވެ. އެމީހުން އެނބުރި އެ މީހުންގެ އާއިލާ ކައިރިއަށް ދާނެ އެވެ. ނަމަވެސް ސަލްމާން ދާނެ ތަނެއް ނެތް ކަމަށް މަހޭޝް ގަބޫލު ކުރެ އެވެ.

"ކޮއްކޮ އަރްބާޒް އާއި ސުހައިލްގެ ވެސް ދަރިންނާއި އާއިލާ އެބައޮތް. އެމީހުންނަކަށް ވެސް އަބަދަކު ސަލްމާން ކައިރިއަކު ނުތިބެވޭނެ އެއްނު،" މަހޭޝް ބުންޏެވެ.

ސަލްމާން މިހާރު ކުޅެމުންދާ މަހޭޝްގެ ފިލްމުގެ އާ ލަވައެއް މިދިޔަ ހޯމަ ދުވަހު ރިލީޒްކޮށްފައި ވެއެވެ. "ބާއީ ކާ ބާތުޑޭ" ކިޔާ މި ލަވަ ރިލިޒްކުރީ ސަލްމާންގެ އެންމެ ގާތް އެއް އެކުވެރިޔާ ޝާހް ރުކް ޚާންގެ އުފަން ދުވަހާ ދިމާކޮށް ކަމަށް ވާތީ މިއީ ޝާހް ރުކަށް ސަލްމާން ދިން އުފަން ދުވަހުގެ ހަދިޔާއެކޭ ބައެއް މީހުން ކިޔާ އުޅެ އެވެ.