ބޮލީވުޑް

ދޮންމަންމައަކަށްވެ ހުރެ ސަލްމާންގެ އާއިލާގެ ލޯބި ހެލަން ހޯދި

މައިންބަފައިންނާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުންދާ އާއިލާއެއްގެ ތެރެއަށް ކުއްލިއަކަށް ދޮންމަންމައަކު ފުންމާލައިފިނަމަ އެ އާއިލާއަކަށް ވާނެ ގޮތް ވިސްނާލާށެވެ. ސްކްރިޕްޓް ލިޔުންތެރިޔާ ސަލީމް ޚާންގެ އާއިލާއަށް ވެސް ދިމާވީ މި ފަދަ ގޮތެކެވެ. ސަލީމް އަކީ ބޮލިވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ސަލްމާން އާއި އަރްބާޒް އަދި ސުހައިލް ޚާންގެ ބައްޕަ އެވެ.

"ޝޯލޭ"، "ދީވާރު"ފަދަ މޮޅު ފިލްމުތައް ލިޔުނު ލިޔުންތެރިޔާގެ ޒާތީ ދިރިއުޅުން އޭނާ ލިޔެފައިވާ ފިލްމުތައްހާ ޑްރާމާ ބޮޑެވެ. އާއިލާ ތެރޭ އެންމެ ބޮޑު ހަމަނުޖެހުމެއް އުފެދިގެން ދިޔައީ ސަލީމް ދެ ވަނަ ކައިވެންޏެއް ކުރި ހިސާބުންނެވެ.

ސަލީމް ފުރަތަމަ ކައިވެނިކުރީ ސަލްމާން މެންގެ މަންމަ ސަލްމާ އާ 1964 ވަނަ އަހަރު އެވެ. އެ ދެ މީހުންނަށް ހަތަރު ދަރިން ލިބިފައި ވެއެވެ. ސަލްމާން، އަރްބާޒް، ސުހައިލް އަދި އަލްވިރާ އެވެ.

ހަތަރު ދަރިންނާއެކު ދެމަފިރިން އުފާވެރި އާއިލާއެއް އުޅެމުން ދަނިކޮށް ކުއްލިއަކަށް އެމީހުންގެ ހަޔާތަށް ހެލަން އެވެ. ހެލަން އަކީ އެ ޒަމާނުގެ ފިލްމުގައި އެންމެ މަޝްހޫރު ނެށުންތެރިޔާ އެވެ. އަދި މަޝްހޫރު ބަތަލާ އެއް ވެސް މެއެވެ.

ފިލްމު އިންޑަސްޓްރީގައި ބިޒީކޮށް ސަލީމް އުޅުނުއިރު އޭނާއާ ހެލަން އާ ބައްދަލުވެ އެ ދެމެދުގައި ސިއްރު ލޯބީގެ ގުޅުމެއް އުފެދުނެވެ. އަދި ގިނަ އަހަރު ތަކެއް ވަންދެން މި މީހުން ސިއްރުން މި ގުޅުން ބޭއްވި އެވެ. އެންމެ ފަހުން ހެލަން ދޫކޮށްލަން ނުކެރިގެން 1980 ގައި ސަލީމް އޭނާ އާ ދެ އަންބަށް ކައިވެނި ކުރީ އެވެ.

ހެލަން ވަރަށް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ސަލީމް އާއި އޭނާ ކައިވެނިކުރަން ނިންމިޔަސް އުފާވެރި އާއިލާއެއްގެ މެދަށް ވަދެ އެމީހުންގެ ހަމަޖެހުމާއި އުފާވެރިކަން ނަގާލެވޭތީ ޚުދް އޭނާ އަމިއްލަ ނަފްސު ކުށްވެރި ކުރެ އެވެ.

މި ކައިވެނީގެ ސަބަބުން މަންމައަށް ލިބުނު ހިތާމަތައް އެންމެ ދޮށީ ދަރިފުޅުގެ ހައިސިއްޔަތުން އެންމެ ރަނގަޅަށް ފެނުނި ސަލްމާނަށެވެ. އަދި އެކަމާ އޭނާ އިންތިހާއަށް ދެރަވެ ރުޅި އައެވެ. އަބަދުވެސް މަންމަދެކެ އިންތިހާއަށް ލޯބިވާ ދަރިއަކަށް ވާތީ މަންމަ ކުރަމުންދިޔަ ހިތާމައިގެ ސަބަބުން ސަލްމާނަށް އެ ދުވަސްވަރު ވަރަށް އުނދަގޫވިއެވެ. ބައްޕަގެ އިންތިޒާރުގައި މަންމަ އެތައް ރެޔަކު ނުނިދާ ދެރަވެފައި އިންނަ މަންޒަރު ފެނިފައި ސަލްމާނުގެ ހިތް ހަލާކުވި އެވެ.

ދެ ވަނަ ކައިވެންޏެއް ކުރިޔަސް ސަލްމާ ދެކެ ވާ ލޯތްބަށް އުނިކަމެއް ނާންނާނެ ކަމާއި އާއިލާއާ އޮތް ގުޅުމަށް ބުރުލެއް ނާރާނެކަމުގެ ފުރިހަމަ ޔަގީންކަން އޭރުވެސް ސަލީމް ދެމުން ދިޔަ އެވެ.

ކައިވެންޏަށްފަހު ހެލަން ވެސް ދިރިއުޅެމުން ދިޔައީ ސަލްމާ އާ އޭނާގެ ދަރިންނާއެކު އެއް ގެއެއްގަ އެވެ. ފުރަތަމަކޮޅު ދެ މީހުންގެ މެދުގައި ވަރަށް ވަރުގަދަ ރުޅިވެރިކަމެއް އޮތެވެ. ދަރިން ތިބީ މަންމައާ އެއްކޮޅަށެވެ. ހެލަން ހުރީ އެކަނި މާއެކަންޏެވެ. ސަލްމާ ވެސް ދަރިން ވެސް ހެލަން ގަބޫލުކުރަން ބޭނުމެއް ނުވި އެވެ. އަދި އެކަކުވެސް ހެލަން އާ ވާހަކަ ވެސް ނުދައްކަ އެވެ.

ހެލަން އަކީ ވަރަށް ހިތްހެޔޮ ރަނގަޅު މިޒާޖެއްގެ މީހެކެވެ. އޭނާގެ ރަނގަޅުކަމާއި މަޑުމައިތިރިކަމުން އަދި މިޒާޖުގައި ހުރި ހިތްހެޔޮކަމުން، މަޑުމަޑުން ސަލްމާ އާ ވެސް ގުޅުން ރަނގަޅުވި އެވެ. އަދި ސަލްމާ އާ ގުޅުން ރަނގަޅުވީ ވަރަކަށް އޭނާގެ ދަރިންނާ ވެސް ގުޅުން ރަނގަޅު ވަމުން ދިޔަ އެވެ. އެންމެ ފަހުން ހެލަން އަކީ ވެސް އާއިލާގެ ފަރުދެއްގެ ގޮތުގައި ދެ ވަނަ މަންމައެއްގެ ގޮތުގައި ހުރިހާ ކުދިން ގަބޫލުކުރި އެވެ. އަދި ސަލްމާ އާއި ހެލަންގެ މެދުގައި ގާތް އެކުވެރިކަމުގެ ގުޅުމެއް ގާއިމް ކުރެވުނެވެ.

ސަލީމް އާ ކައިވެނިކުރިޔަސް ދަރިއަކު ނުހޯދަން ނިންމި ނިންމުމަކީ އެ ދެމީހުން އެއްބަސްވެގެން ނިންމާފައި އޮތް ނިންމުމެކެވެ. އިތުރު ދަރިން ހޯދައިގެން އާއިލާއަށް ކުރިމަތިވެދާނެ މައްސަލަތަކެއް ހުރެދާނެކަމަށް ބަލާފަ އެވެ. އެހެންވެ ކުއްޖަކު އެޑޮޕްޓްކުރަން އެމީހުން ނިންމީ އެވެ. ސަލްމާންގެ އެންމެ ހަގު ކޮއްކޮ އަރްޕިތާ އަކީ ސަލީމް އާއި ހެލަން އެޑޮޕްޓްކޮށްފައިވާ ކުއްޖެކެވެ.