އާލިއާ ބަޓް އަކީ މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ ތަރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ބަތަލާ އެވެ.
ނަމަވެސް އާލިއާ އަށް ލިބޭ ފައިސާގެ އަދަދެއް އަދި އެއަށް ވާގޮތެއް އޭނާއަށް އެނގޭ ކަމަކަށް ނުވެ އެވެ.
އާލިއާގެ ފަހުގެ އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާއަށް ލިބޭ ހުރިހާ ފައިސާ އެއް ބެލެހެއްޓުމާ ހަވާލުވެފައިވަނީ އޭނާގެ މަންމަ ސޯނީ ރާޒްދާން އާއެވެ.
އާލިއާ އަކީ 2012 އިން ފެށިގެން ފިލްމު ކުޅެމުންދާ އެކްޓަރެކެވެ. ވީމާ ފާއިތުވީ 10 ވަރަކަށް އަހަރު ފުދޭ ވަރެއްގެ އާމްދަނީއެއް އޭނައަށް ލިބިފައިވާނެ ކަމަށް ގަބޫލު ކުރެވެ އެވެ. މި ފައިސާއިން އާލިއާ ވަނީ އަމިއްލަ ބިއުޓީ ބްރޭންޑެއް ތައާރަފްކޮށްފަ އެވެ. އަދި ޕްރޮޑަކްޝަން ހައުސްއެއް ގާއިމްކޮށް ފިލްމު އުފެއްދުމުގެ މަސައްކަތް ވެސް ފަށާފައި ވެއެވެ.
ނަމަވެސް އޭނާގެ ބޭންކް ބެލެންސްގައި ހުރީ ކިހާ ވަރެއް ކަމެއް އާލިއާ އަކަށް އެނގޭ ކަމަކަށް ނުވެ އެވެ. އާލިއާ ބުނި ގޮތުގައި އެކައުންޓުގައި ހުރީ ކިހާ ފައިސާއެއްކަން އެނގޭނީ މަންމަ އަށެވެ.
"ބައެއް ފަހަރަށް އަހަރެންގެ ޓީމާއެކު އެއް މޭޒެއްގައި އިށީނދެ އަހަރެންނަށް ލިބޭ އާމްދަނީ އާއި ކުރަންޖެހޭ ޚަރަދުތައް ދެނެގަނެވޭތޯ މަސައްކަތް ކުރަން. އަދި ކޮންމެވެސް ވަރަކަށް އެކަންކަން އެނގޭ. ނަމަވެސް މަންމަ ވަރަށް ރަނގަޅަށް އަހަރެންގެ ފައިސާގެ ކަންތައްތައް ބަލަހައްޓާތީ އެހާ ބޮޑަކަށް އެކަމުގެ ތެރެއަކަށް ނުވަންނަން،" އާލިއާ ބުންޏެވެ.
"ފައިސާ އާއި އަހަންނާ އޮންނަ ހަމައެކަނި ގުޅުމަކީ އަހަރެންނަކީ ފައިސާ ހޯދާ މީހާ. މަންމަ ސޯނީ ރާޒްދާން އެ ބަލަހައްޓާނީ،" އާލިއާ ބުންޏެވެ.
ފުރަތަމަ ދަރިފުޅު ވިހަން ތައްޔާރުވެފައިވާ އާލިއާގެ ފިލްމީ މަސައްކަތަށް ބަލާއިރު ފިރިމީހާ ރަންބީރު ކަޕޫރާއެކު ކުޅެފައިވާ "ބްރަމަސްތުރަ" ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ވަނީ ހޯދާފަ އެވެ. އަދި ރަންވީރު ސިންގް ބަތަލުގެ ބައިކުޅޭ ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" އާއި ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"ގެ ޝޫޓިންގް އޭނާ ވަނީ ފުރިހަމަކޮށްފަ އެވެ.