ބޮލީވުޑްގެ އެންމެ ޒުވާން އަދި އެންމެ ހުނަރުވެރި ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަށް ދާދިފަހުން ވަނީ ކުއްޖަކު ލިބިފަ އެވެ. ބޭބީ ރާހާ އަށް މިހާރު ފަސް މަސް ފުރިފައިވާއިރު ދަރިފުޅު ބެލުމުގައި އާލިއާ މާ ބޮޑަށް ސްޓްރެސްވާ ކަމަށް ރަންބީރު ދާދިފަހުން ބުނެފައިވެ އެވެ.
ރަންބީރުގެ ދެބެންގެ ދެދަރި ކަރީނާ ކަޕޫރުގެ އޯޓީޓީ ޝޯ "ވަޓް ވިމެން ވޯންޓް"ގައި ބައިވެރިވި ވާހަކަ ދައްކަމުން ރަންބީރު ބުނި ގޮތުގައި އޭނާއަކީ ވަރަށް 'ކޫލް" ބައްޕަ އެކެވެ. އެންމެ ބޮޑަށް ސްޓްރެސް ވެގެން އުޅެނީ އާލިއާ އެވެ.
ބައްޕައަކަށް ވުމަށްފަހު އޭނާގެ އިހްސާސްތައް ހުރި ގޮތް ކިޔައިދެމުން ރަންބީރު ބުނީ މިއީ ކުރިން އޭނާއަށް އިހްސާސް ކުރެވިފައިވާ ޖަޒްބާތެއް ނޫނެވެ. ކުރިން އޭނާ ހިތަށް ވެސް ނާރާ ކަހަލަ ކަންތައްތައް މިހާރު އޭނާއަށް ކުރިމަތިވާ ކަމަށް ރަންބީރު ބުންޏެވެ.
"ރާހާ ސްކޫލަށް ދާން ފެށުމުން ރޯގާ ޖެހި ބަލިވިޔަސް ޔަގީން އަހަރެންގެ ހިތް ހުއްޓޭވަރު ވާނެ. އެހާ ބޮޑަށް އަހަރެން މިހާރު މިވަނީ ބަދަލުވެފައި،" ރަންބީރު ބުންޏެވެ.
ރަންބީރު ބުނި ގޮތުގައި އާލިއާ މާ ބޮޑަށް ސްޓްރެސް ވާތީ އޭނާއަށް ޖެހެނީ ވަރަށް "ކޫލް"ވެގެން އުޅޭށެވެ. އަދި އަލަށް މައިންބަފައިންނަށް ވީމަ ދަރިފުޅާ ދޭތެރޭ ތަންކޮޅެއް ބޮޑަށް ރައްކާތެރިވެގެން އުޅެވޭ ކަމަށް ރަންބީރު އެއްބަސްވިއެވެ.
ރަންބީރުގެ އެންމެ ފަހުގެ ފިލްމު "ތޫ ޖޫޓީ މައި މައްކާރް"ގެ ޕްރޮމޯޝަން މަސައްކަތް ނިމުމާއެކު ރަންބީރު އާއި އާލިއާ މިހާރު ވަނީ ބޭބީ ރާހާ ގޮވައިގެން ލަންޑަނަށް ޗުއްޓީއަކަށް ފުރާފަ އެވެ. އަދި އިއްޔެ އެމީހުން ވަނީ އާލިއާގެ 30 ވަނަ އުފަން ދުވަސް ލަންޑަންގައި ފާހަގަކޮށްފަ އެވެ.
އާލިއާ ވިހޭއިރު ނުނިމި އޮތް ފިލްމެއް ކަމަށްވާ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ ޝޫޓިން ލަންޑަނަށް ފުރުމުގެ ކުރިން އޭނާ ވެސް ވަނީ ފުރިހަމަކޮށްފަ އެވެ.