ބޮލީވުޑް

ދަރިފުޅު ރާހާގެ ވާހަކަ ރަންބީރު ދެއްކީ ލޯތްބާއެކު

އަލަތު ދަރިފުޅު ރާހާ ކަޕޫރުގެ ވާހަކަ ވަރަށް ލޯތްބާއެކު އެކްޓަރު ރަންބީރު ކަޕޫރު ދައްކައިފި އެވެ. ރަންބީރު ބުނި ގޮތުގައި ދަރިފުޅު ހިނިތުންވެލާތަން ފެނިފައި އޭނާގެ ހިތް ކުދިކުދި ވެއެވެ.

ރަންބީރުގެ އާ ފިލްމު "ތޫ ޖޫޓީ މައި މައްކާރް"ގެ ޕްރޮމޯޝަން އިވެންޓެއްގައި ރަންބީރު ބުނި ގޮތުގައި މިހާރު އޭނާ ގެއިން ބޭރަށް ނުކުންނަ ހިތް އެއްގޮތަކަށް ވެސް ނުވެ އެވެ. އަދި ބޭރުގައި އުޅޭ ގަޑީގައި އަބަދުވެސް ބެލެނީ ރާހާގެ ފޮޓޮއަށެވެ.

"އަހަރެން މީ ވައި ލައްވަން ވެސް ވަރަށް ކުޅަދާނަ ސްޕެޝަލިސްޓެއް. އަހަރެންނަށް ކުރިއަކުން ނޭނގޭ ތުއްތު ކުދިންގެ ވައި ލެއްވުމުގެ މުހިއްމު ކަމެއް. މިހާރު އެކަމުގެ ތަޖުރިބާ ވަރަށް ރަނގަޅަށް ލިބިއްޖެ. އަހަރެން ގޭގައި އުޅޭ ހުރިހާ ގަޑިއެއްގައި އުޅެނީ ދަރިފުޅާއެކު. ދަރިފުޅާއެކު ހޭދަ ކުރެވޭ ވަގުތުތައް ޖާދޫއެއް ފަދަ. މިހާރު ދެ ހަފުތާއެއްހާ ދުވަސް ވެއްޖެ ރާހާ ހޭން ދަސްކުރިތާ. އޭނާގެ ކޮންމެ ހިނިތުންވުމެއް އަހަރެންގެ ހިތް ހަލާކުކޮށްލާ،" ރަންބީރު ބުންޏެވެ.

ރަންބީރު ބުނި ގޮތުގައި ބައްޕައަށް ވުމުގެ އިހްސާސަކީ ދުނިޔޭގައި މީހަކަށް ކުރެވޭނެ އެންމެ އުފާވެރި އަދި ހިތްހަމަޖެހޭ އިހްސާސެވެ.

ރަންބީރު އާއި ބަތަލާ އާލިއާ ބަޓް ކައިވެނިކުރީ މިދިޔަ އަހަރުގެ އެޕްރީލްގަ އެވެ. އަދި ނޮވެމްބަރު މަހު ވަނީ އެމީހުންގެ ފުރަތަމަ ދަރިފުޅު ރާހާ އުފަން ވެފަ އެވެ.

ފިލްމީ ރޮނގުން ބަލާއިރު ރަންބީރާއި ޝްރައްދާ ކަޕޫރު ކުޅެފައިވާ "ތޫ ޖޫޓީ މައި މައްކާރް" އަންނަ މާޗް 8 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ލަވް ރަންޖަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ސްޓޭންޑްއަޕް ކޮމޭޑިއަން އަނޫބަވް ސިންގް ބަސީ ވެސް މުހިއްމު ރޯލެއް ކުޅެ އެވެ.

ދެން އޮތީ ރަޝްމިކާ މަންދަނާ އާއެކު ކުޅޭ "އެނިމަލް" އެވެ. ސަންދީޕް ރެޑީ ބަންގާ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ އޮގަސްޓް 11 ވަނަ ދުވަހު އެވެ.