ބޮލީވުޑް

ރާހާ އަށް ޓަކައި ކެރިއަރު މަޑުޖައްސާލައިފިން: އާލިއާ

އާލިއާ ބަޓް އަކީ ބޮލީވުޑްގެ އެހެން ބަތަލާއިންނާ މުޅިން ތަފާތު ބަތަލާ އެކެވެ. އެހެން ބަތަލާއިން ފިލްމުތައް ހޯދަން މެނޭޖަރުން ލައިގެން ގަދަޔަށް މަސައްކަތް ކުރާއިރު އާލިއާ ބަޓް އަށް ނުކުޅެވޭ ވަރަށް ވެސް ފިލްމުތައް ލިބެ އެވެ. އަދި ބޮލީވުޑްގެ ނަން މަޝްހޫރު ހުރިހާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ލިސްޓުގެ ކުރީގައި އަބަދުވެސް އޮންނަނީ އާލިއާގެ ނަމެވެ.

އުމުރުން 29 އަހަރުގައި ކައިވެނިކޮށް ވަރަށް އަވަހަށް ދަރިއަކު ހޯދަން ކެރުނު އާލިއާ އާ އެއްފެންވަރުގެ ބަތަލާއަކު ވެސް ނެތެވެ. ކެރިއަރުގެ އެންމެ އުހަށް އެރިފައި ހުއްޓާ އެކްޓަރު ރަންބީރު ކަޕޫރާއި އާލިއާ ކައިވެނިކުރުމުން ގިނަ ބަޔަކު ހައިރާންވެ އަންތަރީސްވި އެވެ. އަދި ކައިވެނި ކުރިތާ މާގިނަ ދުވަހެއް ނުވެ ބަނޑުބޮޑުކަން އިއުލާން ކުރުމުން އަދި އެއަށް ވުރެ ބޮޑަށް ހައިރާންވި އެވެ.

މިހާރު އާލިއާ އާއި ރަންބީރުގެ ފުރަތަމަ ދަރިފުޅު ރާހާ ވަނީ އުފަންވެފަ އެވެ. ނޮވެމްބަރު 2022ގައި ރާހާ އުފަންވުމުން އާލިއާ ވަރަށް އަވަހަށް ފިލްމީ މަސައްކަތް ފަށާނެކަމަށް ގިނަ ބަޔަކު ހީކުރި އެވެ.

ނަމަވެސް ދާދިފަހުން މުމްބައިގައި އޮތް އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަދައްކަމުން އާލިއާ ބުނީ ދަރިފުޅު ރާހާ އުފަންވުމަށްފަހު ކެރިއަރު ކުޑަކޮށް މަޑުޖައްސާލާފައިވާ ކަމަށެވެ.

ފިލްމު ކުޅުމުގައި ވެސް އޭނާ ބަލަނީ ގިނަ ފިލްމުތައް ކުޅުމަށްވުރެ ކޮލިޓީ ރަނގަޅު ފިލްމުތައް ކުޅުމަށް ކަމަށާއި މިހާރު އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިފުޅަށް ކަމަށެވެ.

ވީމާ ވީހާވެސް މަދުން ފިލްމު ކުޅެފައި ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކުރަން މި ވަގުތު ގަސްތުކުރާ ކަމަށް އާލިއާ ބުންޏެވެ.

އެއްވެސް ޖެހިލުމެއް ނެތި އާލިއާ މިފަދަ ނިންމުމެއް ނިންމި ނަމަވެސް މިއީ އޭނާއާ އެންމެ ބޮޑަށް ވާދަކުރާ ބަތަލާއިންނަށް ކުރަން ކެރޭ ވަރުގެ ކަމަކަށް ނުވެ އެވެ. ކެރިއަރު ވަޅުޖަހާފާނެތީ ދީޕިކާ ޕަދުކޯން އާއި ކެޓުރީނާ ކައިފް ފަދަ ތަރިން ކައިވެނި ކުރިޔަސް އަދިވެސް ދަރިން ހޯދަން ފަސް ޖެހިފައި ތިބި ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެ އެވެ.

އާލިއާ އާއި ރަންބީރު ދާދިފަހުން ނޫސްވެރިންނާ ބައްދަލުކޮށް އެމީހުންގެ ދަރިފުޅުގެ ފޮޓޯތައް މޫނު ފެންނަ ގޮތަށް ނުޖެހުމަށް އެދިފައި ވެއެވެ. އެމީހުން ނަގާ ފޮޓޯތަކުން ދަރިފުޅުގެ މޫނު ފެންނަން ހުރިނަމަ މޫނުގައި ނުފެންނަ ގޮތަށް އީމޯޖީއެއް ޖަހާލަ ދިނުމަށްވެސް އެމީހުން އެދުނެވެ.

އެމީހުން ބޭނުންވަނީ ދަރިފުޅަށް ދެ އަހަރު ވަންދެން އޭނާގެ އެއްވެސް ފޮޓޮއެއް އޮންލައިންކޮށް އަދި ނޫސްތަކުން ވެސް ނުފެންނަން ކަމަށްވެސް އާލިއާ އާއި ރަންބީރު ބުންޏެވެ.