ބޮލީވުޑް

އާލިއާ ފިލްމު ކުޅެން ފޮނުވާފައި ރަންބީރު ދަރި ބެލުން މައްސަލައެއްތަ؟

ރަންބީރު ކަޕޫރު އަލަށް ބައްޕައަކަށް ވާން އެވަނީ ތައްޔާރުވެފަ އެވެ. އޭނާގެ އަންހެނުން އާލިއާ ބަޓް ބަލިވެ އިނދެ ވިހާ ދުވަސް ކައިރިވަމުން އަންނައިރު ރަންބީރު ވަނީ އާ ފިލްމުތައް ކުޅެން ސޮއިކުރުން މުޅިން ހުއްޓާލާފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައިވާ ރިޕޯޓުތައް ބުނާ ގޮތުގައި ރަންބީރު ބޭނުންވަނީ ދަރިފުޅު ލިބުމުން ދުވަސްކޮޅަކު ފިލްމީ މަސައްކަތާ ދުރުގައި ދަރިފުޅާއެކު ހޭދަކުރާށެވެ.

ވިހައި ގަދަވުމުން އާލިއާ ފިލްމު ކުޅެން ފޮނުވާފައި ގޭގައި ދަރިފުޅު ބަލަން ހުންނަން ރަންބީރު ނިންމާފައިވާ ކަމަށް ވެއެވެ.

މި ޚަބަރު ސޯޝަލް މީޑިއާގައި ދައުރުވުމާއެކު ވަރަށް ގިނަ މީހުން ރަންބީރުއާ ދިމާކޮށްލައި ވަރަށް މަލާމާތްކޮށް ފާޑުފާޑު އެއްޗެތި ކިޔާފައި ވެއެވެ.

"އައްދޭ. ހާދަ މޮޅު ގޮތެކޭ. ދެން މީނަ ދަރި ބަލާފައި އާލިއާ މެޑަމް ފިލްމު ކުޅެން ފޮނުވާނީ ދޯ؟" ރަންބީރަށް މަލާމާތްކޮށް މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

"އެންމެ ބްރަމަސްތުރަ ފިލްމަކަށްޓަކައި ކޮންކަހަލަ ގިނަ ގުރުބާނީއެއް ރަންބީރަށް ވާން ޖެހުނީ. އަޔާންއާ ރުޅިވެ އާލިއާ ކައިވެނިކޮށް މިހާރު ދަރިއަކު ލިބެނީ. އަދި ފިލްމު ކުޅުން ދޫކޮށްލާފައި ދަރި ވެސް މި ބަލަން ޖެހުނީ އޭނަޔަށް. އާލިއާ ވިހެއުމާއެކު ފިލްމު ކުޅެން ފަށާނެ. ރަންބީރު ހުންނާނީ ޑައިޕާ ބަދަލުކުރަން ގޭގައި،" ދެވަނަ މީހަކު ލިޔެފައި ވެއެވެ.

ރަންބީރަށް ޓްރޯލްކުރި ތިންވަނަ މީހާ ބުނެފައިވަނީ އެކްޓިން ކެރިއަރާ މެދު ރަންބީރު ސީރިއަސް ނޫން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަލަތު ދަރިފުޅު ލިބުމަށްފަހު ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށްޓަކައި ޗުއްޓީ ނެގުމަކީ ރަންބީރު އަމިއްލައަށް ބޭނުންވެގެން ކުރާ ކަމެކެވެ. އެހެންވެ މި ދުވަސްކޮޅު އޭނާ އެއްވެސް އާ ފިލްމެއް ގަބޫލެއް ނުކުރެ އެވެ.

ރަންބީރު ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރެއިން މިހާރު ނުނިމި އޮތީ ސަންދީޕް ވެންގާ ޑައިރެކްޓް ކުރާ "އެނިމަލް" އެކަންޏެވެ.

އަނެއްކޮޅުން އާލިއާ ސޮއިކޮށްފައިވާ ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. މީގެތެރޭގައި ކަރަން ޖޯހަރް ޑައިރެކްޓްކޮށް ރަންވީރު ސިންގް ބަތަލުގެ ބައި ކުޅޭ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ"، ސަންޖޭ ލީލާ ބާންސާލީގެ "ބެއިޖޫ ބާވްރާ" ހިމެނެ އެވެ.