ބޮލީވުޑް

ކައިވެނިކޮށް ދަރިން ހޯދީ ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް: އާލިއާ

ބޮލީވުޑްގެ ޒުވާން ބަތަލާއިން އެންމެ ބިރުގަންނަ އެއްކަމަކީ ކައިވެނިކޮށް ދަރިން ހޯދުމެވެ. ސަބަބަކީ ކައިވެނިކޮށްފިނަމަ އެމީހުންގެ ކެރިއަރު ބަރުބާދުވާނެ ކަމަށް ގިނަ ބަޔަކު އެމީހުންނަށް އިންޒާރު ދޭތީ އެވެ. އަދި ޚުދު އެމީހުންނަށް ވެސް އެކަން ގަބޫލު ކުރެވޭތީ އެވެ.

ނަމަވެސް އާލިއާ ބަޓް އެންމެ 29 އަހަރުގައި ކައިވެނިކޮށް ދަރިއަކު ހޯދަން ނިންމީ މި ހުރިހާ ކަމެއް އެނގިހުރެ އެވެ. ކެރިއަރަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ބަލައި އޭނާ ހެދީ ހިތް ބުނި ގޮތެވެ.

އީޓައިމްސް އަށް ދިން އިންޓަވިއު އެއްގައި އާލިއާ ބުނި ގޮތުގައި ކެރިއަރުގެ އެންމެ އުހަށް އެރިފައި ހުއްޓާ ކައިވެނިކޮށް ކުއްޖެއް ހޯދަން ނިންމި ނިންމުމާ މެދު އޭނާ ދުވަހަކުވެސް ހިތާމައެއް ނުކުރާނެ އެވެ. ކައިވެނި ކުރުމާ ދަރިން ހޯދުމާއި ފިލްމީ މަސައްކަތާ ހުރީ ކޮން ގުޅުމެއްތޯ އާލިއާ ސުވާލު ކުރި އެވެ. އަދި ގުޅުމެއް އޮތަސް އޭނާގެ މައްސަލައެއް ނެތް ކަމަށާއި އޭނާއަށް އެކަމާ ފަރުވާލެއް ނެތް ކަމަށް އާލިއާ ބުންޏެވެ.

"އަހަރެންނަށް އެނގޭ ހަޔާތުގެ އެއްވެސް ހިސާބެއްގައި އަހަރެން މި ވަގުތު ދަރިއެއް ހޯދަން ނިންމި ނިންމުމަށް ހިތާމަ ނުކުރާނެކަން. އެއީ އަހަރެން ބޭނުންވެގެން ކުރި ކަމަކަށް ވާތީ،" އާލިއާ ބުންޏެވެ.

އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"ގެ މަސައްކަތް އޭނާ ކުރީ ވެސް އަލަތު ދަރިފުޅު ރާހާ އަށް ބަލިވެ އިނދެގެން އުޅުނު އިރުއެވެ. އަދި "ބްރަމަސްތުރަ"ގެ ޕްރޮމޯޝަންގެ މަސައްކަތްތައް ވެސް އޭނާ ކުރީ ހަމަ ބަނޑުބޮޑުއިރު އެވެ.

އާލިއާ ބުނީ އޭނާ ކަންތައްކުރީ އޭނަގެ ހިތް ބުނި ގޮތަށް ކަމަށެވެ. އަދި ހިތް ބުނި ގޮތަށް ކަންތައް ކުރެވުނީތީ އުފާކުރާ ކަމަށެވެ.
މަންމައަކަށް ވުމުން އައި ބަދަލުތަކާ ގުޅޭ ގޮތުން ވެސް އާލިއާ ވާހަކަ ދެއްކި އެވެ. އޭނާ ބުނީ އެއީ ހަމަ ކުރީގެ ވެސް އާލިއާ ކަމަށެވެ. ނަމަވެސް އޭނަގެ ހަޔާތުގެ ގިނަ ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށެވެ.

"މަންމައަކަށް ވުމުން ދިރިއުޅުމުގެ ނަޒަރިއްޔާ ބަދަލުވެއްޖެ. އިސްކަންދޭ ކަންތައްތައް ބަދަލުވެއްޖެ. "ޒިންމާ"ގެ މާނަވެސް ބަދަލުވެއްޖެ. ހަގީގަތުގައި މިއީ ހަޔާތުގެ އެންމެ ނާޒުކު ވަގުތު. ހިތް މާ ބޮޑަށް ވަނީ ހުޅުވިފައި،" އާލިއާ ބުންޏެވެ.