ބޮލީވުޑް

އާލިއާއާ ނުލާ އުޅެން ރަންބީރަށް އުނދަގޫ

ބޮލީވުޑްގެ މިހާރުގެ އެންމެ މަގްބޫލު ޖޯޑަކީ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރެވެ.

މައިންބަފައިންނަށް ވާން ތައްޔާރުވަމުންދާ މި ޒުވާން ޖޯޑުގެ ވާހަކަ މިހާޜު އެހާ ގިނައިން ނޫސްތަކުން ފެންނަނީ އެމީހުންގެ މަގްބޫލުކަން ބޮޑުކަމުންނެވެ.

މިއަހަރުގެ އެޕްރީލް 14ގައި އާލިއާ އާއި ރަންބީރު ކައިވެނިކުރީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުގަ އެވެ. އެއީ މިހާރު ރިލީޒްކޮށް ކާމިޔާބު ހޯދަމުންދާ މި ދެ ތަރިންގެ ފިލްމު "ބްރަމަސްތުރަ"ގެ ސެޓުން ބައްދަލުވުމުން އުފެދުނު ލޯތްބެކެވެ.

"ބްރަމަސްތުރަ"ގައި ރަންބީރުގެ ކެރެކްޓާ ޝިވާ ބުނާ ގޮތުގައި އީޝާ (އާލިއާ) އާ ނުލައި އޭނާއަކީ ފުރިހަމަ މީހެއް ނޫނެވެ. ރަންބީރު ވަރަށް ފަހުން ދީފައިވާ އިންޓަވިއު އެއްގައި ހަމަ މި ޑައިލޯގް އޭނާގެ އަމިއްލަ ދިރިއުޅުމާ ވެސް ގުޅުވާފައި ވެއެވެ.

ނަވްބާރަތު ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ރަންބީރު ބުނީ އޭނާ އާލިއާ އަށް ވަރަށް ބޮޑަށް ޑިޕެންޑްވެ އޭނާގެ ގައިގައި އަބަދު ތަތްކޮށްލައިގެން އުޅޭ ކަމަށެވެ.

"އަހަންނަށް ހީވެފައި އޮންނަނީ އަހަރެންނަކީ ވަރަށް މިނިވަން ދިރިއުޅުމެއް އުޅޭ މީހެކޭ. ނަމަވެސް ހަގީގަތަކީ އެއެއް ނޫން. އަހަރެން ވަރަށް ބޮޑަށް އާލިއާ އަށް ޑިޕެންޑްވެއްޖެ. އާލިއާ ވީތަނެއް ނޭގެންޏާ އަހަރެން ފާޚާނާ އަށް ވެސް ނުވަންނަން. ނުވެސް ކަން. އާލިއާ އަބަދުވެސް އަހަރެން ކައިރީގައި ހުރުން އަހަންނަށް ވަރަށް މުހިއްމު. އެއީ ކޮންމެހެން ދެ މީހުން މާ ރޮމެންޓިކް ވާކަށް ނޫން. އޭނަ ވާހަކަ ނުދައްކާ އިނަސް އަހަރެން ކައިރީގައި އިނިއްޔާ އެ ނިމުނީ،" ރަންބީރު ބުންޏެވެ.

ރަންބީރު ދެއްކީ ހަގީގަތުގައި ވެސް ތެދު ވާހަކައެއް ކަމަށް އާލިއާ އެއްބަސްވި އެވެ.

"އަހަންނާ ނުލާ ރަންބީރަށް އެއްވެސް ކަމެއް ނުކުރެވޭ. އަހަރެން ނޫޅެންޏާ ހުރިހާ ކަމެއްވެސް ފަހުން ކުރަން ބަހައްޓާފަ ހުންނަނީ،" އާލިއާ ބުންޏެވެ.