ބޮލީވުޑްގައި މިހާރު އެއް އަޑަކަށް އޮތީ ރަންބީރު އާއި އާލިއާ ބަޓްގެ "ބްރަމަސްތުރަ" އަށް ފާޑުކިޔާ މަލާމާތްކުރާ އަޑާއި އެ ފިލްމަށް ތައުރީފު ކުރާ އަޑެވެ.
ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކިތަންމެ ފާޑުކިޔަސް ބޮކްސް އޮފީހުގައި ފިލްމު އެކަށީގެންވާ ވިޔަފާރިއެއް ކުރަމުންދާ ކަމެވެ.
ފިލްމު ސިނަމާތަކުގައި ދައްކަމުންދާއިރު ރަންބީރު އާއި އާލިއާ އަދި ޑައިރެކްޓަރު އަޔާން މުކަރުޖީ އަދިވެސް ވަރުބަލިކަމެއް ނެތި ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ދާދިފަހުން މި ތިން ފަންނާނުން ބައިވެރިވި އިވެންޓެއްގައި ޕަޕަރާޒީންނަށް ފޮޓޯ ނަގަން ފުރުސަތު ދިން ވަގުތު ހިނގި ކަމަކުން އާލިއާ އާއި ރަންބީރުގެ ގުޅުން ހީކުރާހާ ރަނގަޅު ނޫންކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ވާހަކަ ދައްކަމުންނެވެ.
ޕަޕަރާޒީއަކު ނަގާފައިވާ އަދި މިހާރު ވައިރަލް ވެގެން އުޅޭ މި ވީޑީއޯގައި ފެންނަނީ ފޮޓޯ ނަގަން ތައްޔާރުވި ވަގުތު ރަންބީރުގެ އިސްތަށިގަނޑު ރަނގަޅުކޮށްލަން އާލިއާ މަސައްކަތް ކުރާ ތަނެވެ. އެއާއެކު ރަންބީރު ހިތްހަމަނުޖެހިގެން އާލިއާގެ އަތް ފޮޅުވާލާފައި އަމިއްލައަށް އިސްތަށިގަނޑު ރަނގަޅު ކޮށްލާ މަންޒަރު ވީޑިއޯގައި ފެނެ އެވެ.
މި ވީޑީއޯ ބެލި ބައެއް މީހުން ބުނީ މީހުންގެ ތެރޭގައި އެހާ ބޮޑަށް ގައިގޯޅިވެ އުޅެން ރަންބީރު ލަދުގަންނަނީހެން ހީވާ ކަމަށެވެ. އާލިއާ ދެކެ ރަންބީރު ލޯބި ނުވާ ކަމަށް ބައެއް މީހުން ޝައްކު ކޮށްފައި ވެއެވެ.
ވީޑިއޯގައި އަޔާން އާއި އާލިއާ އަންނަނީ އެކުގަ އެވެ. އެމީހުންނާ ރަންބީރު އަންނަނީ އަނެއް ކޮޅުންނެވެ. ރަންބީރުއާ ބައްދަލުވުމާއެކު އޭނާ ފުރަތަމަ ބައްދާލާ ސަލާންކުރަން އާލިއާ އުޅެ އެވެ. ރަންބީރަށް އެތަނެއް ނުފެނެ އެވެ. އޭނާގޮސް ބައްދައިގަންނަނީ އަޔާންގެ ގައިގަ އެވެ. އާލިއާގެ ގައިގައި ބައްދަނީ އޭގެ ފަހުންނެވެ.
މިކަމާ ގަތް ލަދު ފޮރުވަން އާލިއާ މަސައްކަތްކުރަމުން ރަންބީރުގެ އިސްތަށިގަނޑު ރަނގަޅުކޮށްލަން މަސައްކަތް ކުރީ ކަމަށް ބެލެވެ އެވެ. ނަމަވެސް ރަންބީރަށް އެކަން ވެސް އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވެގެން އާލިއާގެ އަތް ދުރަށްލީ އެވެ.
އާލިއާ އާއި ރަންބީރުގެ މެދުގައި މީހުން ހީކުރާ ވަރުގެ ލޯބީގެ ގުޅުމެއް ނެތްކަމަށް ބަޔަކަށް ޝައްކު ކުރެވިގެން އުޅެނީ މި ވީޑިއޯ ބަލާފަ އެވެ.
"ބްރަމަސްތުރަ" އަކީ ތިން ފިލްމުގެ މައްޗަށް ހިމެނޭ ފްރެންޗައިސް އެކެވެ. ފިލްމުގެ ކާމިޔާބާއެކު މީގެ ދެވަނަ ބައިވެސް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.
ޑައިރެކްޓަރު އަޔާން މުކަރުޖީ ބުނެފައިވާ ގޮތުގައި ފުރަތަމަ ބައި އުފައްދަން ފަސް އަހަރު ހޭދަވި ނަމަވެސް އެއަށް ވުރެ މާއަވަހަކަށް ދެވަނަ ބައި އުފައްދައި ރިލީޒްކުރަން އޭނާ މަސައްކަތް ކުރާނެ އެވެ.