ބޮލީވުޑް

ބަނޑުބޮޑުކަން ހާމަކުރުމުން ދޮގު ޚަބަރުތައް ފަތުރާތީ އާލިއާ ރުޅިގަދަވެއްޖެ

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަށް ދަރިއަކު ލިބެން އުޅޭކަން އެ ދެމަފިރިން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.

އެއާއެކު އެ ދެ ތަރިންގެ ފޭނުންނާއި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެމީހުންގެ އެކުވެރިން ވަނީ ޒުވާން ދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިޔައި ހެޔޮއެދުންތައް ފޮނުވާފަ އެވެ. ނަމަވެސް އާލިއާ ބަނޑޫބޮޑު ވާހަކަ އިއުލާން ކުރުމާ ގުޅިގެން ބައެއް ނޫސްތަކުން ފަތުރަމުންދާ ޚަބަރުތަކުން އާލިއާ ރުޅިގަދަވެ އިއްޔެ ވަނީ އެ މީޑިއާ ތަކަށް ވަރުގަދަ ރައްދެއް ދީފަ އެވެ.

އާލިއާ މިވަގުތު ހުރީ އޭނާ ސޮއިކުރި ފުރަތަމަ ހޮލީވުޑް ފިލްމުގެ މަސައްކަތްކުރަން ޔޫކޭ ގައެވެ. އޭނާ ރުޅިގަދަވީ ބަނޑުބޮޑުވުމާ ގުޅިގެން އޭނާ ކުޅެމުންދާ ހޮލީވުޑް ފިލްމުގެ މަސައްކަތް ލަސްވެގެން ދާނެ ކަމަށާއި ރަންބީރު ޔޫކޭ އަށް އާލިއާ ބަލާ ދާން އެބަ އުޅޭ ކަމަށް ބުނެ ފެތުރި ޚަބަރަކާ ގުޅިގެންނެވެ. އަދި އާލިއާ ދެން ފިލްމުތަކުގެ މަސައްކަތް ފަށާނީ ގޭގައި އަރާމުކުރަން ދުވަސްކޮޅަކު ހުރެލާފައި ކަމަށްވެސް ޚަބަރު ފަތުރާފައި ވެއެވެ.

އެ ޚަބަރު ކިޔާފައި އާލިއާ އައި ރުޅިން ޝެއާ ކުރި މެސެޖެއްގައި ބުނެފައިވާ ގޮތުގައި ބައެއް މީހުން އަދިވެސް އުޅެނީ ހުރިހާ ބާރެއް އޮތީ ފިރިހެނުންނަކަށް ކަމަށް ހަދައިގެން ކަމަށެވެ.

"މީހުން އަދިވެސް މިއުޅެނީ ފިރިހެނުންނަށް ނޫނީ އެއްވެސް ކަމެއް ނުވާނޭ ބުނާ ދުނިޔެއެއްގައި. އެއްވެސް ކަމެއް ލަހެއް ނުވޭ. އެއްވެސް މީހަކު އަނެއް މީހަކާ ބަލާ ދާކަށް ވެސް ނުޖެހޭ. އަހަންނަކީ ޕާރުސަލެއް ނޫން، އަންހެނެއް. ކޮންމެހެން މީހަކު އަހަރެން ބަލާ ގޮސް ގެންނާކަށް ނުޖެހޭނެ. ޑޮކްޓަރުން އެއްބަސްވާ ގޮތުގައި އަހަރެންގެ ހާލު މުޅިން ރަނގަޅު. އަރާމުކުރަން އޮންނާކަށް ނުޖެހޭ. މިއީ 2022 ވަނަ އަހަރު. ތި ބޯދާ ޒަމާނުގެ ވިސްނުން ދޫކޮށްލާކަށް ނުވޭތަ،" އާލިއާގެ އިންސްޓަގްރާމް އެކައުންޓުން ޕޯސްޓްކޮށްފައިވާ މެސެޖެއްގައި ލިޔެފައި ވެއެވެ.

އިންޑިއާ ޓުޑޭ ނޫހުން ބުނެފައިވާ ގޮތުގައި އާލިއާ އޭ ކިޔައިގެން ބައެއް ނޫސްތަކުން ފެތުރީ މުޅިން ތޯތޯ ވާހަކަ ތަކެކެވެ. ހަގީގަތުގައި އާލިއާ އާއި ރަންބީރު ކައިވެނިކުރީ ވެސް އެމީހުން ދަރިއަކު ހޯދަން މުޅިން ތައްޔާރުވެފަ އެވެ. އެހެންވެ އޭނާ ދަރިއަކު ޕްލޭންކުރީ މިހާރު ސޮއިކޮށްފައިވާ އެއްވެސް ފިލްމެއްގެ މަސައްކަތަށް ބުރޫނާރާނެ ގޮތަށް ދުރާލާ ވިސްނައިގެންނެވެ.

އޭނާގެ "ބްރަމަސްތުރަ"ގެ މަސައްކަތް މުޅިން ނިމިފައިވާއިރު "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" އާއި ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"ގެ މަސައްކަތް ވެސް ޖުލައި މަހުގެ ތެރޭގައި މުޅިން ނިމޭނެ އެވެ.

ވީމާ އާލިއާ ކުޅެން އެއްބަސްވެފައިވާ އެއްވެސް ފިލްމެއް ނުނިމިގެން ނުވަތަ ލަސްވެގެން އެއްވެސް މީހަކަށް ޝަކުވާ ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އެނޫހުން މައުލޫމާތު ދީފައި ވެއެވެ.