މެޓް ގާލާ އިވެންޓްގައި ބައިވެރިވާން އާލިއާ ބަޓް މިފަހަކުން ކުރި ދަތުރުގައި ހޭދަކުރި ހަތަރު ދުވަހަކީ އޭނާގެ ތުއްތު ދަރިފުޅު ލިބުނު ފަހުން އެ ދަރިފުޅާ ވަކިން ހޭދަކުރި އެންމެ ގިނަ ދުވަސް ތަކެވެ. އެހެންވެ އިވެންޓް ނިމުނުތާ މަދު ގަޑިއެއްގެ ތެރޭގައި އާލިއާ ވަނީ ފުރައިގެން އިންޑިއާއަށް ގޮއްސަ އެވެ. އެ އިވެންޓާ ގުޅިގެން ބޭއްވި އިތުރު އެހެން އެއްވެސް އިވެންޓެއްގައި އާލިއާ ބައިވެރިއެއް ނުވެ އެވެ.
މެޓް ގާލާގައި އާލިއާ އެޅި ހެދުމާއި އޭނާގެ ފެޝަން ސްޓައިލަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ލިބިފައި ވެއެވެ.
އާލިއާ މި އިވެންޓްގައި ބައިވެރިވުމަށްފަހު އެނބުރި އިންޑިޔާއަށް ދިޔަ ފަހުން ވޯގް މަޖައްލާގެ ޔޫޓިއުބު ޗެނަލުން އާލިއާގެ ވީޑީއޯއެއް ރިލީޒްކޮށްފައި ވެއެވެ.
"އިންސައިޑް އާލިއާ ބަޓްސް ފަސްޓް މެޓް ގާލާ"ގެ ނަމުގައިވާ މި ވީޑީއޯގައި އާލިއާ އޭނާގެ ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައް ހިއްސާ ކޮށްފައި ވެއެވެ. ނަމަވެސް ގިނަ ބައެއްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ތުއްތު ދަރިފުޅު ރާހާއާ ގުޅޭގޮތުން އާލިއާ ދެއްކި ވާހަކަ ތަކެވެ.
އާލިއާ ބުނި ގޮތުގައި ރާހާ އާ ވަކިން އޭނާ ހޭދަކުރި އެންމެ ގިނަ ދުވަސް ތަކަކީ މި އިވެންޓުގައި ބައިވެރިވުމަށް ކުރި ދަތުރުގައި ހޭދަވި ހަތަރު ދުވަހެވެ. އަދި މި ހަތަރު ދުވަސް އޭނާ ހޭދަކުރީ ވަރަށް އުނދަގުލުން ކަމަށް އޭނާ ބުންޏެވެ.
"މިހާރު ދަރިފުޅަށް ގާތްގަނޑަކަށް ހަ މަސް ފުރެނީ. މި މުއްދަތުގައި އަހަރެން މީގެ ކުރިން އޭނާއާ ވަކިން އެންމެ ގިނައިން ވެސް ހޭދަކޮށްފައިވާނީ 24 ގަޑިއިރު. މިފަހަރު ހަތަރު ދުވަސް ރާހާ އާ ވަކިން ހޭދަކުރަން ޖެހިފައި މިވަނީ. ވަރަށް އުނދަގޫ ދަރިފުޅާ ވަކިން އެންމެ ދުވަހެއް ވެސް ހޭދަކުރަން. ކޮންމެ ދުވަހަކު ހޭލައިގެން ކުޑަ އިރުކޮޅަކަށް ވީޑީއޯ ކޯލް ކޮށްގެން އޭނާ ދެކިލަން،" އާލިއާ ބުންޏެވެ.
އާލިއާ މެޓް ގާލާ އަށް ފޮނުވާފައި އޭނާގެ ދަރިފުޅު ބެލުމާ ހަވާލުވެފައިވަނީ ފިރިމީހާ ރަންބީރު ކަޕޫރާއި އާލިއާގެ އެއްބަނޑު އެއްބަފާ ދައްތަ ޝާހީން އެވެ.