އެސްޓީއޯ

ފެންވަރު ދަށްވެގެން "ނޫފަހި" ބްރޭންޑް ހުއްޓާލައިފި

  • އާންމުންގެ ޝަކުވާލިބުނު
  • ނޫފަހި ބްރޭންޑްގެ އެއްޗިހި މިހާރު ނުވިއްކާނެ
  • އެ ބްރޭންޑް ތައާރަފް ކުރަން ބޮޑު ހަރަދެއް ކުރި

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނޭޒޭޝަން (އެސްޓީއޯ) އިން ތައާރަފްކޮށްފައިވާ އެ ކުންފުނީގެ އަމިއްލަ ޕުރޮޑަކްޓެއް ކަމަށްވާ "ނޫފަހި" އެތެރެކުރުން ހުއްޓާލައިފިއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަަރު އަހުމަދު ޝަހީރު ވިދާޅުވީ، މިހާރު ނޫފަހީގެ އުފެއްދުންތައް ވިއްކަން ނުހުންނާނެ ކަމަށާއި ނަމަވެސް އެ ބްރޭންޑްގެ ކޮންޑެންސް މިލްކް ސްޓޮކްގައި އަދި އެބަހުރި ކަމަށެވެ. މިހާރު ނޫފަހި އެތެރެކުރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވިއެވެ.

އެތެރެކުރުން ހުއްޓާލި ސަބަބެއް ކަމަށް ވިދާޅުވީ، ކޮލިޓީގައި މައްސަލަތަކެއް ހުރެގެން ކަސްޓަމަރުންގެ ފީޑްބެކް ރަނގަޅު ނޫން ވީމަ ކަމަށެވެ.

ނޫފަހި އުފެއްދުމަކީ 2014 ވަނަ އަހަރު ޖުލައިގެ ތެރޭގައި އެސްޓީއޯގެ އެމްޑީ އަކަށް އާދަމް އާޒިމް ހުންނެވި ދުވަސް ވަރު ރާއްޖެއަށް ތައާރަފުކުރި އުފެއްދުމެކެވެ. އެ އުފެއްދުން އެސްޓީއޯއިން ވަރަށް ބޮޑަށް ޕްރޮމޯޓްކޮށްފައިވެސްވެއެވެ. ޕްރޮމޯޝަނަށް އެކަނި ވެސް އަހަރަކު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ނޫފަހީގެ ބްރޭންޑް އެމްބެސެޑަރަކަށް އަޝްފާގު ވެސް ހަމަޖައްސާފައިވެ އެވެ.

އެސްޓީއޯ ނޫފަހި ބްރޭންޑްގައި ޖުމްލަ ފަސް ބާވަތެއްގެ އުފެއްދުންތައް ހިމެނެ އެވެ. އެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ކައްކާތެޔޮ، ހިކިކިރު، ކާށި ކިރު އަދި ދޮންނަ ކުނޑި އެވެ.

އެސްޓީއޯގެ އަމިއްލަ މި އުފެއްދުން ރާއްޖޭގައި ބޭރުގައި ޕެކްކުރުމަށްފަހު ރާއްޖެއަށް އެތެރެކުރިއިރު އެސްޓީއޯއިން މީގެ ކުރިން ނޫފަހި ބްރޭންޑް ރާއްޖެއިން ބޭރުގައި ޕްރޮމޯޓްކުރުމަށް ވިސްނަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެސްޓީއޯއިން ވިއްކަމުން ގެންދިޔަ، "އަލްމުދިޝް" ހިކި ކިރުން ފައިދާ ވަމުން ދަނިކޮށް އެ ބާވަތް ދޫކޮށްލާ، ނޫފަހި ބްރޭންޑެއް ތައާރަފް ކުރުމުގައި ސުވާލުތަކެއް ހުރި ކަމަށް، އެންޓި ކޮރަޕްޝަނުން އެސްޓީއޯއާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓެއްގައިވެސް ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.

"ނޫފަހި ބްރޭންޑް ޕްރޮމޯޓް ކުރުމުގެ ނަމުގައި ތަފާތު އެތަކެއް ހަރަދުތަކެއް އެސްޓީއޯގެ ބަޖެޓުން ކޮށްފައި ވަނީ ދައުލަތައް އެއިން ފައިދާއެއް ލިބެން އޮތް ކަމެއްގައި ބޮޑެތި ގެއްލުންތަކެއް ވާނެ ފަދަ ގޮތެއްގައި ކަމަށް ބެލެވެ އެވެ،" ރިޕޯޓްގައިވެ އެވެ.