ލައިފްސްޓައިލް

ސޫރްޔާއަށް ސްޕެލިން ބީ މުބާރާތުގެ އުންމީދު އާވެއްޖެ

އެމެރިކާގައި އޮތް ސްކްރިޕްސް ނެޝަނަލް ސްޕެލިން ބީ މުބާރާތުން ކެޓި ކަމަށް ނިންމި ކުއްޖަކަށް އަލުން މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބިއްޖެ އެވެ. މި ކުއްޖާއަށް ފުރުސަތު ލިބުނީ އޭނާ ކައިރީ ކިޔަން ބުނި ސްޕެލިންގެ ރޫޓް އިންފޮމޭޝަން އެކަށީގެންވާ ގޮތެއްގައި ނުދޭ ކަމަށް ބުނެ މައްސަލަ ޖެއްސުމުން އެކަން ސާބިތު ވެގެންނެވެ.

އެމެރިކާގެ އުޓާގެ ސައުތު ޖޯޑުންގައި ދިރިއުޅޭ އިންޑިޔާ ދަރިކޮޅުގެ ކުއްޖެއް ކަމަށްވާ 13 އަހަރުގެ ސޫރްޔާ ކާޕޫއަށް މި މުބާރާތުގައި ނުބައިކޮށް ކިޔުނީ "ލިއުކޯވޯރިން" ކިޔާ ބަހެކެވެ. މިއީ ކެންސަރު ބޭހުގެ ސައިޑްއިފެކްޓްސް ނައްތާލަން ނުވަތަ ކުޑަ ކުރަން ދޭ ބޭހެކެވެ.

މިދިޔަ ބުދަ ދުވަހުގެރޭ އޮތް ސެމީ ފައިނަލްގެ ފަހު ބުރުގައި މި ކުއްޖާއަށް މި ބަހުގެ ސްޕެލިން ނުބައިކޮށް ކިޔުމާއެކު ފައިނަލަށް ނުގޮސް އޭނާ މުބާރާތުން ކަޓާނެ ކަމަށް އެންމެ ވެސް ހީކުރި އެވެ. ނަމަވެސް ސޫރްޔާގެ ޝަކުވާ އަށް ދެ ގަޑިއިރު ވަންދެން ފަނޑިޔާރުން ބަހުސް ކުރުމަށް ފަހު އޭނާއަށް އިތުރު ފުރުސަތެއް ދޭން ނިންމީ އެވެ.

ހަތް ވަނަ ބުރުގައި ސޫރްޔާ އަށް އަނެއްކާވެސް އާ ބަހެއްގެ ސްޕެލިން ކިޔައި ދޭން ޖެހޭނެ އެވެ. އެ ސްޕެލިން ރަނގަޅު ވެއްޖެނަމަ އޭނާއަށް ފައިނަލަށް ދާ 12 ކުދިންގެ ތެރެއިން ޖާގައެއް ކަށަވަރު ވާނެ އެވެ.

މި މުބާރާތުން އެއްވަނަ އަށް އަންނަ ކުއްޖަކަށް 50،000 ޑޮލަރު އިނާމުގެ ގޮތުގައި ލިބޭނެ އެވެ.