އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ އިދިކޮޅު ޕީޕީއެމްއާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފި އެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސޫލާއަށް ބަދު ބަސްބުނުމަކީ މުސްލިމުން ތަހައްމަލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ބީޖޭޕީގެ ތަރުޖަމާންގެ ބަސްތަކަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރަސޫލާއާ މެދު ބަޔަކު ނުރުހުނު ނަމަވެސް ރަސޫލާގެ ސިޔަރަތާއި ޝަހްސިއްޔަތުން އެތައް ބަޔަކު ނަމޫނާ ލިބިގަނެ ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ އަދަދު ގިނަވަމުން އަންނަ ކަމަށެވެ. އަދި ރަސޫލާގެ ދިފާއުގައި ތެދުވާނެ އެތައް މުސްލިމުންނެއް ތިބޭނެ ކަމުގައިވެސް ބުނެފައިވެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބީޖޭޕީގެ ތަރުޖަމާނުގެ ވާހަކަތަކަކީ މުސްލިމުންނަށް ދިން އަނިޔާއެއް ކަމަށެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ބީޖޭޕީގެ ތަރުޖަމާންގެ ވާހަކަތަކަކީ އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ކަންކަމަށް އިތުރުކުރި އަމަލެއް ކަމަށެވެ. އިންޑިއާގައި ދިރިއުޅޭ މުސްލިމުން އަމާންރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށްވެސް ޕީޕީއެމުން ގޮވާލާފައިވެ އެވެ.
ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގަ އެވެ. އެ މައްސަލައާއި ގުޅިގެން އިސްލާމީ ބައެއް ގައުމުތަކުން ނުރުހުން ފާޅުކޮށް ބަޔާން ނެރުމާ ގުޅިގެންނާއި އިންޑިއާގެ މުސްލިމުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރަން ފެށުމުން ބީޖޭޕީން ވަނީ އެޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑްކޮށްފަ އެވެ.
ބީޖޭޕީގެ އިސް އޮފިޝަލަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ހޫނުވުމާ ގުޅިގެން ބީޖޭޕީން ބަޔާނެއް ނެރުނު ނަމަވެސް އެ ބަޔާން ނެރުނު ސަބަބެއް ބުނެފައެއް ނުވެ އެވެ. އަދި ރަސޫލާއަށް ފުރައްސާރަ ކުރި އޮފިޝަލްގެ ނަންވެސް ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަކު ބަޔާނުގައި ބުނެފައިވަނީ ބީޖޭޕީ އަކީ ހުރިހާ ދީނަކަށްވެސް އިހުތިރާމް ކުރާ ބައެއް ކަމަށެވެ. އަދި އެއްވެސް ދީނެއްގެ ޝަހްސިއްޔަތަކަށް ފުރައްސާރަ ކުރުން އެ ޕާޓީން ކުށްވެރި ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.