ލައިފްސްޓައިލް

އެއްފައި ނެތަސް ޑޮކްޓަރަކަށް ވުމުގެ އުންމީދުގައި ކިޔަވާ ކުއްޖެއް!

ހަށިގަނޑުން ބައެއް އުނިވުމަކީ ބައެއް މީހުންގެ ނަޒަރުގައި އެމީހާ ނުކުޅެދޭ މީހަކަށް ވާ ކަމެކެވެ. އަދި އޭނާއަށް ދިރިއުޅުމުގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމާއި އެހެން މީހުންގެ އެހީ އާ ނުލާ ނޫޅެވޭނެކަމަށް މިފަދަ ގިނަ މީހުން ގަބޫލު ކުރެ އެވެ. ނަމަވެސް ތިމާގެ ހުރި ނުކުޅެދުންތެރިކަމުން ހިތްވަރު ހޯދައިގެން ދިރިއުޅުމުގައި ކުރިއަރައިދާން މަސައްކަތްކުރާ މީހުން ވެސް މަދުން ނަމަވެސް ފެނެ އެވެ.

އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގައި ދިރިއުޅޭ މި ފިރިހެންކުއްޖާ އަކީ ވެސް އެއް ފައި ނެތް ކުއްޖެކެވެ. ނަމަވެސް އެއް ފައި ނެތުމަކީ ތައުލީމު ހާސިލުކުރުމަށާއި މުސްތަގްބަލާ މެދު އޭނާ ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރަން އޮތް ހުރަހެއް ކަމަކަށް މި ކުއްޖާ ނުދެކެ އެވެ.

ހަންދްވާރާ ކިޔާ ރަށެއްގައި ދިރިއުޅޭ ޕަރްވޭޒް ނަމަކަށް ކިޔާ މި ކުއްޖާގެ އެއް ފައި ގެއްލުނީ ވަރަށް ޅަ އުމުރުގަ އެވެ. ޕަރްވޭޒްގެ ފައި ބުރިކޮށްލަން ޖެހުނީ އޭނާ ވަރަށް ކުޑައިރު އޭނާ ދިރިއުޅޭ ހިސާބުގައި ހިނގި ވަރަށް ވަރުގަދަ އަލިފާނުގެ ހާދިސާ އެއްގަ އެވެ.

މިހާރު ގްރޭޑް 9 ގައި ކިޔަވާ ޕަރްވޭޒް ކޮންމެ ދުވަހަކު ސްކޫލަށް ދަނީ ދެ ކިލޯ މީޓަރުގެ ދުރު ރާސްކާއެއް ހިނގާފައި ކަޑައްތު ކޮއްފަ އެވެ. ދަނޑިބުރިއެއް ޖައްސަމުން ކޮރަމުންނެވެ.

އިންޑިއާގެ ނިއުސް އެޖެންސީއަކާ ވާޙަކަ ދައްކަމުން 14 އަހަރުގެ މި ކުއްޖާ ބުނީ އެއް ފައިން ބެލެންސް ކުރަމުން ދުވާލަކު ދެ ކިލޯ މީޓަރު އޭނާ ހިނގާ ކަމަށެވެ. ނަމަވެސް މަގުތައް ހަލާކުވެފައިވާލެއް ބޮޑުކަމުން މިގޮތަށް ހިނގުމުގައި ބޮޑެތި ތަކުލީފުތައް އުފުލަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
ޕަރްވޭޒްގެ އުންމީދަކީ އާޓިފިޝަލް ފަޔެއް ލިބި ހަމަޖެހިލައިގެން ހިނގާލާފައި ސްކޫލަށް ދެވޭނެ ގޮތެއް ވުމެވެ.

ޕަރްވޭޒް ބުނި ގޮތުގައި ސޯޝަލް ވެލްފެއާ ޑިޕާޓްމަންޓުން އޭނައަށް ފުރޮޅުލީ ގޮނޑިއެއް ހޯދާދީފައި ވެއެވެ. ނަމަވެސް މަގުތަކުގެ ހާލަތު ގޯސްކަމުން އެ ގޮނޑީގައި ދަތުރުކުރުމަކީ ކުރެވޭ ވަރުގެ ކަމަކަށް ނުވަނީ އެވެ.

މި ކުއްޖާ ބުނި ގޮތުގައި ކޮންމެ ދުވަހަކު ޔުނީފޯމްގައި ސްކޫލަށް ދާއިރު އޭނާ ހުންނަނީ ދާހިތްލާ ފޯވެފަ އެވެ. އެވަރުން ވެސް އޭނާ ސްކޫލަށް ގޮސް ނަމާދު ވެސް ކުރެ އެވެ.

ކްރިކެޓް ކުޅުމަށާއި ވޮލީބޯޅަ ކުޅުމަށް ލޯބިކުރާ ޕަރްވޭޒްގެ އުންމީދަކީ އާޓިފިޝަލް ފަޔެއްގެ އެހީގައި އޭނާއަށް ކުޅިވަރު ކުޅެލައި އާދައިގެ ދިރިއުޅުމެއް އުޅެވޭނެ ދުވަހެއް ފެނުމެވެ.

"ކިޔެވުމަށާއި ކަންކަން ހާސިލުކުރުމުގެ ރޫހު އަހަރެންގެ ހަށިގަނޑުގައި އެބަހުރި. އަހަންނަށް އެހީތެރިކަމެއް ފޯރުކޮށްދޭނެ ބަޔަކު ވެއްޖިއްޔާ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް މަގު ފަހިވާނެ. އަހަރެންގެ ފައި ހަލާކުވެ ބުރިކޮށްލަން ޖެހުމުން އެ ސާޖަރީ އަށް ބައްޕަ އަތުގައި ހުރި ހުރިހާ ފައިސާއެއް ވަނީ ޚަރަދުކޮށްފައި. ނުވި ތަނަކަށް އަތުގައި ހުރިއްޔާ ހުރި މުދަލެއް ވެސް ވިއްކައިގެން ސާޖަރީ ހެދުނީ،" ޕަރްވޭޒް ބުންޏެވެ.
ޕަރްވޭޒްގެ އުންމީދަކީ ކިޔަވައިގެން ކޮންމެވެސް ދުވަހަކުން މޮޅު ޑޮކްޓަރަކަށްވެ އިންސާނިއްޔަތަށް ޚިދުމަތް ކުރުމެވެ.

ޕަރްވޭޒްގެ ޓީޗަރުން ބުނި ގޮތުގައި އޭނާއަކީ ވަރަށް ތޫނުފިލި ކުއްޖެކެވެ. އަދި ކިޔެވުމަށް ގަދައަޅާ މަސައްކަތްކުރާ ދަރިވަރެއް ވެސް މެއެވެ.
ޕަރްވޭޒްގެ ވާހަކަ އިންޓަނެޓުގައި ވައިރަލް ވުމުން ޖައިޕޫރު ފުޓް ޔޫއެސްއޭގެ ޗެއާމަން ޕްރޭމް ބަންޑާރީ ވަނީ ޕަރްވޭޒް އަށް އާޓިފިޝަލް ފަޔެއް ޖަހައިދޭން ވައުދުވެފަ އެވެ.