ބޮލީވުޑް

މަރުގެ އިންޒާރު ލިބުނަސް ސަލްމާން ޝޫޓިން ހުއްޓާނުލާނެ

އިންޑިޔާގެ ޕަންޖާބުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލި މީހުން ސަލްމާން ޚާނާއި އޭނާގެ ބައްޕަ ސަލީމް ޚާނަށް ވެސް މަރުގެ އިންޒާރު ދީފައި ވެއެވެ. މިކަމާ ގުޅިގެން މުމްބައި ފުލުހުން ވަނީ ސަލްމާންގެ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފަ އެވެ.

މަރުގެ އިންޒާރު ލިބިފައި ވިޔަސް ސަލްމާން ކުރަމުންދިޔަ މަސައްކަތަށް އެއްވެސް ބުރުލެއް އެރިޔަ ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންވެ ޝެޑިއުލް އާ އެއްގޮތަށް އޭނާގެ ޝޫޓިންގްތައް ކުރިޔަށް ގެންދާނެކަމަށް ސަލްމާންގެ ފަރާތުން ވާޙަކަ ދެއްކި މީހަކު ބުނެފައި ވެއެވެ.

އެގޮތުން ސަލްމާންގެ އާ ފިލްމު "ކަބީ އީދު ކަބީ ދިވާލީ"ގެ ޝޫޓީންގް އަށް އިއްޔެ އޭނާ އާއި ޓީމު ހައިދަރއާބާދަށް ވަނީ ދަތުރުކޮށްފަ އެވެ. އަދި މި ފިލްމުގެ ޝޫޓިން 25 ދުވަސް ވަންދެން ކުރިޔަށް ގެންދިއުމަށްފަހު އެނބުރި މުމްބައި އަށް ގޮސް "ޓައިގާ 3"ގެ ޝޫޓިންގައި ބައިވެރިވާނެ އެވެ.

ސަލްމާނާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރުދީ ފޮނުވި ނޯޓެއް އެމީހުންނަށް ލިބުމަށްފަހު އިންޑިއާގެ ސީބީއައި އިން ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓަށް ގޮސް މި މައްސަލަ ތަހުގީގުކުރަން ފަށާފައި ވެއެވެ. އަދި އެމީހުން ވަނީ ސަލްމާންގެ ބަޔާން ވެސް ނަގާފަ އެވެ.

ސިދޫ މޫސޭ ވާލާ މަރާލުމުގެ ޒިންމާ ގޭންގްސްޓާ އެއް ކަމަށްވާ ލޯރެންސް ބިޝްނޯއީ ވަނީ އުފުލާފަ އެވެ. މި މީހާ 2018 އިން ފެށީގެން ސަލްމާނަށް މަރުގެ އިންޒާޜު ދެމުން އައިސްފައި ވެއެވެ. އެއީ ހިމާޔަތްކުރެވިފައިވާ ޖަނަވާރުތަކެއް ބަޑިޖަހާ މެރިކަމުގެ ތުހުމަތުގައި ސަލްމާނާ ދެކޮޅަށް ކޯޓަށް ހުށަހެޅުނު މައްސަލައިން އޭނާ ބަރީއަވުމުން އެކަމާ ރުޅިއައިސްގެންނެވެ.