ބޮލީވުޑް

ސަލްމާނަށް އަނެއްކާވެސް މަރުގެ އިންޒާރު ދީފި

އެކްޓަރު ސަލްމާން ޚާނަށް ކުރިން ވެސް މަރުގެ އިންޒާރު ލިބިފައި ވެއެވެ. އިއްޔެ އަނެއްކާވެސް ވަނީ އިތުރު އިންޒާރެއް ދީފަ އެވެ. އެއާއެކު މުމްބާއި ފުލުހުން ވަނީ ސަލްމާން ދިރިއުޅޭ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.

ސަލްމާނަށް މަރުގެ އިންޒާރު މިފަހަރު ދީފައިވަނީ އޭނާއަށް އެޑްރެސްކޮށް ފޮނުވާފައިވާ އީމެއިލް އެއްގަ އެވެ.

އޭނާއަށް އިންޒާރު ދެމުން ދަނީ ގޭންގްސްޓާރެއް ކަމަށްވާ ލޯރެންސް ބިޝްނޯއީ އާއި ގޯލްޑީ ބްރާރް އަދި ރޯހިތު ގަރްގް ކިޔާ މީހަކު ގުޅިގެންނެވެ. މީގެ ތެރެއިން ލޯރެންސް ބިޝްނޯއީ މިހާރު ވެސް ހުރީ ޖަލުގަ އެވެ.

އެމީހުން ސަލްމާން ދެކެ ރުޅިއައިސްގެން އުޅެނީ ބްލެކްބަކް ކިޔާ ހިމާޔަތްކޮށްފައިވާ ޖަނަވާރުތަކެއް މަރާލިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވި އެކަމުގެ ޝަރީއަތް ގިނަ އަހަރު ތަކަކަށް ދެމިގެން ގޮސް މި މައްސަލައިގައި އޭނާ ކުށްވެރި ނުވާ ކަމަކަށް ކޯޓުން އިއްވި ހުކުމާ ގުޅިގެންނެވެ.

ލޯރެންސް ބިޝްނޯއީ އަކީ އެ ބްލެކްބަކްތައް ދިރިއުޅުނު ޖަންގަލީގެ ސަރަހައްދުގެ ހިސާބަކަށް ނިސްބަތްވާ މީހެއް ކަމަށް ވެއެވެ. އަދި މި އެއްޗެހި މަރާލީ ސަލްމާން ކަމަށާއި އެކަމަށްޓަކައި މައާފަށް އެދެން ލޯރެންސް ކުރިން ވެސް ވަނީ ސަލްމާނަށް އިންޒާރުކޮށްފަ އެވެ. ފާޅުގައި މިކަމަށް މައާފަށް ނޭދިއްޖެނަމަ ދެން ހަދާނެ ގޮތް ބަލަން ތިބެން ވެސް އެމީހުން ވަނީ އިންޒާރު ދީފަ އެވެ.

"ހަމް ސާތު ސާތު ހޭ"ގެ ޝޫޓީންގް އަށް ރާޖަސްތާނަށް ގޮސް އުޅުމުގެ ތެރޭގައި ސަލްމާނާއި އޭނާގެ އެކުވެރިން ތަކެއް އެ ހިސާބުގެ ޖަންގައްޔަށް ވަދެ ޖަނަވާރުތަކެއް ޝިކާރަ ކުރިކަމުގެ ކުށް ސާބިތުގެ ފަސް އަހަރު ދުވަސް ސަލްމާން ވަނީ ޖަލުގައި ވެސް ހޭދަކޮށްފަ އެވެ. އަދި އޭނާ ޖަލުން ސަލާމަތްވެފައިވަނީ މަތީ ކޯޓަކުން މި މައްސަލައިގައި ސަލްމާންގެ ކުށެއް ނެތް ކަމަށް ނިންމުމާ ގުޅިގެންނެވެ.