ބޮލީވުޑް

ސަލްމާންގެ ފުރާނައަށް ނުރައްކާ ބޮޑުވެ ސެކިއުރިޓީ ވަރުގަދަކޮށްފި

ޕަންޖާބު ލަވަކިޔުންތެރިޔާ ސިދޫ މޫސޭވާލާ މަރާލި އިންޑިއާގެ ލޯރެންސް ބިޝްނޯއީ ގޭންގުގެ މިހާރުގެ އަމާޒަކީ ބޮލީވުޑް ސުޕަސްޓާ ސަލްމާން ޚާން މަރާލުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އިންޑިއާ ސަރުކާރަށް މިކަން އެނގިގެން ސަލްމާންގެ ސެކިއުރިޓީ ކުރިޔަށް ވުރެ ވެސް ވަރުގަދަ ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެތައް ފަހަރެއްގެ މަތިން މަރާލާނެކަމުގެ އިންޒާރުތައް ސަލްމާނަށް ލިބެމުންދާތީ އޭނާއަށް މިހާރު ވައި ޕްލަސް ސެކިއުރިޓީ ދީފައިވެ އެވެ. ސަލްމާންގެ އިތުރުން އެކްޓަރު އަކްޝޭ ކުމާރާއި އަނޫޕަމް ކޭރްގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ.

މި އަހަރުގެ ޖޫން މަހު ސަލްމާންގެ ގެޔަށް މީހަކު އެއްލާފައި އޮތް މެސެޖެއްގައި އޭނާ އާއި އޭނާގެ ބައްޕަ އަށް މަރުގެ އިންޒާރު ދީފައި ވެއެވެ. އަދި ލޯރެންސް ބިޝްނޯއީ ގޭންގުގެ މީހުންގެ ތެރެއިން ހައްޔަރުކުރި ބައެއް މީހުން އެއްބަސްވެފައިވާ ގޮތުގައި ސަލްމާން މަރާލަން އެތަކެއް ފަހަރު އެމީހުން ވަނީ މަސައްކަތް ކޮށްފަ އެވެ.

ސަލްމާނަށް ވައި ޕްލަސް ސެކިއުރިޓީ ދިނުމުން އޭނާއާ އެކު އަބަދުވެސް ހަތިޔާރުއެޅި ހަތަރު ސެކިއުރިޓީ މީހުން ތިބޭނެ އެވެ. އަކްޝޭ އާއި އަނޫޕަމް އަށް ދީފައިވަނީ ވައި ސެކިއުރިޓީ ކަމުން އެމީހުންނާއެކު ތިބޭނީ ހަތިޔާރު އެޅި ތިން ސެކިއުރިޓީ ގާޑުންނެވެ.

ސެކިއުރިޓީ އޮފިޝަލުން ފޯރުކޮށްދީފައިވަނީ ސަރުކާރުން ނަމަވެސް އެމީހުންގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެ އެކްޓަރަކު އަމިއްލަ އަށެވެ.

ލޯރެންސް ބިޝްނޯއީ އާއި ގޯލްޑީ ބްރާރް ގޭންގުން ހައްޔަރުކުރެވުނު ބައެއް މީހުންގެ ބަޔާންތަކުން އެނގޭ ގޮތުގައި ސަލްމާން މަރާލަން ދެ ފަހަރެއްގެ މަތިން އެމީހުން މަސައްކަތްކޮށް ނާކާމިޔާބު ވެފައި ވެއެވެ. އެގޮތުން 2017ގައި ބާންޑްރާގައި ހުންނަ ސަލްމާންގެ ގޭގައި އޮތް އުފަން ދުވަހުގެ ޕާޓީއެއްގައި އޭނާއަށް ހަމަލަ ދޭން އެމީހުން މަސައްކަތްކޮށްފައިވާ ކަމަށް ވެއެވެ. އަދި 2018ގައި ސަލްމާންގެ ޕާންވެލް ފާމްހައުސްގެ ބޭރުން ވެސް އޭނާއަށް ހަމަލަ ދޭން މި ގޭންގުގެ މީހުން މަސައްކަތް ކޮށް ނާކާމިޔާބުވެފައިވާ ކަމަށް އެމީހުންގެ ބަޔާންތަކުން ޔަގީން ކުރެވެ އެވެ.

މި ގޭންގުން ސަލްމާނަށް އަމާޒުކޮށް ހަމަލަ ދޭން މަސައްކަތްކުރަނީ ހިމާޔަތްކުރެވިފައިވާ ޖަނަވާރެއް ކަމަށްވާ ބްލެކްބަކް ތަކެއް ޝިކާރަކުރި ކަމުގެ ތުހުމަތުން އޭނާ ބަރީއަވުމުން އެކަމާ އައި ރުޅިންނެވެ.

އަނޫޕަމް އަށް މަރުގެ އިންޒާރުތައް ލިބެން ފެށީ އޭނާ "ދަ ކަޝްމީރު ފައިލްސް" ކުޅުނު ފަހުންނެވެ. އަދި އަކްޝޭ އަށް މަރުގެ އިންޒާރު ލިބެމުންދަނީ ސޯޝަލް މީޑީއާގައި އޭނާގެ ނެޝަނަލިޓީއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ސަބަބުންނެވެ.