މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީގެ ރައީސް ޝަހްބާން އިސްތިއުފާ ދެއްވައިފި

Jun 7, 2022

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް -- ޝަހުބާން ފަހުމީ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި އެވެ.

ޝަހްބާން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައި މިވަނީ ފުލުހުންގެ އިދާރާ އިން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފައިވާތީ އޭނާ މަގާމުން ވަކިކުރުމަށް އެމްއެމްސީގެ މެންބަރުން ދެ ފަހަރަށް ކުރި މަސައްކަތް ވެސް ނާކާމިޔާބުވެފައި ވަނިކޮށެވެ.

ޝަހްބާން އިސްތިއުފާ ދެއްވީ އެމްއެމްސީގެ ރައީސްގެ މަގާމުން ކަމަށްވާތީ ކައުންސިލްގެ މިދައުރު ހަމަވަންދެން އޭނާ އެމްއެމްސީގެ މެންބަރެއްގެ ގޮތުގައި ހުންނަވާނެ އެވެ.

އެމްއެމްސީގެ ގާނޫނު މިވަގުތު އޮތް ގޮތުން ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވުމަށް ކައުންސިލަށް ހުށަހެޅުއްވި ނަމަވެސް އެ ހިސާބުން އަދި މަގާމުން ވަކިވެގެން ނުދާނެ އެވެ.

އެމްއެމްސީގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ކައުންސިލްގެ ރައީސް ނުވަތަ ނައިބް ރައީސް ނުވަތަ މެންބަރަކު އޭނާގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސަބަބުން ބަޔާންކޮށް ކައުންސިލަށް ފޮނުވާ ލިޔުމަކުން އިސްތިއުފާ ދެވިދާނެ ކަމަށެވެ. އަދި ކައުންސިލުން އެ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން އެ މީހަކު އޭނާގެ ވާޖިބުތައް އަދާކުރުންމަތީ ދެމިހުންނަން ވާނެ ކަމަށެވެ. ނަމަވެސް އެ އިސްތިއުފާ ހުށަހަޅާތާ 15 ދުވަހުގެ ތެރޭގައި އިސްތިއުފާ ގަބޫލުކުރިކަން ނާންގައިފިނަމަ އެ އިސްތިއުފާ ގަބޫލުކުރީ ކަމަށް ބެލޭނެ ކަމަށެވެ.

އެމްއެމްސީގެ މެންބަރު ކަމުން ޝަހްްބާން ވަކިކުރުމުގެ މަސައްކަތް ކައުންސިލުން ފެށީ އޭނާގެ ބައިވެރިވުން އޮތް ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓަމަންޓް ސްކީމެއް ހިންގި ކަމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ދެކޭތީ އެވެ. އަދި އެ މައްސަލައިގައި ފުލުހުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެ އެވެ.

ޝަހުބާންގެ މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހު ހުށަހަޅާފައިވެ އެވެ. އަދި އެމްއެމްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް އެމްއެމްސީގައި ހުރި މައްސަލަތަކާއި ޝަހްބާންގެ މައްސަލައިގައި ސުވާލުކޮށްފައިވެ އެވެ.

އެމްއެމްސީގެ މެންބަރުން ވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުގެ ރެއާއި އަދި ރޭގައި ވެސް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާ ޝަހްބާން މަގާމުން ވަކިކުރުމަށް މަސައްކަތް ކޮށްފަ އެވެ. ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 12 މެންބަރުންގެ ތެރެއިން 8 މެންބަރުން ވަނީ ޝަހްބާން ވަކިކުރަން ވޯޓު ދެއްވާފަ އެވެ. އެ ބައްދަލުވުމުގައި ޝަހްބާން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. ރޭގެ ބައްދަލުވުމުގައި ޝަހްބާން ވަކިކުރަން ނުވަ މެންބަރުން ވޯޓު ދެއްވި އެވެ.

އެމްއެމްސީގެ ގާނޫނުގައި އެ ކައުންސިލްގެ ރައީސް މަގާމުން ވަކިކުރެވޭނެ ގޮތެއް ނޯވެ އެވެ. ގާނޫނުގައި އޮންނަ ގޮތުން ކައުންސިލްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަގުލަބިއްޔަތުން އެ ކައުންސިލްގެ މެންބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މެންބަރު ކަމުން ވަކިކުރެވިދާނެ އެވެ. އެހެންވެ އެމްއެމްސީގެ މެންބަރުން މަސައްކަތް ކުރީ އެމްއެމްސީގެ މެންބަރު ކަމުން ޝަހްބާން ވަކިކުރުމަށެވެ.

އެމްއެމްސީގައި ޖުމްލަ 15 މެންބަރުން ތިއްބަވާއިރު އެ ކައުންސިލްގެ މެންބަރަކު، މެންބަރު ކަމުން ވަކިކުރުމަށް 10 މެންބަރުންގެ ތާއީދު ބޭނުންވެ އެވެ.