މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގައި މިއަހަރު މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް އެމްއެމްސީއަށް ވަދެއްޖެ އެވެ.
އޭސީސީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް މިއަދުގެ ވަގުތެއްގައި އޭސީސީގެ ޓީމެއް އެމްއެމްސީއަށް ވަދެފައިވާ ކަމަށް އޭސީސީ އިން ވަނީ އަވަސްއަށް ޔަގީންކޮށްދީފަ އެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް އަވަސްއަށް ވިދާޅުވީ އެ އިދާރާ އިން ތަހުގީގު ކުރަނީ އެމްއެމްސީގެ މެންބަރުންގެ ތެރެއިން ބަޔަކު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެވޯޑް ދީފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.
އޭސީސީއަށް މައްސަލަ ހުށަހެޅި ފަރާތެއް އެ އިދާރާ އިން ހާމަކޮށްފައެއް ނުވެ އެވެ.
ނޫސްވެރިކަމުގެ އެވޯޑުގައި މިއަހަރު އެންމެ ބޮޑަށް މައްސަލަ ޖެހިފައިވަނީ އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީއަށް ލިބުމުންނެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ތައްޔާރުކުރި އެ ވީޑިއޯ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ސްކީލާން އެ މަނިކުފާނަށް ބޮޑެތި ތުހުމަތެއް ކުރައްވާފައިވާ ޑޮކިއުމަންޓްރީ އެކެވެ.
ސްކީލާން ޑޮކިއުމެންޓްރީއަށް އެވޯޑް ލިބުނުއިރު އެ ކެޓަގަރީއަށް އިތުރު ޑޮކިއުމެންޓްރީއެއް ހުށަހަޅާފައި ނުވާ ކަމަށް އެމްއެމްސީ އިން ކުރިން ބުނެފައިވެ އެވެ. އެ ޑޮކިއުމެންޓްރީއަށް އިންސާފު ކުރި ފަނޑިޔާރުން އެ ޑޮކިއުމެންޓަރީއަށް މާކްސް ދިނުމަށްފަހު އަދި އެވޯޑްވެސް ދިނުމަށްފަހު ފާޑުކިޔުންތަކެއް އަމާޒުވުމުން ބަޔާނެއް ނެރުއްވާ ވަނީ އެއީ ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑުގައި ބަޔާންކުރާ އުސޫލުތަކަށް ބެލުމެއް ނެތި އާންމު ކޮށްފައިވާ ޑޮކިއުމެންޓްރީއެއް ކަމަށް ބުނެފަ އެވެ.