ބޮލީވުޑް

"ހާފް ގާލްފްރެންޑް" ގައި ޝްރަދާ

Jan 4, 2016

ޑައިރެކްޓަރު މޯހިތު ސުރީ ދެން އުފައްދަން ނިންމާފައިވާ، "ހާފް ގާލްފްރެންޑް"ގެ ބަތަލާ އަކީ ޝްރަދާ ކަޕޫރު ކަމަށް ހަބަރުތައް ބުނަން ފަށައިފި އެވެ.

މީގެކުރިން މިފިލްމުގެ ބަތަލާއަކީ ކީރްތީ ސަނޮން ކަމަށް އަޑުއަރަފައިވާއިރު ކީރްތީވެސް ވަނީ މިފިލްމާއި ބެެހޭގޮތުން އޭނާއާއި މޯހިތު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭގެފަހުން އިތުރު ފިލްމަކަށް ވަގުތު ދެވެން ކީރްތީ އަށް ނެތުމުން މިރޯލު ކެޓްރީނާ ކައިފަށް ހުށަހަޅާފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ އަރާފަ އެވެ. ނަމަވެސް އެންމެފަހުގެ ހަބަރުތައް ބުނާގޮތުން މިފިލްމު އުފައްދާ ފަރާތުން ވަނީ ފިލްމުގެ ބަތަލާއަކަށް ޝްރަދާ ހަމަޖައްސާފަ އެވެ.

މިފިލްމަކީ ޝްރަދާ މޯހިތު އާއެކުގައި މަސައްކަތްކުރާ ތިންވަނަ ފިލްމެވެ. މީގެކުރިން އޭނާ ވަނީ މޯހިތުގެ "އާޝިގީ 2" އާއި "އޭކް ވިލަން" ގައި ބަތަލާގެ ރޯލުން ފެނިގެން ގޮސްފަ އެވެ.

ޗޭތަން ބަގަތް ލިޔެފައިވާ "ހާފް ގާލްފްރެންޑް" ވާހަކަފޮތުގެ މައްޗަށް އުފައްދާ މިފިލްމަކީ ލޯބީގެ ވާހަކަ އެކެވެ. އިންޑިއާގެ ވަރަށް ރަށްފުށު ސަރަހައްދަކަށް ނިސްބަތްވާ ފިރިހެން ކުއްޖަކާއި ދިއްލީއަށް ނިސްބަތްވާ ވަރަށް ޒަމާނީ އަންހެން ކުއްޖަކާއި ދެމެދު އޮންނަ ލޯބީގެ ގުޅުން މިފިލްމުގައި ފެނިގެންދާނެ އެވެ. އެންމެފުރަތަމަ މިވާހަކައިގައި ފިރިހެން ކުއްޖާ އާއި އަންހެން ކުއްޖާ ގާތް އެކުވެރިންނަށްވެ، ވަކިވެ، އަނެއްކާ ވެސް އެކުވެރިވެ ވަކިވެ، އެންމެފަހުް ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެ އެކުގައި އުޅެ އެވެ.

ވަރަށް އަވަހަށް މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި މޯހިތު ވަނީ މިފިލްމުގެ ޝޫޓިން އަށް ނިއުޔޯކްގައި ލޮކޭޝަންއެއް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

މިފިލްމުގެ ބަތަލާއަކަށް ޝްރަދާ ހަމަޖައްސާފައިވާއިރު، ބަތަލުގެ ރޯލުން ފެނިގެންދާނެ ކަމަށް ވަނީ "ކައި ޕޯޗޭ"ގެ އެކްޓަރު ޝުޝާންތް ސިންގް ރާޖްޕޫތު ނުވަތަ ޝްރަދާ އާއެކު "އާޝިގީ 2" އިން ފެނިގެންގޮސްފައިވާ އަދިތްޔަ ރޯއި ކަޕޫރެވެ.

މިއަހަރު ޝްރަދާގެ "ބާޣީ: އަ ރިބެލް ފޯ ލަވް" އާއި "ރޮކް އޮން 2" ރިލީޒްވާނެ އެވެ. އަދި ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "އޯކޭ ކަންމާނީ"ގެ ހިންދީ ރިމޭކްގެ ތަރިންނަކީ ވެސް ޝްރަދާ އާއި އަދިތްޔަ އެވެ.