ތިލަމާލެ ބްރިޖް

ބްރިޖް އަވަސް ކުރަން 26 މިލިއަން ޑޮލަރު ނުދޭނެ: ރައީސް

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އެޅުމަށް ހަމަޖެހިފައިވާ ތިލަމާލެ ބްރިޖު ގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރު އޮތީ އިތުރަށް ފައިސާ ދޭ ގޮތަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ތިލަމާލެ ބްރިޖު ނިންމަން ތާވަލުކޮށްފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެހެން ކަމުން މުޅި ޕްރޮޖެކްޓަށް ތަފާތު ތިން ތާރީހެއް އެބައޮތެވެ. މާލެ އާއި ވިލިމާލެ ގުޅުވާލުމަކީ ފުރަތަމަ ފިޔަވައްސެވެ. އެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިން ބުނީ އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް އެ ފިޔަވަހީގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ޔަގީނުންވެސް އޮގަސްޓް 15 ގެ ނިޔަލަށް ބްރިޖުގެ އެބައި ދިވެހީން ބޭނުން ކުރަން ފަށާނެ ކަމަށެވެ. އެ ޔަގީންކަން އެ ކުންފުނިން ދިނީ މިދިޔަ މަހުގެ 25 އިން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 16 މީޑިއާއެއްގެ 19 ނޫސްވެރިން އިންޑިއާއަށް ކުރި ދަތުރުގެ ތެރެއިން އެ ނޫސްވެރިންނާ ބައްދަލުކޮށެވެ.

އަދި ދެވަނަ ފިޔަވަހި ކަމަށްވާ ވިލިމާލެ އާއި ގުޅިފަޅު ގުޅާލުން 2023ގެ ނިޔަލަށް ނިންމާނެ ކަމަށެވެ. އެއީ އަންނަ އަހަރުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށެވެ. މީގެ އިތުރުން ގުޅިފަޅާއި ތިލަފުށި ގުޅާލާ ބިޔަ މަޝްރޫއުގެ ނިންމުން 2024 ގެ ނޮވެންބަރަށް މުޅީން ފުރިހަމަވެގެން ދާނެ ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މާލެ-ވިލިމާލެ ގުޅުވާލުން އަވަސް ކުރުމަށް އިތުރު 26 މިލިއަން ޑޮލަރަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އެކަމާއި ގުޅޭގޮތުން ރައީސް ސޯލިހް މިއަދު ވިދާޅުވީ މާލެ-ވިލިމާލެ ގުޅުވާލުން އަވަސްކޮށް ދެއްވުމަށް ސަރުކާރުން އެ ކުންފުނީގައި އެދިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެ ކުންފުނިން އިތުރު 26 މިލިއަން ޑޮލަރަށް އެދިފައިވާ ކަމަށެވެ. މާލެ-ވިލިމާލެ ގުޅުވާލުން އަވަސް ކޮށްދޭން ސަރުކާރުން އެދުނީ އެކަމުގެ ސަބަބުން ރައްޔިތުންނަށް އޮތް ފައިދާގެ ބޮޑު ކަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ބްރިޖް އަވަސް ކުރަން އިގްތިސާދީ ގޮތުން ދަތިކަމެއް އޮތް މިފަދަ ވަގުތެއްގައި އިތުރު 26 މިލިއަން ޑޮލަރު ހަރަދު ކުރުން އެއީ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ވާހަކަ ދެއްކިން އަވަސް ކުރަން ވެގެން. އެއީ ވީހާވެސް އަވަހަށް އެކަން [މާލެ ވިލިމާލެ ބްރިޖްގެ މަަސައްކަތް] ކުރެވިއްޖެއްޔާ ފައިދާތައް ބޮޑުވީމަ. އެކަމަކު އަޅުގަނޑުމެން އެކަމެއް ކޮންމެހެން 26 މިލިއަން ޑޮލަރު ދީގެން ކުރާ ގޮތަކަށް ނޫން މިތިބީކީއެއް. އެކަމަކު އަދިވެސް ނެގޯޝިއޭޓް ކުރަމުން ގެންދާނަން ވީހާވެސް އަވަަހަކަށް އެ ބްރިޖް ނިންމޭތޯ. އެކަމަކު އިތުރަށް 26 މިލިއަން ޑޮލަރު ދީގެން މިއަންނަ އަހަރު ޖޫންއަކަށް އެކަން ނިންމުމަކީ ބޭނުން ކަމެއް ކަމަަކަށް މިވަގުތަކު އަޅުގަނޑަކަށްވެސް ނުފެނޭ،" ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ވާހަކަ ދެއްކިން އަވަސް ކުރަން ވެގެން. އެއީ ވީހާވެސް އަވަހަށް އެކަން [މާލެ ވިލިމާލެ ބްރިޖްގެ މަަސައްކަތް] ކުރެވިއްޖެއްޔާ ފައިދާތައް ބޮޑުވީމަ. އެކަމަކު އަޅުގަނޑުމެން އެކަމެއް ކޮންމެހެން 26 މިލިއަން ޑޮލަރު ދީގެން ކުރާ ގޮތަކަށް ނޫން މިތިބީކީއެއް. އެކަމަކު އަދިވެސް ނެގޯޝިއޭޓް ކުރަމުން ގެންދާނަން ވީހާވެސް އަވަަހަކަށް އެ ބްރިޖް ނިންމޭތޯ. އެކަމަކު އިތުރަށް 26 މިލިއަން ޑޮލަރު ދީގެން މިއަންނަ އަހަރު ޖޫންއަކަށް އެކަން ނިންމުމަކީ ބޭނުން ކަމެއް ކަމަަކަށް މިވަގުތަކު އަޅުގަނޑަކަށްވެސް ނުފެނޭ
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ ބްރިޖް މަޝްރޫއު މިހާރު އޮތް ތާވަލަށް ވުރެވެސް އަވަސް ކުރުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށެވެ. އެކަމަށް މަސައްކަތްކޮށް މަޝްވަރާ ކުރައްވާނެ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވިއެވެ. ނަމަވެސް އެކަމުން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވުން ރަނގަޅު ނޫން ކަމަށް ވިދާޅުވި އެވެ.

ބްރިޖް އެޅުމަކީ ރައީސްގެ ސިޔާސީ މަންފާއަށް ކުރައްވާ ކަމެއް ކަމަށް ނޫސްވެރިއަކު ސިފަ ކުރުމުން އެކަމަށްވެސް ރައީސް ސޯލިހް ރައްދު ދެއްވިއެވެ. ވިދާޅުވީ ތިލަމާލެ ބްރިޖް އެޅުމަކީ ސިޔާސީ ކަމާއި ގުޅިފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި މާލެ ސަރަހައްދުގައި އިތުރަށްވެސް އަދި ބްރިޖް އަޅަން ޖެހޭނެ ހާލަތު މެދުވެރިވާނެ ކަމަށް ވިދާޅުވިއެވެ.

ދިވެހި ނޫސްވެރިންނާއެކު އޮތް ބައްދަލްވުމުގައި އެފްކޮންސް އިން ބުނީ އެ ކުންފުންޏަކީ ބްރިޖު އެޅުމުގެ މަސައްކަތުގެ ތަޖުރިބާ ހުރި އަދި އެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި ތިލަމާލެ ބްރިޖުގެ މަސައްކަތް މިހާރު އޮތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދޭ ކަމަށެވެ.

"ޕްްރޮޖެކްތަކަށް ކަނޑައަޅާފައިވާ ވަގުތަށް މަސައްކަތް ނިންމުމުގެ ސަތޭކަ ޕަސެންޓް ޓްރެކް ރެކޯޑް އޮތް ކުންފުންޏެއް މިއީ. ދިވެހީންނަށްވެސް ދޭން އޮތީ އެ ޔަގީންކަން. އެ މެސެޖު ފޯރުކޮށްދޭން ބޭނުންވަނީ،" ދިވެހި ނޫސްވެރިންގެ ކިބައިން އެފްކޮންސް ގެ ޑިރެކްޓަރު އޮފް އޮޕަރޭޝަން އާރްވީއާރް ކިޝޯރު އެދިވަޑައިގަތެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި ތަރައްގީގެ އެންމެ ބޮޑު އަދި އެންމެ ތަފާތު އެއް ޕްރޮޖެކްޓަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތެވެ. އެ މަސައްކަތް ކަނޑައެޅި ތާރީހަށް ނިމި ބޭނުން ކުރަން ފެށުމަކީ އެހާތަނަށް ދިވެހީންނަށް ހާއްސަކޮށް މާލެ ސަރަހައްދުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ސަރުކާރަށް ހާސިލު ކުރެވުނު ވަރަށް ބޮޑު ކާމިޔާބެއްވެސް މެއެވެ.

ބްރިޖު އެޅުމުގައި ޗައިނާގެ ކުންފުނިތަކަށް އޮތީ ކާމިޔާބު ތާރީހެވެ. ނަމަވެސް އެފަދަ މަސައްކަތެއް އިންޑިއާގެ ކުންފުންޏަކަށް ކުރެވޭނެތޯ ސުވާލު އުފައްދާ ބައެއް މީހުން އުޅެއެވެ. އެ ސުވާލުތައް ދިވެހި ނޫސްވެރީން ހުށައެޅިއެވެ. އެ ސުވާލުތަކަށް ޖަވާބުދޭން އެފްކޮންސް އިން ފުރަތަމަވެސް ފެށީ ކުންފުނި އުފެދުނު ތާރީހުންނެވެ. އަދި މިދިޔަ ދިގު މުއްދަތުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލުންނެވެ. 1959 ގައި އުފެދުނު އަދި މިއަދު އިންޑިއާގައި މި ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ކުންފުނިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 150 ބްރިޖު އެޅުމުގެ މަސައްކަތް ކޮށްފައެވެ.

އެއްގަމާއި ކަނޑާއި ކޯރުގައިވެސް ބްރިޖު އެޅުމުގެ ތަޖުރިބާ އެ ކުންފުނީގައި އެބަހުއްޓެވެ. އެފަދަ މަަސައްކަތަކަށް އެންމެ އެކަށޭނަ ޒަމާނީ ވަސީލަތްތަކާއި އެހާމެ ވަރުގަދަ ތަޖުރިބާ ކާރުންގެ ޓީމެއްވެސް އެބައޮތެވެ. އެ ހުރިހާ ތަފްސީލެއް ދިނެވެ.

އެފްކޮންސް އިން ބުނި ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތަށް މިހާރުވެސް ރާއްޖޭގައި 500 ވުރެ ގިނަ މުވައްޒިފުން ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި 88 އިންޖިނިއަރުން ހިމެނެއެވެ. އަދި އަހަރު ނިމޭއިރު ބްރިޖުގެ މަސައްކަތު ފޯސް 1،227 އަށް އަރާނެ އެވެ. އިންޖިނިއަރުންގެ އަދަދު 164 އަށް އަރާނެ އެވެ.

އޭގެ ތެރޭގައި މި ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އިންޖިނިއަރުން ވެސް ހިމެނެއެވެ.

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް މިހާރު އޮތީ ފެށިއެވެ. ވަގުތީ ސައިޓްތައް ގާއިމު ކުރުމުގެ މަސައްކަތް އެބަ ހިނގައެވެ. ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތްގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ. އޮކްޓޫބަރަށް މުޅި ސާވޭ ނިންމާލެވޭނެ އެވެ. އަދި ވަގުތީ ބްރިޖުގެ މަސައްކަތް ފެށުން އޮތީ ދާދި ގާތުގައެވެ.

ބްރިޖުގެ މަސައްކަތުގައި ކޮންސަލްޓަންޓުންނާއި އިންޖިނިއަރުން އަދި އެކްސްޕާޓުންގެ ގޮތުގައި އިންޑިއާގެ އިތުރުން ތުރުކީ އާއި ޖަރުމަނު އަދި އޮސްޓްރޭލިއާގެ ބޭފުޅުން ތިއްބަވާނެ އެވެ. އެ ޕޮއިންޓް އެފްކޮންސް އިން ގުޅުވާލަނީ ބްރިޖުގެ ކޮލިޓީއާމެދު އޮތް އިތުބާރު ކަށަވަރު ކޮށް ދިނުމަށެވެ.

ކުންފުނިން ބުނި ގޮތުގައި ތިލަމާލެ ބްރިޖް ވެގެންދާނީ 120 އަހަރުގެ ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ފެންވަރުގެ ބްރިޖަކަށެވެ.

ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖު ހެދުމުގެ މަސައްކަތާއި ކަމާ ގުޅޭ ސޭވާ ތަކާއި ދިރާސާތައް ވެސް ހަދަނީ އެފްކޯންސް ކުންފުނިންނެވެ.

ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.