ތިލަމާލެ ބްރިޖް

ބްރިޖް ޕްރޮޖެކްޓަށް ރައީސްގެވެސް އިތުބާރެއް ނެތް: އަބްދުއްރަހީމް

މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ ބްރިޖުގެ އަޅަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާ އާއެކު އެއްބަސްވެ ދިވެހި ސަރުކާރުން މިއަދު އެއްބަސްވި ޕްރޮޖެކްޓާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ޔަގީން ކަމެއް ނެތް ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ފާޑުވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމްގެ ފާޑުވިދާޅުވުން އަމާޒު ކުރެއްވީ މި ސަރުކާރުގެ ފަސް އަހަރުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު" ގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ފަރާތުން ސޮއި ކުރުމަށް ހޮޓެލް ޖެންގައި މިއަދު އޮތް ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންފައިނުވާތީ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ތިލަމާލެ ބުރިޖުގައި ސޮއިކުރި ރަސްމިއްޔާތަށް ރައީސް ސޯލިހްވެސް އަދި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަޑައިނުގަތުމަކީ އެ ޕްރޮޖެކްޓާ މެދު ރައީސް ސޯލިހަށް ވެސް ޔަގީންކަން ނެތްކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ވިދާޅެއް ނުވެއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެ ވަޑައިގަތެވެ.

ބްރިޖް އަޅާ މި މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި މި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިންއަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.

ބްރިޖު އަޅަން މިއަދު ސޮއި ކުރިއިރު ބްރިޖުގެ ކުރެހުން ވެސް އިންޑިއާ އެމްބަސީން ވަނީ ދިވެހިންނަށް އިއްޔެ ދައްކާލާފަ އެވެ. މި ކުރެހުމުގައި ފެންނަ ގޮތުން ބްރިޖުން ވިލިމާލެއަށް ދާން އަރާ ގޭޓުގައި ޖަހާފައި ވަނީ މާލެ- ތިލަފުށި ލިންކް ބްރިޖެވެ. މި ކުރެހުމުން ފެންނަ ގޮތުން ބްރިޖަށް އަރާއިރު ދިވެހި ދިދަ އާއި އިންޑިއާގެ ދިދަ އިންނާނެ އެވެ. އަދި ބްރިޖުގެ މަތީގައި ދެ ފަރާތުގައި ކޮޅަށް ޖަހާފައިވާ ދެ ތަނބުގެ މަތީގައި ދެ ގުއްބު ބަހައްޓާފައި ހުރެ އެވެ.

"ތިލަމާލެ" ބްރިޖު ނިމޭއިރު ބްރިޖާއި ކޯޒްވޭއެއްކޮށް މާލެ - ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު 6.47 ދިގު މިނުގެ ކޯޒްވޭއަކުން ގުޅޭނެ އެވެ. އިންޑިއަން އެމްބަސީން ބުނެފައިވާ ގޮތުގައި މި ބްރިޖުގެ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިދެމެދުގައި ހުންނާނީ 1.40 ކިލޯ މީޓަރެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް އަދި މޫދު / ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެ އެވެ.

މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރާނެ އެވެ. އަދި ގުޅީފަޅު އަދި ތިލަފުށި ބްރިޖްގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެ އަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެ އެވެ. އަދި ސޯލާ ޕެނަލްސް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެ އެވެ.