ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ރައީސް ސޯލިހް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާދަމާ އެގައުމަށް ވަޑައިގަންނަވާނެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ރައީސް ސޯލިހް އިންޑިއާގެ އިސްވެރިންނާ އެކު ބާއްވާ މަޝްވަރާތަކުގެ ތެރެއިން ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނެ އެވެ.
ރައީސް ސޯލިހްގެ ވެރިކަމުގައި ފަށާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު ކަމުގައިވާ ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޯންސް އިންފްރާސްޓަރަކްޗާ އަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ޖުލައި ނިމުމުގެ ކުރިން މާލެ އާއި ވިލިމާލެ ބްރިޖުން ގުޅާލުމަށެވެ.
އެފްކޮންސް އިން ބުނާ ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ 1200 އަށް ވުރެ ގިނަ މުވައްޒަފުން މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. މީގެތެރޭގައި 164 އިންޖިނިއަރުން ހިމެނޭ ކަމަށް ބުނެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ވަގުތީ ސައިޓްތައްވެސް ގާއިމުކޮށްފައިވާއިރު ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް އޮކްޓޫބަރަށް ނިންމަން ދަނީ މަސައްކަތް ކުރަމުންނެވެ.
ބްރިޖުގެ މަސައްކަތުގައި ކޮންސަލްޓަންޓުންނާއި އިންޖިނިއަރުން އަދި އެކްސްޕާޓުންގެ ގޮތުގައި އިންޑިއާގެ އިތުރުން ތުރުކީ އާއި ޖަރުމަނު އަދި އޮސްޓްރޭލިއާގެ މީހުން މަސައްކަތް ކުރެ އެވެ.
އެފްކޮންސް އިން ބުނި ގޮތުގައި ތިލަމާލެ ބްރިޖް ވެގެންދާނީ 120 އަހަރުގެ ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ފެންވަރުގެ ބްރިޖަކަށެވެ.
ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖު އެޅުމުގެ މަސައްކަތާއި ކަމާ ގުޅޭ ސޭވާ ތަކާއި ދިރާސާތައް ވެސް ކުރަނީ އެފްކޯންސް ކުންފުނިންނެވެ.
ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.