ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖު އަވަސްކުރަން އިންޑިއާއަށް އަންގައިފި

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ ލަސްކަމުން ކަމަށްވާތީ އެ މަސައްކަތް އަވަސްކުރުމަށް އިންޑިއާ ސަރުކާރަށް އަންގާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ހާއްސަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވެވި މަޝްވަރާތަކުގައި ބުރިޖުގެ މަސައްކަތް 2025 ވަނަ އަހަރާ ހަމައަށް ނިންމައި ދިނުމަށް އެދިފައިވާނެ ކަމަށެވެ.

ތިލަމާލެ ބްރިޖު އަޅަން އިންޑިއާގެ އެފްކޯންސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ އޮގަސްޓް 26، 2021 ގައެވެ. ބްރިޖު އެޅުމުގެ މަސައްކަތާ ކަމާ ގުޅޭ ސޭވާ ތަކާއި ދިރާސާތައް ވެސް ކުރީ އެފްކޯންސް ކުންފުނިންނެވެ. މި އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ނިމޭނީ 2026 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2027 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބްރިޖުގެ މަސައްކަތުގެ ތެރެއިން ވިލިމާލެއާއި ހަމައަށް އަންނަ އަހަރު ނިމޭއިރަށް ނުވަތަ 2025 ވަނަ އަހަރުގެ ކުރީކޮޅަށް ނިންމުމަކީ ވަރަށް ބޮޑު ވަރު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށް ގެނދިޔަ ގޮތަށް ތިލަމާލޭގެ މަސައްކަތްތައްވެސް ބަދަލުކުރެވޭތޯ ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި މިމަސައްކަތުގައި ހުރި ޓެކްނިކަލް ކަންތައްތައް ދެ ގައުމުގެ އިސްވެރިން ވާހަކަދައްކައިގެން ދެނެގަނެ ބްރިޖުގެ މަސައްކަތް އަވަހަށް ނިންމުމަށް ބާރުއަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ.

ބްރިޖު ހަދަން ނިންމާފައިވަނީ އިންޑިއާ ސަރުކާރުން ދީފައިވާ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ