ލައިފްސްޓައިލް

އަޖުމަ ބެލި ބޭހަކުން ކެންސަރު ބަލީގެ މީހުންތަކެއް ރަނގަޅުވެއްޖެ

އަޖުމަ ބެލުމުގެ ގޮތުން ބޭސް ތަކެއް ދީގެން ސައިންސްވެރިން ކުރި ތަޖުރިބާއެއްގައި ބައިވެރިކުރި ކެންސަރު ޖެހިފައިވާ އެންމެން މުޅިން ފަސޭހަވެ މުޅީ ދުނިޔެއަށް އުފާވެރިކަމުގެ ޚަބަރެއް ގެނެސްދިފި އެވެ.

މިއީ 14 މީހުން ބައިވެރި ކޮށްގެން ކުރި ކުޑަ ކުޑަ ތަޖުރިބާއެއް ނަމަވެސް ހަ މަހަށް ދެމިގެން ދިޔަ މި ޓްރަޔަލްގެ ބައިވެރިންގެ ތެރެއިން އެންމެންގެ ހަށިގަނޑުން ކެންސަރުގެ އަސަރު ވަނީ މުޅިން ފިލާފަ އެވެ.

މި އެންމެންނަކީ ވެސް ފުރަގަސްފަރާތަށް ޖެހޭ ރެކްޓަލް ކެންސަރުގެ ވަރަށް ކުރީކޮޅުގައި ބަލި ދެނެގަނެވިފައި ތިބި ބައެއް ކަމަށް މި ޓްރަޔަލް ނިންމާލުމަށް ފަހު ސައިންސްވެރިން ލިޔެފައިވާ ރިޕޯޓުގައި ފާޙަގަ ކޮށްފައި ވެއެވެ.

ނިއު އިންގްލެންޑް މެޑިކަލް ޖާނަލްގައި މިދިޔަ އާދީއްތަ ދުވަހު ޝާއިއުކުރި މި ރިޕޯޓްގައި ރިސާޗަރުން ހާމަ ކޮށްފައިވާ މި ވާހަކަ ތަކަކީ ކެންސަރުގެ ބައްޔަށް އެކަށީގެންވާ ފަރުވާއެއް ހޯދިއްޖެކަމުގެ އުންމީދު އާވި ތަޖުރިބާއެކެވެ. އަދި ހުރިހާ ބާވަތެއްގެ ކެންސަރަށް މި އާ ފަރުވާއިން ފަސޭހަ ކުރެވިދާނެ ކަމަށް ކެންސަރަށް ބޭސް ކޮށްދޭ ހުރިހާ ފަރާތްތަކުން ވެސް ގަބޫލު ކުރެ އެވެ.

"އަހަންނަކަށް ހިޔެއް ނުވޭ އެއްވެސް މީހަކު މިފަދަ ކަމެއް މީގެކުރިން ދެކެފައި ވާނެހެނެއް. އަހަރެމެންގެ ޓްރަޔަލްގައި ބައިވެރިކުރި 100 ޕަސެންޓް މީހުންގެ ހަށިގަނޑުގައިވާ ޓިއުމަރުތައް ވަނީ ނެތިގެން ގޮސްފައި،" މި ޓްރަޔަލްގައި އިސްކޮށް މަސައްކަތް ކުރެއްވި ނިއު ޔޯކްގެ މެމޯރިއަލް ސްލޯން ކެޓަރިން ކެންސާ ސެންޓަރުގެ އޮންކޮލޮޖިސްޓް ޑރ. އެންޑްރިއާ ކާސެކް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ޓްރަޔަލްގައި ބައިވެރިވި އެންމެންނަކީ ވެސް ކެންސަރަށް މީގެ ކުރިން އެއްވެސް ފަރުވާއެއް ހޯދާފައިވާ ބައެއް ނޫނެވެ. އަދި މި އެންމެންނަށް ވެސް އައިވީގެ ޒަރިއްޔާއިން ދީފައިވަނީ ނުވަ ޑޯޒް ޑޮސްޓާލިމަބް ކިޔާ ބޭހެއް ކަމަށާއި މިއީ މުޅިން އާ ބޭހެއްކަމަށް އޭނާ ވިދާޅުވި އެވެ.

މި ބޭސް ފަރުމާ ކޮށްފައިވަނީ ކެންސަރު ޖެހިފައިވާ ވަކި ސެލްތަކެއް ބްލޮކް ކޮށްލާށެވެ.

ހަ މަސް ކުރިން މި މީހުންނަށް އަޖުމަ ބެލުމުގެ ގޮތުން މި ފަރުވާ ދޭން ފެށުމުގެ ކުރިން ހެދި ސްކޭނުން ފެނިފައި ވަނީ ގޮށްތަކެއް ހެން ހުރި ކުލަބަދަލުވެފައިވާ ޓިއުމަރުތަކެއް ކަމަށާއި ފަރުވާ ދޭތާ ހަ މަސް ފަހުން ހެދި ސްކޭނުން ފެނުނީ އެ ތަންތަނުގައި ފިޔާތޮށި ކުލައިގެ ޓިޝޫތައް ހުއްޓާ ކަމަށެވެ. ސްކޭނުންނާއި ބައޮޕްސީން އަދި އަތްލައިގެން ބެލުމުން ވެސް އެތަނުން ކެންސަރުގެ އެއްވެސް އަސަރެއް ނުފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"14 މީހުން މުޅިން ފަސޭހަވި ވާހަކަ އަކީ ދުވަހަކުވެސް މީހަކު އަހާފައިނުވާ ގަބޫލުކުރަން ދަތި ވާޙަކައެއް ކަމަށް ޚުދް ދޮކްޓަރު ވެސް އެއްބަސްވެ ވަޑައިގަތެވެ.

މި ޓްރަޔަލްގެ ނަތީޖާގެ ކާމިޔާބީގެ ބޮޑުކަމުން ކެންސަރު ފަރުވާ ހޯދި 14 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ކީމޯތެރަޕީ ކަހަލަ އިތުރު އެއްވެސް ފަރުވާއެއް ހޯދާކަށް ނުޖެހުނެވެ.

މިހާރު އިތުރު ހަތަރު މީހަކަށް މި ފަރުވާ ދޭން ފަށާފައިވާ ކަމަށާއި އެމީހުންގެ ފަރާތުން ވެސް އުންމީދީ ނަތީޖާތަކެއް ފެންނަމުންދާކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.