ކޮވިޑް-19 އިން ހަށިގަނޑު ދިފާއު ކުރުމަށް އެންމެ ރަނގަޅު ވެކްސިނެއް ތައްޔާރުކުރީ ޖަރުމަނުގެ ބައޯއެންޓެކް އިންނެވެ. އެއީ އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރި ފައިޒާ ވެކްސިނެވެ. މިހާރު ހަމަ އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޕެންކްރިއެޓިކް ކެންސަރަށް ވެކްސިންއެއް ތައްޔާރުކުރުމުގެ މަސައްކަތް އެމެރިކާގެ ސައިންސްވެރިން ތަކެއް ފަށާފައިވާއިރު މިހާތަނަށް ދައްކާފައިވާ ނަތީޖާތައް ވަރަށް ވެސް އުންމީދީ ކަމަށް ވަނީ ބުނެފަ އެވެ.
ފައިޒާ ވެކްސިންގައި ބޭނުންކޮށްފައިވާ އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރި ޕެންކްރިއެޓިކް ކެންސާ ވެކްސިންގެ ޓްރަޔަލް މިހާޜު ކުރިޔަށް ދާއިރު ޓްރަޔަލްގެ ނަތީޖާ ދައްކަނީ ވަރަށް އުންމީދީ ގޮތަކަށް ކަމަށް ރިސާޗަރުން ބުނެފައި ވެއެވެ.
ކެންސަރުގެ ބަލީގެ ފަރުވާއަށް އިންގިލާބެއް ގެންނަވަރުގެ މި ޓްރަޔަލްގެ އިސް މޭސްތިރިއަކީ ޑރ. ވިނޯދް ބާލަޗަންދުރަން އެވެ. އޭނާ އަކީ މެންހަޓަންގެ މެމޯރިއަލް ސްލޯން ކޭޓަރިން ކެންސާ ސެންޓާގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޭނާ މި ޓްރަޔަލްގެ ނަތީޖާ ހުށަހަޅުއްވާފައިވަނީ އާދިއްތަ ދުވަހު ޗިކާގޯގައި އޮތް އެމެރިކަން ސޮސައިޓީ އޮފް ކްލިނިކަލް އޮންކޮލޮޖީ ކޮންފަރެންސްގަ އެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މި ވެކްސިންގެ މަސައްކަތަކަށް ވާނީ ޕެންކްރިއެޓިކް ކެންސަރު ސެލްތައް މަރާލަން ދިފާއީ ނިޒާމު ތަމްރީނުކުރުމުގެ މަސައްކަތް ކަމަށެވެ. އެއީ ޓިއުމަރުތަކަށް ހަމަލަދޭނެ އިމިއުން ސެލްތައް އުފައްދާލެއް އިތުރުކޮށްދީގެންނެވެ.
މި ޓްރަޔަލްގައި ބައިވެރިކުރީ ކެންސަރު ޖެހިފައިވާ 16 މީހެކެވެ. މި މީހުންނަށް ދީފައިވަނީ އެމީހުންގެ ހަށިގަނޑުގައިވާ ޓިއުމަރުގައި ހުރި އެމްއާރްއެންއޭ ޖެނެޓީކް ކޯޑް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވެކްސިންގެ އަށް ޑޯޒެކެވެ.
މި އެންމެންނަށް ވެސް ވެކްސިން ދިނީ ސާޖަރީ ހަދައިގެން ޓިއުމަރު ނަގާފަ އެވެ.
މި ޓްރަޔަލްގެ ނަތީޖާ ދެއްކިގޮތުގައި ވެކްސިން ދިން 16 މީހުންގެ ތެރެއިން އަށް މީހެއްގެ ހަށީގަނޑުން ކެންސަރު މުޅިން ނައްތާލެވުނެވެ. އަނެއް އަށް މީހުންގެ ތެރެއިން ބައެއް މީހުން އެބަލީގައި މަރުވިއިރު އަނެއް ބަޔެއްގެ ހަށިގަނޑަށް ކެންސަރު ވަނީ އެނބުރި އައިސްފަ އެވެ.
މި ޓްރަޔަލްގެ ކާމިޔާބީ މިގޮތަށް ހުއްޓަސް އެމްއާރްއެންއޭ ވެކްސިންގެ އެހީގައި އިމިއުން ސިސްޓަމަށް ރަނގަޅު އިޖާބައެއް ދޭން ތަމްރީނު ކުރެވިދާނެކަމުގެ އުންމީދު އާވެފައިވާ ކަމަށް ޑރ. ބާލަޗަންދުރަން ވިދާޅުވި އެވެ.
"އެހެންވެ މި ނަތީޖާއާ މެދު އަހަރެމެން މިތިބީ ވަރަށް އުފަލުން. އިމިއުން ރެސްޕޮންސެއް އުފެއްދިއްޖެނަމަ ރަނގަޅު ނަތީޖާއެއް ނެރެވިދާނެކަން އެނގުނީމަ،" ޑޮކްޓަރު ވިދާޅުވި އެވެ.
އެމެރިކާގައި ކެންސަރު ޖެހޭ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު މަރުވަނީ ޕެންކްރިއެޓިކް ކެންސަރު ޖެހިގެންނެވެ. މި ބަލި ޖެހޭތާ އެންމެ ދެ އަހަރު ތެރޭގައި ބަލި ޖެހޭ 90 ޕަސެންޓް މީހުން މަރުވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ޑރ. ބާލަޗަންދުރަންގެ މި ޓްރަޔަލް އަށް ޖަރުމަނުގެ ބައޯއެންޓެކްގެ އެންމެ އިސް ދެ ސައިންސްވެރިން ވެސް ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި މި ހޯދުންތަކުގެ އެހީގައި އެމީހުންގެ މަސައްކަތް ވެސް ފުޅާ ކުރާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ.