ލައިފްސްޓައިލް

ދަރިވަރެއްގެ ދަރިއަކު އުރައިގެން ކިޔަވައިދިން ޓީޗަރަށް ތައުރީފު

އެމެރިކާގެ ޕެންސިލްވީނިއާގެ ޕްރޮފެސަރަކު އޭނާގެ ދަރިވަރެއްގެ ދަރިއަކު އުރައިގެން ހުރެ ކުލާހުގައި ކިޔަވައިދީފި އެވެ. މި ދަރިވަރު އޭނާގެ ދަރިފުޅު ގޮވައިގެން ކްލާހަށް ހާޒިރުވީ ބޭބީސިޓާއެއް ނުލިބިގެންނެވެ. ކުއްޖާ އުރާލައިގެން ހުރެ ޕްރޮފެސަރު ބޯޑުގައި ލިޔަމުން ކިޔަވައިދެމުންދާ މަންޒަރުގެ ވީޑިއޯއެއް ވަރަށް ފަހުން އިންޓަނެޓުގައި ވައިރަލްވެފައި ވެއެވެ. އަދި ވީޑިއޯ ބެލި މީހުންގެ ގިނަ ބަޔަކު ވަނީ ޕްރޮފެސަރުގެ ރަނގަޅުކަމަށް ވަރަށް ތައުރީފުކޮށްފަ އެވެ.

ވީޑީއޯ އިން ފެންނަ ޕްރޮފެސަރު އަގީލް ޑިކްސް އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މީހެކެވެ. އޭނާއަކީ ލިންކޯން ޔުނިވަސިޓީގެ ހެލްތު ސައިންސަސް ޕްރޮފެސަރެކެވެ.

ޔާހޫ ލައިފް އަށް ދިން އިންޓަވިއު އެއްގައި ޕްރޮފެސަރު އަގީލް ވިދާޅުވީ ޚުދް އޭނާގެ ވެސް ބޮޑު އާއިލާއެއް އެބައޮތް ކަމަށެވެ. އަދި ތުއްތު ކުއްޖާއަށް އޭނާގެ މަންމަ ފެންނަ ގޮތަށް ބައިންދައިގެން ކްލާސް ތެރޭގައި ކޮޅު ކޮޅަށް ހަރަކާތްތެރިވަމުން ދިއުމުން އެ ކުއްޖާ އަށް ހިތްހަމަޖެހުން ލިބުނު ކަމަށެވެ.

މިއީ ކޮރޯނާވައިރަސް ޕެންޑެމިކް ފެށުމުގެ ކުރީގެ ވީޑިއޯ އެއް ނަމަވެސް މިހާރު އަނެއްކާވެސް ވައިރަލްވެގެން އުޅެނީ އެވެ.

"ދަރިވަރަކު އައިސް އަހަރެން ކައިރީ ބުނި ޑރ. ޑިކްސް އޭ އަހަންނަށް މިއަދު ނެތޭ ކްލާހަށް ހާޒިރުވެވޭކަށް. އަހަރެން އެހިން ކީއްވެހޭ؟ އޭނާ ބުނި ދަރިފުޅު ބަލައިދޭނެ ބޭބީސިޓާއެއް ނުލިބިގެނޭ. އަހަރެން ބުނިން އަންނާށޭ ގޮވައިގެން ކްލާހަށް. އަހަރެން ބަލައިދީފާނަމޭ. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެން ކަހަލަ އެހެން މީހުންނަށް އުނގަންނައިދިނުމުގެ މަސައްކަތްކުރާ މީހުން ހަމައެކަނި ޓީޗަރެއްގެ ގޮތަށް ވުރެ ގިނަ ގޮތް ގޮތުން ކުދިންނަށް އެނގެން ޖެހޭނެ. އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ އެއްވެސް ދަރިވަރަކު އެންމެ ކްލާހެއް ވެސް މިސް ކޮށްލާކޮށް. އެހެންވެ އަހަރެން އެ ކުއްޖާ އުރައިގެން ފިލާވަޅު ނަގައިދިނީ،" ޑރ. ޑިކްސް ވިދާޅުވި އެވެ.

ޑރ. ޑީކްސްގެ މި ވާހަކަ ސޯޝަލް މީޑިއާގައި ވައިރަލް ވިތާ ދެ އަހަރު ވީއިރުވެސް މިޔަށް މީހުން ކޮމެންޓްކުރަމުން ގެންދަނީ އޭނާ ފަދަ މީހުން ދުނިޔޭން ފެންނަލެއް މަދުކަމުން ކަން ޔަގީން ވެއެވެ.

ޑރ. ޑިކްސް ވިދާޅުވި ގޮތުގައި އެ ކުއްޖާ އުރައިގެން ކްލާހުގައި ކިޔަވައިދޭން ހުރިއިރު މީހަކު އެ މަންޒަރު ވީޑިއޯ ކުރާކަމެއް އޭނާއަކަށް ނޭނގެ އެވެ. ދަރިވަރަކަށް އެހީތެރިވުމަކީ އޭނާއަށް ކޮށްދެވޭ ވަރުގެ ކަމަކަށް ވީތީ ކޮށްދިނީ ކަމަށް ވެސް ޕްރޮފެސަރު ވިދާޅުވި އެވެ.

"އަހަރެންނަކީ އަބަދުވެސް މީހުންނަށް އެހީތެރިވާ މީހެއް. މީހުންނަށް ކާބޯތަކެތި ގަނެދިނުމުގެ އިތުރުން ކާރު ފުރޮޅު ފަޅައިގެން ދިއުން ފަދަ ކަމެއް ވެގެން މަގުމަތީގައި ހާލުގައި ޖެހިފައި ތިބޭ މީހުންނަށް އެހީތެރިވުން ފަދަ ވަރަށް ގިނަ ކަންކަން އަހަރެން އަބަދުވެސް ކުރަން. އެހެން މީހުންނަށް އެހީތެރިވުމަކީ އަހަރެންގެ ގައިގައި ހުންނަ ސިފައެއް،" ޕްރޮފެސަރު ވިދާޅުވި އެވެ.