ބޮލީވުޑް

މުޅި ފިލްމު އިންޑަސްޓްރީ އަހަންނާ ދެކޮޅު: ގޯވިންދާ

ފިލްމު އިންޑަސްޓްރީގެ އެންމެން ވެގެން އޭނާގެ ކެރިއަރު ފުނޑުފުނޑުކޮށްލާ ދުވަސް ދުއްވާލަން މަސައްކަތް ކޮށްފައިވާ ކަމަށް ގޯވިންދާ ތުހުމަތު ކޮށްފި އެވެ. ޓީވީ ހޯސްޓް މަނީޝް ޕޯލްގެ ޕޮޑްކާސްޓް ޝޯއެއްގައި ވާހަކަ ދައްކަމުން ގޯވިންދާ ބުނި ގޮތުގައި މިހާރު މި ދުނިޔެއަށް އަލްވަދާއު ކިޔާފައިވާ މަޝްހޫރު އެކްޓަރު ދިލިޕް ކުމާރު ދުނިޔޭގައި އޭނާ ވަރަށް ރަނގަޅު ނަސޭހަތް ގޯވިންދާ އަށް ދީފައި ވެއެވެ.

"އަހަރެންގެ އުމުރުން 21 އަހަރުގައި 75 ވަނަ ފިލްމު ކުޅެން ސޮއި ކުރުމުން ދިލިޕް ސާހަބް އެއް ދުވަހަކު އަހަރެން ކައިރިއަށް އައިސް ބުނި ގޯވިންދާއޭ މިހާރު ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރެއިން 25 ފިލްމެއް ދޫކޮށްލާށޭ. އަހަރެން ބުނިން އެ ފިލްމުތައް ކުޅެން ސޮއި ކުރުމުން ދޭ ފައިސާ ލިބި އެ ފައިސާ ޚަރަދު ވެސް ކުރެވިއްޖޭ. ދިލިޕް ސާހަބް ބުނި އެހެންވިޔަސް ހެވޭ. ކޮންމެވެސް ގޮތަކުން އެ ފައިސާ އަނބުރާ ދައްކާފައި ފިލްމުތައް ދޫކޮށްލާށޭ،" ގޯވިންދާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި އެ ދުވަހު ދިލިޕް ކުމާރު ދިނީ ހަގީގަތުގައި ވެސް ވަރަށް ރަނގަޅު ނަސޭހަތެކެވެ. އޭރު އޭނާ ފަސް ޝިފްޓަށް ހޭބޯ ނާރާ މަސައްކަތް ކުރަމުން ދިޔަ އެވެ. އަދި އެހާ ބުރަކޮށް އުޅުމުގެ ސަބަބުން އެހާ ޅަ އުމުރުގައި ވެސް އޭނާގެ ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރަމުން ދިޔަ އެވެ.

"އަހަރެން އޭރު އަބަދު އުޅެނީ ބަލިވެ. އިރުއިރުކޮޅާ ހޮސްޕިޓަލުގައި އެޑްމިޓްވެ ފަރުވާ ހޯދަން ޖެހުނު. އެއް ފަހަރަކު އަހަރެން 16 ދުވަސް ވަންދެން އެއްގޮތަކަށް ވެސް ނުނިދާ މަސައްކަތްކުރިން،" ގޯވިންދާ ބުންޏެވެ.

ގޯވިންދާގެ ތަރި މެދުއުޑުގައި ފިޔަޖަހަން ފަށައި ސުޕަސްޓާރަކަށް ވުމުގެ ފައިދާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށްކޮށް ޚުދް އެމީހުންނަށް މަޝްހޫރުކަން ލިބުމުގެ ވަސީލަތަކަށް ގޯވިންދާ ވިއެވެ. ނަމަވެސް މިހާރު އެ އެންމެން އޭނާއަށް ފުރަގަސްދީ އޭނާގެ އަގު ވައްޓާލަން އެންމެންވެގެން މަސައްކަތްކުރަމުންދާ ކަމަށް ގޯވިންދާ ބުންޏެވެ.

"އަހަންނަކީ ވަރަށް އަންޕްރޮފެޝަނަލް މީހެކޭ. ލަހުން ފިލްމު ސެޓުތަކަށް އަންނަ މީހެކޭ ކިޔާ އެކި ކަހަލަ ބަދުނާމުތައް އަހަރެންގެ ބޮލުގައި އަޅުވަމުން ގެންދިއުމުގެ ސަބަބުން ކެރިއަރު ފުނޑުފުނޑުވީ،" ގޯވިންދާ ކިޔައިދިނެވެ.

ގޯވިންދާ ބުނި ގޮތުގައި އޭނާގެ ރަން ޒަމާނުގެ ގޮތުގައި ބަލައި 14-15 ވަރަކަށް އަހަރު އެއްވެސް މީހަކަށް އޭނާ ލަހުން ފިލްމު ސެޓުތަކަށް އަންނަކަމާއި އަންޕްރޮފެޝަނަލްކަން ފާހަގައެއް ނުކުރެވުނެވެ. ނަމަވެސް އޭނާގެ ފިލްމުތައް ފްލޮޕްވާން ފެށުމާއެކު އެންމެން އޭނާގެ ގޯސް ވާޙަކަތައް ދައްކަން ފެށީ އެވެ.

ގޯވިންދާ ބުނި ގޮތުގައި އެންމެ އުހުގައި ހުއްޓާ ކިރިޔާ ވެސް އަރިއަޅާލާ ގޮތް ވެއްޖެނަމަ ފައިގައި ހިފާ ވައްޓާލަން ތައްޔާރަށް ވަރަށް ގިނަ ބަޔަކު ތިބެ އެވެ. އޭނާ ނޫން "ވަރަށް މާތް" އެހެން ބައެއް އެކްޓަރުންނަށް ވެސް މިގޮތަށް ދިމާވެފައި ވާކަމަށް ގޯވިންދާ ބުންޏެވެ.

ގޯވިންދާ ބުނި ގޮތުގައި އޭނާގެ ދުވަސް ދުއްވާލަން މަސައްކަތްކުރާ މީހުންނަށް އޭނާ އެކަމެއް ނާންގަ އެވެ.
"އަހަންނަކީ އެކްޓަރެއް. ރިއެކްޓަރެއް ނޫން،" ނިންމާލަމުން ގޯވިންދާ ބުންޏެވެ.