ބޮލީވުޑް

އަނަންތުގެ ކައިވެނި: ޝްލޯކާ ކުރީގެ ހަނދާންތައް އާކޮށްފި

އަނަންތު އަންބާނީގެ ކައިވެނި ކުރުމުގެ ކުރިން ބޭއްވި ހަފްލާއެއް ކަމަށްވާ ސަންގީތުގައި އޭނާގެ ބޭބެ އަކާޝް އަންބާނީގެ އަންހެނުން ޝްލޯކާ މެހެތާ ކުރީގެ ހަނދާންތައް އާކޮށްލައިފި އެވެ.

ޝްލޯކާ، ސަންގީތަށް ދާން ލީ ހެދުމަކީ މަޝްހޫރު ބޮލީވުޑް ފިލްމު "ކަބީ ހުޝީ ކަބީ ޣަމް"ގައި ކަރިނާ ކަޕޫރު ލީ ހެދުމުން އިންސްޕިރޭޝަން ހޯދާފައިވާ ހެދުމެކެވެ.

ޝްލޯކާގެ ކޮއްކޮ ދިޔާ މެހެތާ ވަނީ އޭނާގެ ދައްތަގެ ފޮޓޯ ސޯޝަލް މިޑިއާގައި ޕޯސްޓުކޮށްފަ އެވެ. އޭނާ ވަނީ އަނަންތުއާއި ރަދިކާ މާޗަންޓުގެ ކައިވެނީގެ ހަފްލާއަށް އެ ހެދުން އަލުން އުފައްދާފަ އެވެ.

އޭނާ ބުނެފައިވަނީ ސަންގީތަށް ލާނެ ހެދުމަކަށް ހިޔާލުކުރިއިރު ބޭނުންވީ މަޖާ، އެލިގަންޓް އަދި "އައިކޮނިކް" އެއްޗަކަށް އެ ހެދުން ވުމަށް ކަމަށެވެ. އަދި ގިނަ މަޝްވަރާތަކަކަށްފަހު ނިންމީ "ކަބީ ހުޝީ ކަބީ ޣަމް" ގައި ފެންނަ ލަވަ ކަމަށްވާ "ބޮލޭ ޗުޑިޔާން" ގައި ކަރީނާ ލީ ހެދުން އަލުން އުފައްދަން ކަމަށެވެ.

މި ޕޯސްޓު ސޯޝަލް މިޑިއާގައި ޝެއާކޮށް ކަރީނާ ވަނީ ޝްލޯކާއަށް ތައުރީފްކޮށްފަ އެވެ.

އަނަންތުއާއި ރަދިކާގެ ކައިވެނި ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

މި ހަފްލާގައި ބޮލީވުޑްގެ ގިނަ އޭ-ލިސްޓް ތަރިންނާއި، ހޮލީވުޑްގެ ބައެއް މަޝްހޫރު މީހުންގެ އިތުރުން އެކި ގައުމުތަކުގައި ފާހަގަކޮށްލެވޭ ސިޔާސީ ބޭފުޅުންނާއި ނުފޫޒުގަދަ ވިޔަފާރިވެރިންވެސް ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.