ބޮލީވުޑް

ރަންދީރު އާއި ބަބީތާ 35 އަހަރު ފަހުން ސުލްހަވެއްޖެ

ކަރީނާ އާއި ކަރިޝްމާ ކަޕޫރުގެ މަންމަ އާއި ބައްޕަ އަދި ކުރީގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ރަންދީރު ކަޕޫރާއި ބަބީތާ ވަކިން ދިރިއުޅޭތާ 35 އަހަރަށް ފަހު ދެ ވަނަ ފަހަރަށް ގުޅިއްޖެ އެވެ.

ކައިވެންޏަށް 17 އަހަރު ވީތަނާ ދެ މީހުންނަށް އެކުގައި ނޫޅެވޭނެކަން ޔަގީންވެގެން ދެ މީހުން ވަކިވެގެން މުޅިން ދެ ގެއެއްގައި ދިރިއުޅެމުން ދިޔަ ނަމަވެސް އެކަކު އަނެކަކު ކައިރިން ވަރިއެއް ނުވެ އެވެ.

މައިންބަފައިން ސުލްހަކޮށް އަލުން ގުޅުވަން ކަރިޝްމާ އާއި ކަރީނާ ވަރަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ފާއިތުވީ 35 އަހަރު ތެރޭ އެމީހުން ކުރި ހުރިހާ މަސައްކަތް ވަނީ ބޭކާރުވެފަ އެވެ.

މި ދެ މީޙުން ކުރެ މައްސަލަ ޖައްސާ މީހަކީ ބަބީތާ އެވެ. ރަންދީރު އަކީ ވަރަށް ފަރުވާ ކުޑަ ދިރިއުޅުމެއް އުޅޭ މީހެއްކަމަށް ބަބީތާ ސިފަ ކުރެ އެވެ. ވީމާ އޭނާގެ އެޅުން ކަމުނުދާތީ ބަބީތާ އޭނާއާ ވަކިން ދިރިއުޅުނީ އެވެ.

ރަންދީރު އާ ވަކިވެ ދެ ދަރިން ގޮވައިގެން ބަބީތާ އުޅުނީ ވަކިންނެވެ. އަދި ދެ ދަރިންގެ ފިލްމީ ކެރިއަރުގެ ބިންގާ އަޅައިދިނީ އެ ރޮނގުން އެމީހުންނަށް ކުރިއެރުން ހޯދާދިނުމަށް ބަބީތާ ވަރަށް ގިނަ މަސައްކަތް ކޮށްފައި ވެއެވެ.

އީޓައިމްސްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި 35 އަހަރު ވަކިން އުޅުމަށްފަހު ބަބީތާ ވަނީ ބާންޑްރާގައި ހުންނަ ރަންދީރުގެ އާ ގެއަށް އޭނާއާއެކު ބަދަލުވެފަ އެވެ. މައިންބަފައިންގެ ދިރިއުޅުން އެއް ފުރާޅެއްގެ ދަށަށް ބަދަލުވުމުން ކަރީނާ އާއި ކަރިޝްމާ ވަރަށް އުފަލުން ތިބިކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި މި ދެމަފިރިން އަލުން އެކުގައި ދިރިއުޅެން ފެށިތާ މިހާރު ހަތް މަސް ވެއްޖެ އެވެ. މީޑިއާތަކަށް މި ވާހަކަ އެނގިގެން އެ ވާހަކަ ރިޕޯޓްކުރީ އަދި ކިރިޔާ އެވެ.

މީގެ ކުރިން 2008ގައި ވެސް މި ދެ މީހުން އެކުގައި ދިރިއުޅެން ފަށަން އުޅޭކަމުގެ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް ފަހުން ރަންދީރު ބުނެފައިވަނީ އެހާ އަވަހަށް އެކަން ވާނެހެން ހީނުވާ ކަމަށެވެ.

ވަރަށް ކުރިން "ކަޕިލް ޝަރުމާ ޝޯ"އެއްގައި ބައިވެރިވެ ވާހަކަ ދައްކަމުން ރަންދީރު ވަނީ އޭނާ އާއި ބަބީތާގެ ލޯބި ފެށުނުގޮތް ކިޔައިދީފަ އެވެ. ރަންދީރު ބުނި ގޮތުގައި އޭނާ ބަބީތާ އާ ރައްޓެހިވެގެން އުޅުނީ ސީރިއަސް ކޮށެއް ނޫނެވެ. ނަމަވެސް ރަންދީރުގެ މައިންބަފައިންނަށް އެކަން އެނގިގެން 1971ގައި އެ ދެ މީހުންގެ ކައިވެނި ކުރުވީ އެވެ.

ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ރަންދީރު ބުނި ގޮތުގައި އޭނާ އުޅޭ ގޮތުން ބަބީތާ އަބަދުވެސް ވަރަށް ރުޅި އާދެއެވެ. އޭނާ ރާ ބޯތީ އާއި ރޭގަނޑު ދަންވަންދެން ބޭރުގައި އުޅޭތީ އެވެ. އެހެންވެ ދެ މީހުންނަށް މި ކަންތައްތަކުގައި އެއްގަލަކަށް ނޭރިގެން ވަކިން ދިރިއުޅެން ނިންމީއެވެ.

އެހާ ގިނަ ދުވަހު ވަކިން އުޅުނުއިރުވެސް ވަރިނުވެ ތިބި ސަބަބު ވެސް ރަންދީރު ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެހެން ކައިވެންޏެއް ކުރުމުގެ ވިސްނުމެއް އެދެމީހުންގެ ނެތެވެ. ވީމާ ކޮންމެހެން ވަރިވުމުގެ ބޭނުމެއް އޮތް ކަމަށް އެމީހުންނަށް ގަބޫލެއް ނުކުރެވެ އެވެ.